ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުޞޫލުން ތަރައްޤީ ކުރާ ޕާކިން އިމާރާތްތަކުގައި ޕްރައިވެޓް ޕާކިންގެ ގޮތުގައި 80 އިންސައްތަ ޖާގަ ޚާއްޞަކުރަންޖެހޭ ގޮތަށް އާ ޤަވާއިދެއް އެކުލަވާލައިފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މި ޤަވާއިދަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި، އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.
މި ޤަވާއިދުގައިވާ ގޮތުން، ޕާކިން އިމާރާތެއްގައި ހިމެނޭ ޖުމުލަ ޖާގައަށް ބަލާއިރު، 3 ފުރޮޅުލީ އުޅަނދުތަކާއި 4 ފުރޮޅުލީ އުޅަނދުތަކަށް ޕްރައިވެޓް ޕާކިންގެ ގޮތުގައި 80 އިންސައްތައަށް ވުރެ އިތުރުނުވާނެހެން ޖާގަ ކަނޑައަޅަންޖެހެއެވެ. އަދި ބާކީ ހުންނަ 20 އިންސައްތަ ޖާގަ ޚާއްޞަކުރަންޖެހޭނީ ޕަބްލިކް ޕާކިންގެ ގޮތުގައެވެ. މީގެ އިތުރުން ޕަބްލިކް ޕާކިންގެ ގޮތުގައި ކަނޑައަޅާ ޖާގަތަކުގެ ތެރެއިން މަދުވެގެން 5 އިންސައްތަ ޖާގަ 2 ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ކުރަންޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ޕާކިން އިމާރާތްތައް ބިނާކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރު، އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް އުޅަނދުތައް ދުއްވާފައި ދެވޭނެ އިންތިޒާމު ހުންނަންޖެހެއެވެ. އަދި ޕާކިން ސްލޮޓްތަކުގައި އުޅަނދުގެ ނަންބަރު ޖަހާފައި ހުރުން ނުވަތަ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްލޮޓްތައް ވަކިކޮށްފައި ހުންނަންޖެހެއެވެ. މީގެ އިތުރުން، ރޭގަނޑުގެ ވަގުތުތަކުގައިވެސް ފަސޭހައިން މަގު ދެއްކުމަށްޓަކައި ރެޓްރޯ ރިފްލެކްޓިވް ޓޭޕް ފަދަ ތަކެތި ބޭނުންކޮށްގެން ނިޝާންތައް ހަރުކުރަން ޖެހެއެވެ.
ޕްރައިވެޓް ޕާކިން ޖާގަތަކާ ގުޅޭގޮތުން ޤަވާއިދުގައި ބުނެފައިވަނީ، މިފަދަ ޖާގަތައް ދަތުރުފަތުރާ ބެހޭ ވުޒާރާގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. އަދި ޕްރައިވެޓް ޕާކިން ޖާގައެއް ވިއްކާލެވޭނީ މަދުވެގެން 8 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޕަބްލިކް ޕާކިން ޖާގަތަކުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގެ ޗާޓު މާލެ ސަރަހައްދުގައި ނަމަ ވުޒާރާއަށް، އަދި ރަށްރަށުގައި ނަމަ ކައުންސިލްތަކަށް ހުށަހަޅައި ހުއްދަ ހޯދަންޖެހެއެވެ.
ޕާކިން ޖާގަ ކުއްޔަށް ދޫކުރުމުގައި އިސްކަންދޭންޖެހޭ ފަރާތްތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެހިންނާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން ޞައްޙަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ބިދޭސީން ހިމެނެއެވެ. މި އިމާރާތްތަކުން ނަގާނެ ފީތައް ކަނޑައަޅާނީ އެ އިމާރާތެއް މެނޭޖްކޮށް ހިންގާ ފަރާތަކުން ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.





