"އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަން އެވޯޑް" އެމްއައިބީ އަށް

އިސްލާމީ ބޭންކިންގ ދާއިރާއަށް ހާއްސަ ބައިނަލްއަޤްވާމީ އެވޯޑެއް ކަމަށްވާ "އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަން އެވޯޑް" މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެއެވެ. ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް (ސީއެފްއައިކޯ) އިން ދޭ މި އެވޯޑުގެ ތެރެއިން އެމްއައިބީ އަށް ލިބިފައިވަނީ "ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026″ އެވޯޑެވެ.

މިއީ އިސްލާމީ ބޭންކިންގެ ދާއިރާގައި އެމްއައިބީއިން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކޮށް ދީފައިވާ އެވޯޑެކެވެ. ސީއެފްއައި.ކޯއިން ވަނީ، ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއެކު ވެސް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތަކަށް އެދުމުގެ މަގު ފަހިކޮށްދީ، އަތޮޅުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެ ބޭންކުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށްފައެވެ.

މިއެވޯޑު ދިނުމުގައި ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް އެމްއައިބީގައި ގާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި، ޝަރީޢާ އަދި ބޯޑު ފެންވަރުގެ ވަރުގަދަ ނިޒާމުތައް ވަނީ ފާހަގަކޮށްފައެވެ. އެމްއައިބީން ބުނާ ގޮތުގައި އެ ބޭންކުގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ޝަރީޢާ ނިޒާމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ޚިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ މައްޗަށެވެ.

ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުމާއެކު މިދިޔަ އަހަރު ބޭންކުގެ ޖުމުލަ އެސެޓް ވަނީ 16.63 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އެމްއައިބީއަށް ބައިނަލްއަޤްވާމީ މި އެވޯޑު ލިބިފައިވާއިރު، ބޭންކުގެ ހިދުމަތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން އާބާދީ ބޮޑު ރަށްރަށުގައި އިތުރު ބްރާންޗުތަކާއި އޭޓީއެމްތައް ގާއިމްކުރުމުގެ މަސައްކަތް އެ ބޭންކުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!