ސިނގިރޭޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަނީ

ދުންފަތުގެ އިމްޕޯޓް ޑިއުޓީ ސިނގިރޭޓަކަށް 4 ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާތީ، އެ ބަދަލު ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިޙްސާން ވަނީ ޑިއުޓީއަށް ބަދަލު ގެނައުމާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހާމަކުރައްވާފައެވެ.

ވޭޕް މަނާކުރުމާއެކު 2024 ގައި ޑިއުޓީ ބޮޑުކުރި ސަބަބު

މިނިސްޓަރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، އޭރު ވޭޕް ބޭނުންކުރި މީހުން ކުއްލިއަކަށް ސިނގިރޭޓް ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި ސިނގިރޭޓުގެ ޑިއުޓީ ސަރުކާރުން 2024 ވަނަ އަހަރު ބޮޑުކުރި ކަމަށެވެ.

  • އެންމެ ފަހުން ބަދަލު ގެނައި ތާރީޚް: ނޮވެމްބަރު 2024
  • ގެނައި ބަދަލު: ސިނގިރޭޓުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރި.

"ސަރުކާރުން އޭރު ނެގި އުނދަގޫ ޑިޒިޝަނެއް އެއީ، 8 ރުފިޔާއަށް ޑިއުޓީ ރޭޓު ބޮޑުކުރުމަކީ. އެއީ ވޭޕް މަނާކުރުމާއެކު ގިނަ ބަޔަކު ދުންފަތް ބޭނުންކުރާނެ ކަމަށް އޭރު ކުރި ހުރިހާ ދިރާސާތަކުން ހާމަވުމާއި ތަޖުރިބާކާރުންގެ ލަފާވެސް އެގޮތަށް ލިބުމުން ނިންމި ނިންމުމެއް." ހޯމް މިނިސްޓަރު ޢަލީ އިޙްސާން

2026 ވަނަ އަހަރަށް ޑަބްލިއުއެޗްއޯއިން ދިން ލަފާ

މިނިސްޓަރު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެއިރެއްގައި ކުރާ ދިރާސާތަކަށް ބަލައި ޑިއޓީ ރޭޓަށް ބަދަލު ގެނައުމަކީ ސަރުކާރުން އަބަދުވެސް ކުރާނެ ކަމެއް ކަމަށެވެ.

  • ޑަބްލިއުއެޗްއޯގެ ރިކޮމެންޑޭޝަން: އެ ޖަމިއްޔާއިން ހެދި ދިރާސާއަކަށްފަހު ރާއްޖެއަށް ލަފާދީފައިވަނީ 2026 ވަނަ އަހަރަށް ސްޕެސިފިކް ރޭޓް 4 ރުފިޔާ ގެ ގޮތުގައި ކަނޑައެޅުމަށެވެ.
  • ސަރުކާރުގެ ވިސްނުން: މި ރޭޓަކީ މިހާރުވެސް ސަރުކާރުން ވިސްނަމުން އަންނަ ރޭޓެކެވެ.

ބަދަލު ގެންނާނީ މަޝްވަރާއަށްފަހު މަޖިލިސް މެދުވެރިކޮށް

ޑިއުޓީ ރޭޓަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން ކަމާބެހޭ ހުރިހާ އިދާރާތަކާއި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ. މަޝްވަރާ ކުރުމަށްފަހު، ރޭޓަށް ބަދަލު ގެންނަންޖެހޭ ކަމަށް އެންމެންނަށް އެއްބަސްވެވޭނަމަ، ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެ ލަފާ ހުށަހަޅާނެއެވެ.

ހިއްސާ ކުރައްވާ!