ޓެކްނިކަލް ޑައިވިންއާ ގުޅޭ ގާނޫނެއް ހެދުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި

ރާއްޖޭގައި ޓެކްނިކަލް ޑައިވިންއާ ގުޅޭ ހާއްސަ ގާނޫނެއް ވުޖޫދުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހާދިސާއާ ގުޅިގެން، ޓެކްނިކަލް ޑައިވިންއަށް ހާއްސަ ހުއްދައެއް ދިނުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ޓެކްރެކް ޑައިވިންއަށް ގާނޫނެއް ހެދުމުގެ ވިސްނުން އެބަހުރި ކަމަށެވެ. "އެކަމަށް ހަރުދަނާ ގަވައިދުތަކެއް ހަދައި، ރެގިއުލޭޓް ކުރަން ޖެހޭ. އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އެ ފަދަ ގާނޫނެއް ހެދޭނެ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ޓެކްނިކަލް ޑައިވިންއާ ގުޅޭ ވަކި ގާނޫނެއް ނެތް ނަމަވެސް، އެފަދަ ގާނޫނެއް ވުޖޫދުވުމުން ކަނޑުއަޑީގެ ދިރާސާތައް ކުރާ ފަރާތްތަކާއި ޓެކްނިކަލް ރެކްރިއޭޝަން ޑައިވަރުންނަކީ އެކަމުގެ ތަޖުރިބާ ހުރި ބަޔަކަށް ވާންޖެހޭނެއެވެ. އަދި ދިވެހިންގެ ތެރޭގައި ވެސް ވަރަށް ކުޅަދާނަ އަދި ތަޖުރިބާކާރު ޑައިވަރުން އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ 200 ފޫޓު ފުން ހޮހަޅައެއްގެ ތެރެއިންނެވެ. ރާއްޖޭގައި އާންމުކޮށް ފީނަން ހުއްދަ އޮންނަނީ 30 މީޓަރު (ގާތްގަނޑަކަށް 100 ފޫޓު) އަށެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވިއެވެ.

މި ހާދިސާގައި މަރުވި ފަތުރުވެރިންގެ ހަށިގަނޑުތައް އިޓަލީއަށް ފޮނުވާލާފައިވާއިރު، އިޓަލީ ސަރުކާރުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ޝަހީދުވެފައެވެ.

ހިއްސާ ކުރައްވާ!