މި އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 12.2 އިންސައްތަ އިތުރުވެ، ބަޖެޓުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފައިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތުގެ ޖުމްލަ ޚަރަދު މި މުއްދަތުގައި ހުރީ 16.7 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 22.4 އިންސައްތަ އިތުރު އަދަދެކެވެ. ޚަރަދުތައް އިތުރުވި ނަމަވެސް، ލިބުނު އާމްދަނީ ޚަރަދަށްވުރެ އިތުރުވުމުގެ ސަބަބުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ލިބިފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 14.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 2.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޓެކުހުން ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.1 އިންސައްތައިގެ ކުރިއެރުމެކެވެ. ޚާއްޞަކޮށް ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 31.3 އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
-
-
-
-
- ދައުލަތުގެ ޖުމްލަ ޚަރަދު 16.7 ބިލިއަން ރުފިޔާ
- މިއީ ކުރީ އަހަރާ އަޅާބަލާއިރު 22.4 އިންސައްތަ އިތުރުވުމެއް
- ރިކަރަންޓް ޚަރަދުގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
- އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތަށް 118.2 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ލިބިފައިވޭ
- ކެޕިޓަލް ޚަރަދުގެ ގޮތުގައި 2.0 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
-
-
-
ސަބްސިޑީއަށް ކުރި ޚަރަދު 77.8 އިންސައްތަ އިތުރުވެ، 2.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމެވެ. މީގެ އިތުރުން، ސަރުކާރުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު 5.3 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ފައިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވާގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ޚަރަދުތައް އިތުރުވި ނަމަވެސް، ޓެކްސް އާމްދަނީ އިތުރުވުމަކީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކޮށްދިން މުހިންމު ސަބަބެކެވެ.




