ރައީސް އޮފީހަށް ހުށަހެޅި ހުރިހާ އާރް.ޓީ.އައި ފޯމަކަށް ޖަވާބުދީ ނިންމައިފި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް، މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ޖާވާބުދީ ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މިކަން ހާމަކުރެއްވީ "ޕްރެސާ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ މި ސިލްސިލާގެ ދަށުން ބޭއްވި ހަތަރުވަނަ ބައްދަލުވުމެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، ގާނޫނުގައި އިސްތިސްނާ ކަނޑައަޅާފައިވާ ދާއިރާތައް ފިޔަވައި، ރައީސް އޮފީހަށް ހުށަހެޅުނު ހުރިހާ ފޯމަކަށް މިހާރު ވަނީ ޖަވާބު ދެވިފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތަށް، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގައި ސަރުކާރުން ސައްތައިން ސައްތަ އިޖާބަދިނުމަށެވެ. އަދި ސަރުކާރުގެ އެހޭން މިނިސްޓްރީތަކާއި އިދާރާތަކުންވެސް މިގޮތަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި، އެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭގޮތުންވެސް ތަރުޖަމާނު މައުލޫމާތު ދެއްވި އެވެ. އެގޮތުން ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާ ގުޅިގެން މުދާ އެތެރެކުރުމަށް ޔޫ.އޭ.އީ މެދުވެރިކޮށް އައު މަގުތަކެއް ހޯދުމަށް ވަޒީރުންގެ ކޮމިޓީން މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު 16 އިންސައްތަ ދަށްވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް މިއީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ކުޑަ އަދަދެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ހޫނު މޫސުމުގެ ޗުއްޓީއަށް އުދުހުންތައް އިތުރުކުރުމަށް އެއަރލައިން އޮޕަރޭޓަރުންނާ ވާހަކަދައްކަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!