މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކުރިމަތިވި ދަތިތައް ޙައްލުކުރެވި، ދާދި އަވަހަށް މަސައްކަތްތައް ހަލުވިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ވިދާޅުވީ، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުތަކަށް އަޅާ ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަތައް ޙައްލުކުރެވިފައިވާ ކަމަށް ވިދާޅުވެ، ބައެއް ބޮޑެތި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
އެގޮތުން ގުޅީފަޅުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އާރުޑީސީން އަލަށް ގެނައި އުޅަނދުތަކުގެ ތެރެއިން ބައެއް އުޅަނދުތައް އެ މަސައްކަތަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. މިމަސައްކަތްތަކާއެކު ގުޅީފަޅުން ގޯތި ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަސްމާލޭގެ މަޝްރޫޢުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، ގިރާވަރުފަޅުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ.






