ސައުދީ އަރަބިއްޔާގެ ބައެއް ޔުނިވަރސިޓީތަކުން، ޚާއްސަކޮށް ރިޔާދު ޔުނިވަރސިޓީ ފޯ ދަ އާޓްސް ފަދަ މުއައްސަސާތަކުން ކިޔަވައިދިނުމުގައި އިނގިރޭސި ބަސް ބޭނުންކުރަން ފެށުމާ ގުޅިގެން އެ ގައުމުގެ ސަގާފީ އަދި ތައުލީމީ ދާއިރާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. މި ނިންމުމަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް ވަނީ އިތުރުވެފައެވެ.
މި ބަހުސް އުފެދިފައި މިވަނީ ސައުދީ އަރަބްގެ ދަރިވަރުންގެ މާދަރީ ބަސް ކަމަށްވާ (اللغة العربية) ގެ ފެންވަރު ދަށްވަމުންދާ ކަމުގެ ބިރުވެރިކަން އުފެދިފައި އެކަމާ މެދު ތަރުބަވީ ދާއިރާގެ މާހިރުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. ބައިނަލްއަގުވާމީ ލިޔުންތެރިކަމުގެ މިންގަނޑެއް ކަމަށްވާ PIRLS ގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ސައުދީ ދަރިވަރުންގެ ނަތީޖާ ކަމަށްވާ (449 ޕޮއިންޓް) ހުރީ ދުނިޔޭގެ އެވްރެޖް މިންގަނޑު ކަމަށްވާ 500 ޕޮއިންޓަށް ވުރެ ދަށުގައެވެ. އަދި ބައެއް ކުދިންނަށް އަރަބިން ލިޔަން ނޭނގޭ ކަމާއި ލިޔުމުގެ ހުތުރު ކަމާއި އަދި ސާފު އަރަބި ބަހުން މޮށެން ނޭނގޭކަމަށް ބުނެއެވެ.
ތައުލީމީ މާހިރުން ފާހަގަކުރާ ގޮތުގައި އަރަބި ބަހުން ކިޔުމާއި ދޭހަވުމުގައި ދަރިވަރުންނަށް ދަތިތަކެއް ދިމާވަނީ އިމްތިހާނުތަކުގައި "ތަޝްކީލް" ނުވަތަ ފިލިތައް ބޭނުންނުކުރުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ގޭތެރޭގައާއި މީޑިއާގައި ފުސްޙާ ނޫން އާންމު ބަހުރުވަ ބޭނުންކުރުން އިތުރުވެ، އައު ޖީލުގެ ސައުދީ އިންސާނުން ފޮތް ކިޔުމާ ދުރުވުމަކީވެސް ދަރިވަރުންގެ ފެންވަރު ދަށްވާ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މީގައި ތަރުބަވީ މާހިރުން ކަންބޮޑުވާ އަނެއް ކަމަކީ މުއްސަނދިން ދަރިން ކިޔަވަން ފޮނުވާ އަމިއްލަ ސްކޫލްތަކުގައި އަރަބި ބަހަށް އަޅާ ނުލުމާއި ފަރަންޖީ ބަސްތަކަށް ދޭ ސަމާލުކަން ބޮޑުވުމެވެ. މީގެ ސަބަބުން އަރަބި ބަހުގެ ގަވާއިދާއި އިމްލާގެ ހުނަރުތަކަށް ބީރައްޓެހި ޖީލެއް ބޮޑު ވަމުން އަންނަ ކަމަށް މާހިރުން އިންޒާރުދެއެވެ. އެހެންކަމުން، ފަންނީ ދާއިރާތަކުން އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ކުރިމަގުގައި ސައޫދީ އިންސާނާއަށް އަރަބި ބަސް ކަމަށްވާ މާދަރީ ބަހަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި ތަރުބަވީ މާހިރުން ދެކެއެވެ.
ފަރަންޖީ ބަހުން މާއްދާތައް ކިޔަވައި ދިނުމަށް ތާއީދުކުރާ ލާދީނީ ފިކުރުގެ ފަރާތްތަކުން ބުނާ ގޮތުގައި ދުނިޔޭގެ ވަޒީފާއާއި މަސައްކަތުގެ ބާޒާރުގެ ބޭނުންތަކަށް ބަލާއިރު ކޮންމެހެން ވެސް ފަރަންޖީ ބަހުން ކިޔަވައި ދޭން ޖެހެއެވެ. މަޝްހޫރު ފަންނާނު ނާސިރު އަލް ގަސަބީ އާއި ފާޑުކިޔުންތެރިޔާ އަބްދުﷲ އަލް ގަޒާމީ ފަދަ ބޭފުޅުން ދެކިލައްވާ ގޮތުގައި ފަރަންޖީ ބަހަށް ބާރު ދިނުމުން އުނގެނުމުގެ ދާއިރާ މުއްސަނދިވެގެންދާނެ ކަމެކެވެ. ނަމަވެސް، ތަރުބަވީ މާހިރެއްކަމަށްވާ ސައުދު އަލް ބަޒާއީ އާއި ޅެންވެރިޔާ ފައުޒިއްޔާ އަބޫ ޚާލިދު ފަދަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިއީ އަރަބިންގެ މައް ސަގާފީ އަމިއްލަވަންތަކަމަށާއި އަރަބި ބަހަށް އޮތް ނުރައްކަލެކެވެ.
މިކަމާ ގުޅިގެން ރިޔާދު ޔުނިވަރސިޓީ ފޯ ދަ އާޓްސް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ޔުނިވަރސިޓީން މަސައްކަތް ކުރަނީ އަރަބި ބަހާއި އިނގިރޭސި ބަހުގެ މެދުގައި ހަމަހަމަކަމެއް ގާއިމުކުރުމަށެވެ. އަދި ކިޔަވައިދިނުމުގައި ގައުމީ ސަގާފަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވާނެ ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.







