އުޟްހިޔާ ކަތިލުމަށް ފުރައްސާރަކުރުމަކީ ހަރާމްކަމެއް: ޖޯޑަންގެ ފަތުވާ މަޖިލިސް

އަޟްހާ އީދުގެ އުޟްހިޔާ ކަތިލުމުގެ މަތިވެރި އަޅުކަމަށް ފުރައްސާރަކޮށް، އެކަމާ ދެކޮޅަށް ވާހަކަދެއްކުމަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ޖޯޑަންގެ ޖެނެރަލް އިފްތާ ޑިޕާޓްމަންޓް އިން ކަނޑައަޅައިފިއެވެ. އެ އިދާރާއިން މި ފަތުވާ ނެރެފައިވަނީ އުޟްހިޔާ ކަތިލުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ޖަނަވާރުގެ އާބާދީއަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ޚިޔާލުތަކާ ގުޅިގެންނެވެ.

އުޟްހިޔާއަކީ ދީނީ މަތިވެރި ޝިއާރެއް

އިފްތާ ކޮމިޓީން ނެރުނު ނަންބަރު (4473) ގެ އިލްމީ ފަތުވާގައި ބަޔާންކޮށްފައިވަނީ، އުޟްހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، އެއީ މާތްﷲ މަތިވެރިކުރައްވާފައިވާ ދީނީ ޝިއާރުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. އަދި މިފަދަ އަޅުކަމަކަށް މަލާމާތްކުރުމަކީ ނުވަތަ އެކަމުގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށާއި، އެއީ ބޮޑުވެގެންވާ ފާފައެއް ކަމަށްވެސް ކޮމިޓީން އިންޒާރު ދީފައިވެއެވެ.

﴿الحج 32﴾ ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ
(ކަންހުރިމަގީ) އެއީއެވެ. އަދި ﷲގެ ޝަޢާއިރުތަކަށް (އެބަހީ: ހަދުޔު ކަތިލުމާއި، އުޟުޙިޔާ ކަތިލުމާއި، ޙައްޖުގެ ޢަމަލުތަކާއި، އެނޫންވެސް ދީނީ އަމުރުތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ.

އިގްތިސާދީ އަދި ތިމާވެށީގެ ދައުވާތަކަށް ރައްދު

ޖަނަވާރުގެ އާބާދީ މަދުވާކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެމުން އިފްތާ އިދާރާއިން ބުނީ، އުޟްހިޔާ ކަތިލުމަށްޓަކައި ދަނޑުވެރިންނާއި މީހުން ގެންގުޅޭ ޖަނަވާރުތައް އިތުރުކޮށް އާލާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. މީގެ ސަބަބުން ޖަނަވާރުގެ އާބާދީ އިތުރުވެ، އިގްތިސާދީ ގޮތުން އެ ދާއިރާއަށް ކުރިއެރުން ލިބޭ ކަމަށް ފަތުވާގައިވެއެވެ. އަދި އުޟްހިޔާގެ ގޮތުގައި ކަތިލެވެނީ ހަމައެކަނި ޖަމަލު، ގެރި، ކަންބަޅި އަދި ބަކަރި ކަމަށްވާއިރު، މިއީ އާބާދީ ހުސްވެދާނެ ފަދަ ނުރައްކަލެއް އޮތް ޖަނަވާރުތަކެއް ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.

﴿الحج 36﴾ وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ
ތިޔަބައިމީހުންނަށްޓަކައި، ޖަމަލުވެސް ﷲގެ ޝަޢާއިރުތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް ﷲގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި ސުއާލު ކުރާ ފަޤީރުންނާއި، ސުއާލު ނުކުރާ ފަޤީރުންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ އެތަކެތި ޚިދުމަތްތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ.
﴿37﴾ لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ ۗ وَبَشِّرِ الْمُحْسِنِينَ
އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤްވާވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، ﷲއަށް ތިޔަބައިމީހުން ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި އިޙްސާންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!

އިންސާފުން އެއްކިބާވެފައިވާ ފާޑުކިޔުންތައް

އިފްތާ ކޮމިޓީން އިތުރަށް ފާހަގަކުރި ގޮތުގައި، އުޟްހިޔާއާ ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުގެ މަގްސަދާމެދު ސުވާލު އުފެދެއެވެ. ސަބަބަކީ ދުނިޔޭގެ ބާޒާރުތަކުގައި ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކު އެތައް ހާސް ޖަނަވާރެއް ކަތިލަމުންދާއިރު އެކަމާ މެދު އެފަރާތްތަކުން އެއްޗެއް ނުބުނާތީއެވެ. ނަމަވެސް، ފަގީރުންނަށް އެހީތެރިވުމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރެވޭ އުޟްހިޔާގެ އަޅުކަމަށް ފާޑުކިޔުމަކީ އިލްމީ ހަމައެއް ނެތް، އިންސާފުން އެއްކިބާވެފައިވާ ކަމެއް ކަމަށް ކޮމިޓީން ބުންޏެވެ.

﴿النحل 5﴾ وَالْأَنْعَامَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ
އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ނަޢަމް ސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.

ނިންމާލަމުން އިފްތާ އިދާރާއިން އިލްތިމާސްކުރީ، ޖަނަވާރުތަކަކީ އިންސާނުންގެ ބޭނުމަށްޓަކައި މާތްﷲ އުފައްދަވާފައިވާ ތަކެތި ކަމަށްވާއިރު، ދީނީ ޝިއާރުތަކަށް ބަދުބަސް ބުނުމުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށެވެ.

﴿الروم 10﴾ ثُمَّ كَانَ عَاقِبَةَ الَّذِينَ أَسَاءُوا السُّوأَىٰ أَن كَذَّبُوا بِآيَاتِ اللَّهِ وَكَانُوا بِهَا يَسْتَهْزِئُونَ
ދެން ނުބައިކޮށް ކަންތައްކުރި މީހުންގެ ނިމުންވީ (އެއުރެންނަށް ލިބުނު) އެންމެ ނުބައި ޖަޒާއަށެވެ. އެއީ އެއުރެން ﷲގެ އާޔަތްތައް ދޮގުކޮށް، އެ އާޔަތްތަކަށް ފުރައްސާރަކޮށް އުޅުނު ބަޔަކު ކަމުގައިވީތީއެވެ.

"އުޟްހިޔާ ކަތިލުމަކީ މާތްﷲ ގެ އަމުރުފުޅަށް ބޯލަނބައި، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ މަތިވެރި އަމަލެއް،" ކަމަށް ފަތުވާގައި ބަޔާންކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!