އަހުމަދު ނާޒިމު މަޖިލީހުގެ ނާއިބް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި

އަހުމަދު ނާޒިމު މަޖިލީހުގެ ނާއިބް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި ….

ނާޒިމުގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާން މި ނޫހަށް ވަނީ ލިބިފައެވެ. އޭގައި ބަޔާންކޮށްފައި ވަނީ:

އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ަޖިލީހުގެ މިއަދުގެ ( 31 މެއި 2026) ޖަލްސާއަށް އެޖެންޑާކުރެވިފައިވާ މައްސަލައާއި ހަވާލާދީ ދަންނަވަމެވެ.

އަޅުގަނޑު މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގައި އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ޤަރިނާއެއް އެ ޤަރާރުގައި ބަޔާންކުރައްވާފައި ނުވާތީއާއި މިހާތަނަށްވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުންވިއަސް އަޅުގަނޑު ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެމްބަރަކު ނުވަތަ އެހެންވެސް ފަރާތަކުން ޤާނޫނުއަސާސިއާއި ނުވަތަ މަޖިލީހުގެ ޤަވާއިދާ ޚިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާތީ، މިހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަން ފާހަގަކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ވާޖިބުތަކާއި ޒިންމާތައް އަޅުގަނޑު އަދާކޮށްފައިވާނީ ޤާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުއެވެ. އެއްވެސް ހާލަތެއްގައި މަޤާމުގެ ޒިންމާއިން ބަރީއަވެ މަޤާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެއެވެ.

އެއްވެސް މެމްބަރެއްގެ ވާޖިބެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސްއަޅާފައި ނުވާ ހިނދު، މެމްބަރުންގެ ވާޖީބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޤާނޫނުތަކާއި ޤަވާއިދުތައް ތަންދޭ އެންމެ ފުޅާމިނެއްގައި ވާނީ ކަންކަން ފަހިކޮށްދީ މަގު ތަނަވަސް ކޮށްދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނޭކަމެއް ކޮށްފައި ނުވާނެކަމާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނޭކަމާއި މަޤާމުގެ ނާޖާއިޒު ފައިދާ ނަގާފައި ނުވާނެކަންވެސް ބަޔާންކުރަމެވެ.

އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިޔަތުތައް އަދާކޮށްފައިވާނީ ޤާނޫނީ ހަމަތަކުގެ މަތިން މެމްބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކުގައެވެ. ވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކޮށްފައި ނުވާހިނދު، އަޅުގަޑު މަސައްކަތް ކޮށްފައިވާނީ ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިންހުރިހާ މެމްބަރުންނަށް ހަމަހަމަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖީލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނާއި މަޖީލީހުގެ ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެންމެހާ މެމްބަރުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ވަކިފަރާތަކަށް ނުޖެހި ހަމަހަމަކަމާއި އެކު ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމާއެކު ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަބަދުވެސް ވާނީ މަސައްކަތްކޮށްދީފައެވެ.

ކަން މިހެން ހުރުމާއެކުވެސް، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެމްބަރުން ސޮއިކުރައްވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޅުގަނޑު ވަކިކުރުމަށް ހުށަހަޅުއްވާފައި ވުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަޤީޤަތްކަމުގައި ނުވި ނަމަވެސް، އިންތިޚާބީ މަޤާމަކަށް ވޯޓުލީ އެންމެންހެން އެ މަޤާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަ ދިނުމަކީ ޑިމޮރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއްކަމުގައި ދެކެމެވެ.

ވުމާއެކު އަޅުގަނޑާމެދު ކުރައްވާފައިވާ އެންމެހައި ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއްނެތި އިންކާރު ކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން މި ވަގުތުން ފެށިގެން އަޅުގަނޑު އިސްތިޢުފާ ދީފީމެވެ.

އަދި ދިވެހި ދައުލަތުގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ޔަޤިންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

14 ދުލްޙިއްޖާ 1447
31 މެއި 2026

އަހުމަދު ނާޒިމު
ދިއްގަރުދާއިރާގެ މެންބަރު

 

ހިއްސާ ކުރައްވާ!