ރައީސް މުއިއްޒުގެ މާލީ ބަޔާން އާންމުކޮށްފި: 5.9 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި 1.3 މިލިއަން ރުފިޔާގެ ލޯނެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގާނޫނުން ލާޒިމްކުރާ ގޮތުގެ މަތިން އެމަނިކުފާނުގެ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާ އަދި ދަރަނި ހާމަކޮށް 18 މެއި 2026 ގައި މާލީ ބަޔާން ހުށަހަޅުއްވައިފިއެވެ.

މި ބަޔާނުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ރޯހައުސްއަކުން ކުލީގެ ގޮތުގައި 240,000 ރުފިޔާ އަދި މ. ފިގު ގޭގެ އާއިލީ ފަރާތްތަކުން ލިބުނު ފައިސާގެ ގޮތުގައި 180,000 ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ އާމްދަނީއަށް ބަލާއިރު، ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި 78,000 ރުފިޔާ އަދި މިނިސްޓްރީ އޮފް ހެލްތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި 4,927 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދޭ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތެރޭގައި 5,919,500 ރުފިޔާގެ އަގުހުރި ހުޅުމާލޭގެ ރޯހައުސްއަކާއި، 260,000 ރުފިޔާގެ ކާރެއްގެ އިތުރުން ހއ. ވަށަފަރުން 150,000 ރުފިޔާގެ ބިމެއް ހިމެނެއެވެ. އަދި މ. ދިމްޔާތާއި މ. ފިގު އިން ލިބިވަޑައިގެންފައިވާ ތަރުކާ މުދަލުގެ ގޮތުގައި ބިން އޮތް ނަމަވެސް، އެ ބިންތަކުގެ އަގު ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.

ބޭންކު އެކައުންޓްތަކުގައި ހުރި ފައިސާއަށް ބަލާއިރު، ބީއެމްއެލްގެ ދެ އެކައުންޓަކާއި އެމްއައިބީގެ އެކައުންޓެއްގައި ޖުމްލަ 1,887,315 ރުފިޔާ ހުރި ކަމަށް ބަޔާނުގައިވެއެވެ. ދަރަނީގެ ގޮތުގައި ރައީސް މުއިއްޒު ހާމަކުރައްވާފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީއަށް ދައްކަންޖެހޭ 1,319,265 ރުފިޔާގެ ލޯނެކެވެ. ފަސްޓް ލޭޑީގެ ނަމުގައި އެއްވެސް ދަރަންޏެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ މި ބަޔާނަކީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި ދެފުށް ފެންނަ މިންވަރު ކަށަވަރުކުރުމަށްޓަކައި ގާނޫނުން ލާޒިމްކުރާ ކަމެކެވެ. މިވަގުތު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުރީ ހަމައެކަނި ރައީސާއި ނައިބު ރައީސްގެ މާލީ ބަޔާނެވެ.

ހިއްސާ ކުރައްވާ!