ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 26 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު ޗައިނާ ވެފައިވަނީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 136,459 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ޒިޔާރަތްކުރި 107,544 ފަތުރުވެރިންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ޗައިނާ މާކެޓް ހަވަނަ އަށް ވެއްޓުނު ނަމަވެސް، ފެބުރުވަރީ 7 އިން ފެށިގެން އެޤައުމު ވަނީ އަލުން ލިސްޓުގެ އެއްވަނައަށް ޖެހިލާފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ:
1. ޗައިނާ: 136,459 ފަތުރުވެރިން
2. ރަޝިއާ: 117,052 ފަތުރުވެރިން
3. އިނގިރޭސިވިލާތް: 76,339 ފަތުރުވެރިން
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 5.2 އިންސައްތަ ދަށްވެފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ 886,545 ފަތުރުވެރިންނެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެގޮތުން އެ އެއާޕޯޓުން 861,674 ފަތުރުވެރިން އައިސްފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 3,617 ފަތުރުވެރިން އަދި މާފަރު އެއާޕޯޓުން 3,145 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރިއިރު، ހޮޓެލްތަކުގައި 22,659 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,284 ތަނެއް ހުޅުވާފައިވާއިރު، މީގެ ތެރޭގައި 67,000 އަށްވުރެ ގިނަ އެނދު ހިމެނެއެވެ.




