ރާއްޖޭގެ 15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިޢުލާންކޮށްފިއެވެ. މިއީ އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޞިއްޙީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ. މި މަޝްރޫޢުގެ ދަށުން ލެބޯޓަރީ ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ރ. ފައިނު، ނ. ކުޑަފަރި، ނ. ފޮއްދޫ، ބ. ކުޑަރިކިލު، ބ. ދޮންފަނު، މ. ރަތްމަންދޫ، ލ. މުންޑޫ، ލ. ކުނަހަންދޫ، ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ، ހދ. ނައިވާދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި އަދި އދ. ދިއްދޫގައެވެ.
ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. މި އަހަރުގެ މިހާތަނަށް 18 ރަށެއްގައި މި ޚިދުމަތް އަލަށް ފަށާފައިވާއިރު، ޚިދުމަތް ނެތް 76 ރަށެއްގައި ލެބޯޓަރީ ޤާއިމުކުރުމުގެ މަސައްކަތް ޞިއްޙީ ވުޒާރާއިން ދަނީ ކުރަމުންނެވެ. މީގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ހުރި ރަށަކުން އަސާސީ ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، ލެބޯޓަރީގެ ޚިދުމަތް ރަށްރަށުގައި ޤާއިމުވުމުން ބައެއް ބަލިތައް ދުރާލާ ދެނެގަތުމަށް މަގުފަހިވެ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ބާރަކަށް ވާނެއެވެ. އަދި މިހާރު ޓެސްޓުތައް ހެދުމަށްޓަކައި މާލެއަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލްތައް ހުންނަ ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ހުއްޓުމަކަށް އައިސް، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.





