ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކަމަށް ބެލެވޭ ތަނެއް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ. މިއީ މާލޭން ބޭރުން މިފަދަ ގޮތަކަށް ތަނެއް ބަންދުކުރަން ކޯޓުން އެންގި ފުރަތަމަ ފަހަރެވެ.
އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ބަންދުކުރަން އަމުރުކޮށްފައިވަނީ، ޏ. ފުވައްމުލައް / ފުނާޑު، ގުލިސްތާނުގޭގެ ބައެކެވެ. މި އަމުރު ނެރެފައިވަނީ 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހުގެ މުއްދަތަށެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.







