ސައޫދީ އަރަބިއްޔާގެ ސަލާމަތީ ބާރުތަކުން އެއް ހަފުތާގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުނު ޖުމްލަ 8,090 ބިދޭސީން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ސަލާމަތީ ބާރުތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މޭ 21 އިން މޭ 27 ގެ ނިޔަލަށް ހިންގި ބަލައިފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއްގައެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ:
- އިގާމާ ގާނޫނާ ހިލާފުވި: 4,266 މީހުން
- ބޯޑަރު ބެލެހެއްޓުމުގެ ގާނޫނާ ޚިލާފުވި: 2,653 މީހުން
- ވަޒީފާއާބެހޭ ގާނޫނާ ޚިލާފުވި: 1,171 މީހުން
މީގެ އިތުރުން، ޖުމްލަ 7,466 ޣައިރުގާނޫނީ ބިދޭސީން ގައުމުން ޑީޕޯޓްކޮށްލާފައިވާއިރު، ދަތުރުފަތުރުގެ ލިޔެކިޔުންތައް ހޯދުމަށްޓަކައި 14,484 މީހަކު އެމީހުންގެ ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ވަނީ ފޮނުވާފައެވެ. އަދި ފުރުމުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި 572 މީހަކު ކަމާބެހޭ އިދާރާތަކަށް ވަނީ ހަވާލުކޮށްފައެވެ.
ބޯޑަރު ހުރަސްކޮށް ވަންނަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދަކީ 1,176 އެވެ. މީގެ ތެރެއިން 25 އިންސައްތައަކީ ޔަމަނުގެ ރައްޔިތުންނެވެ. 68 އިންސައްތައަކީ އިތިއޮޕިޔާގެ ރައްޔިތުންނެވެ. އަދި ބާކީ 7 އިންސައްތައަކީ އެހެނިހެން ގައުމުތަކުގެ މީހުންނެވެ. މީގެ އިތުރުން ޣައިރުގާނޫނީ ގޮތެއްގައި ގައުމުން ބޭރުވާން އުޅުނު 71 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ގާނޫނާ ހިލާފުވި މީހުންނަށް ދަތުރުފަތުރުގެ އެހީތެރިކަން ދިނުމާއި، ހިޔާވަހިކަން ފޯރުކޮށްދިނުމާއި، އަދި ވަޒީފާ ދިނުމުގައި ބައިވެރިވި 13 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މިވަގުތު ޖުމްލަ 21,685 ބިދޭސީންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަރުހަލާތައް ކުރިއަށްދާއިރު، އޭގެ ތެރޭގައި ހިމެނެނީ 20,512 ފިރިހެނުންނާއި 1,173 އަންހެނުންނެވެ.
ދާހިލީ ވުޒާރާގެ އިންޒާރު: ޣައިރުގާނޫނީ ގޮތެއްގައި މީހުން ގައުމަށް އެތެރެވުމަށް މަގުފަހިކޮށްދޭ، ނުވަތަ ގައުމުގެ އެތެރޭގައި އެފަދަ މީހުން އުފުލައިދޭ، ނުވަތަ ހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަމެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ކޮންމެ މީހަކަށް 15 އަހަރާ ހަމައަށް ޖަލު އަދަބެއް އަދި 1 މިލިއަން ސައޫދީ ރިޔާލާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދަތުރުފަތުރު ކުރަން ބޭނުންކުރި އުޅަނދުތަކާއި ހިޔާވަހިކަން ދޭން ބޭނުންކުރި ގެދޮރުވެސް ދައުލަތަށް ހިފޭނެއެވެ.
އެ މިނިސްޓްރީން ވަނީ މިފަދަ ގާނޫނާ ހިލާފު އަމަލެއް ފެނިއްޖެނަމަ ރިޕޯޓްކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.







