ވޭތުވެދިޔަ އަހަރު 225 އަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލައިފި: އެޗްޕީއޭ

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. "އެމްއެމްޓީވީ" އަށް އެޗްޕީއޭއިން ޙިއްޞާކުރި މަޢުލޫމާތުތަކަށް ބަލާއިރު، ދުންފަތް ހުއްޓާލުމަށް ދޭ ފަރުވާ ނުވަތަ ސެޒޭޝަން ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ދުންފަތް ހުއްޓާލުމާއި ފަރުވާގެ ތަފާސްހިސާބުތައް (2025)

  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި ޖުމްލަ: 225 މީހުން (މީގެ ތެރޭގައި: މާލެ ސަރަޙައްދުން ހުއްޓާލި 187 މީހުންނާއި އަތޮޅުތަކުން ހުއްޓާލި 68 މީހުން ހިމެނެއެވެ).
  • ސެޒޭޝަން ފަރުވާ ހޯދި ޖުމްލަ: 1,045 މީހުން
    • ފިރިހެނުން: 982 މީހުން
    • އަންހެނުން: 63 މީހުން
  • މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުން: 580 އަށްވުރެ ގިނަ މީހުން

ޖެނެރޭޝަނަލް ބޭން: ދުނިޔޭގެ ތާރީޚުން ރާއްޖެއަށް ޚާއްޞަ ޖާގައެއް

ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި ތަންފީޒުކުރަން ފެށި އެންމެ މުހިއްމު އަދި ތާރީޚީ ސިޔާސަތަކީ ޖެނެރޭޝަނަލް ބޭން އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙާއެކު، 1 ނޮވެމްބަރު 2025 އިން ފެށިގެން މި ސިޔާސަތު ވަނީ ރާއްޖޭގައި ތަންފީޒުކުރަން ފަށާފައެވެ. މި ބޭންގެ ދަށުން، 1 ޖަނަވަރީ 2007 ވަނަ ދުވަހުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް ރާއްޖޭގައި ދުންފަތުގެ އެއްވެސް އެއްޗެއް ބޭނުންކުރުމާއި ވިއްކުން އެއްކޮށް މަނާވާނެއެވެ.

މިއާއެކު، ރާއްޖެ ވެފައިވަނީ ދުނިޔޭގައިވެސް ދުންފަތް ޖީލުތަކަކަށް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ޤައުމަށެވެ.

ވޭޕް މަނާކުރުމާއި ސިނގިރޭޓް ޑިއުޓީ ބޮޑުކުރުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދުންފަތުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ.

  • 2024 ވަނަ އަހަރުގެ ފަހުކޮޅު ދުންފަތާ ބެހޭ ޤާނޫނު އިޞްލާޙުކޮށް، 14 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި އަދި ވިއްކުން ވަނީ މުޅިން މަނާކޮށްފައެވެ.

  • ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ދުންފަތް ލިބުން ވަނީ ކުރިއަށްވުރެ ބޮޑަށް ދަތިކޮށްފައެވެ.

ހިއްސާ ކުރައްވާ!