މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން ބޭރުގެ ގައުމުތަކުން އައި ހައްޖުވެރިންގެ އަދަދު 1،518،000 (އެއް މިލިއަން ފަސްލައްކަ އަށާރަ ހާސް) އަށް އަރާފައިވާ ކަމަށް އެގައުމުގެ ހައްޖު ސެކިއުރިޓީ ފޯސްގެ ކޮމާންޑަރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މައްކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ހައްޖު ސެކިއުރިޓީ ފޯސްގެ ކޮމާންޑަރުން މައުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް އައި ހައްޖުވެރިންގެ ތެރެއިން 30 އިންސައްތަ މީހުން އައިސްފައިވަނީ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ދަށުންނެވެ. މީގެ އިތުރުން ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއްވިއެވެ.
މިދިޔަ ހުކުރު ދުވަހަކީ މިއަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ހުކުރު ދުވަސް ކަމަށްވާއިރު، އެތައް ލައްކަ ހައްޖުވެރިންނެއް ވަނީ މަސްޖިދުލް ޙަރާމްގައި ހުކުރު ނަމާދު އަދާކޮށްފައެވެ. ހުކުރު ޚުޠުބާގައި އިމާމް ޝައިޚް މާހިރު އަލް މުއައިގިލީ ވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމާއި ރޫހާނީ ފަޟީލަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން މައްކާގައި ހައްޖު ސެކިއުރިޓީ ފޯސްގެ ޚާއްސަ ޕެރޭޑެއް ބާއްވައި، ތައްޔާރީތައް ވަނީ ދައްކާލާފައެވެ. ސައުދީ ސަރުކާރުން އަންނަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.







