އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިނުލައްވައި، އައު ޖީލަކަށް ފުރުސަތު ދެއްވުމަށް ސޯލިހު ނަޝީދަށް ގޮވާލައްވައިފި

ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަން އަނބުރާ ގެންދަވައި، ޕާޓީގެ ލީޑަޝިޕް އައު ޖީލަކާ ހަވާލުކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރުގައި ކެންޑިޑޭޓް މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭން ރެލީއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، މިއީ ރައީސް ނަޝީދު ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް އުނިކަމެއް ގެނައުން ނޫން ކަމަށެވެ.

އަޅުގަނޑު އެއްވެސް ގޮތަކުން ރައީސް ނަޝީދަށް އިހާނެތިކޮށް ހިތަނީއެއް ނޫން. އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަށް އިންކާރު ކުރަނީއެއް ނޫން، ސޯލިހު ވިދާޅުވިއެވެ. ނަމަވެސް، މި އިންތިޚާބަކީ ރައީސް ނަޝީދު ވާދަކުރައްވަންޖެހޭ އިންތިޚާބެއް ނޫން ކަމަށް ސޯލިހު ސާފުކޮށް ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާއިރު، އައު ޖީލަކަށް ލީޑަޝިޕް ހަވާލުނުކޮށްފިނަމަ ޒުވާން ޖީލަކަށް ލިބެން އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ. އެއް ބަޔަކު 30 އަހަރު ވަންދެން  ލީޑަޝިޕްގައި ތިބުމުން ކުރިމަތިވާ މައްސަލަތައް އެމްޑީޕީގައި ތަކުރާރުވާން ބޭނުންފުޅު ނުވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވާލައްވަމުން ސޯލިހު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދާއި، ރައީސް ޔާމީން އަދި އެމަނިކުފާނު ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ މަސައްކަތްތަކަށް ތިން ރައީސުންގެ ފުރިހަމަ ސަމާލުކަން ބޭނުންވާ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރަނީ މިއީ ރައީސް ނަޝީދު ވާދަކުރައްވަންޖެހޭ އިންތިޚާބެއް ނޫން ކަމަށް. މިއީ ގައުމު އިސްލާހުކުރުމަށް އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓާއެކު އެމަނިކުފާނު ކުރިއަށްދާންވީ ވަގުތު، ސޯލިހު ވިދާޅުވިއެވެ.

އަންނަ މަހު އެމްޑީޕީއަށް 21 އަހަރު ފުރޭއިރު، އެ މުނާސަބަތުގައި ޕާޓީގެ ބާނީންނާއި، އިންތިޚާބީ ދެ ރައީސުންނާއި، ކުރީގެ މަޖިލިސް ރައީސުންނާއި ޗެއާޕާސަނުން އެކުވެ، ރަސްމީކޮށް އައު ލީޑަޝިޕަކާ ޕާޓީ ހަވާލުކުރާ މަންޒަރު ދެކެން ބޭނުންފުޅުވާ ކަމަށް ސޯލިހު ވިދާޅުވިއެވެ. އަދި މީކާއިލްގެ މެނިފެސްޓޯއަށް ތައުރީފު ކުރައްވަމުން، އެއްވެސް ނުފޫޒެއް ނެތި ޕާޓީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ގާބިލުކަން މީކާއިލްގެ ކިބައިގައި ހުރި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވާއިރު، މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯލިހު ވަނީ މީކާއިލް އަހުމަދު ނަސީމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އޭރުވެސް ދެ ބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަން ފާހަގަކުރެވުނު ނަމަވެސް، ހިންނަވަރުގައި ބޭއްވި މި ޖަލްސާގައި ސޯލިހު ވަނީ އެމަނިކުފާނުގެ ނިންމެވުން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!