ސްރީލަންކާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ސިކުނޑީގެ ދުލި ދުޅަވާ "މެނިންޖައިޓިސް" ބަލި ފެތުރެމުންދާތީ، ބަލީގެ އަލާމާތްތައް ފެންނަ މީހުން މާސްކް އެޅުމަށް އެ ޤައުމުގެ ޞިއްޙީ އިދާރާތަކުން އިރުޝާދުދީފިއެވެ. ނަމަވެސް، ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންދާތީ އާންމު ރައްޔިތުން ބިރުނުގަތުމަށާއި ހާސްނުވުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.
ސްރީލަންކާގެ ޞިއްޙީ ވުޒާރާގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މާތަރަ، ކެންޑީ، ނުވަރެލިޔާ، އަދި ބަދުއްލާ ސްޓްރިކްޓްތަކުން މިހާތަނަށް 243 އަށްވުރެ ގިނަ މެނިންޖައިޓިސް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށީ މިދިޔަ އެޕްރީލް މަހުގެ މެދުތެރޭގައި ދެނިޔާޔާ ސަރަޙައްދުގެ ސުކޫލެއްގެ ދަރިވަރުންގެ މެދުގައެވެ. މިހާރުވެސް ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ސުކޫލް ކުދިންނެވެ.
ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި، ސްރީލަންކާގައި މިހާރު ފެތުރެމުންދަނީ ވައިރަހެއްގެ ސަބަބުން ޖެހޭ "އެންޓެރޯވައިރަލް މެނިންޖައިޓިސް" އެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކަކީ ގަދައަށް ހުންއައުމާއި، ބޮލުގައި ރިއްސުމެވެ. ނަމަވެސް، މިހާތަނަށް ބަލިޖެހުނު އެއްވެސް މީހެއްގެ ޙާލަތު ސީރިއަސްވެ އިތުރު މައްސަލަތަކެއް ކުރިމަތިވެފައެއް ނުވެއެވެ. ބަލިޖެހޭ ގިނަ މީހުން ތިން ދުވަހެއްގެ ތެރޭގައި ފަސޭހަވާކަމަށާއި، މި ބަލީގައި އެއްވެސް މީހަކު މަރުވެފައިނުވާކަން ޞިއްޙީ މާހިރުން ފާހަގަކުރެއެވެ.
ތަޙުޤީޤުތަކުން އެނގިފައިވާ ގޮތުގައި، މި ބަލި އެންމެ ފުރަތަމަ ފެތުރެން ދިމާވީ ކިލަނބުވެފައިވާ ފެން ހުރި ވަޅަކުން ފެން ބުއިމުގެ ސަބަބުންނެވެ. މި ބަލި ފެތުރެނީ ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެނުގެ ޒަރީޢާއިންނާއި، ކެއްސައި ކިނބިހިއަޅާއިރު ބޭރުވާ ތިކިތަކުގެ ޒަރީޢާއިން އަދި ބަލިޖެހިފައިވާ މީހުންނާ މާ ބޮޑަށް ގާތްވެ އުޅުމުގެ ސަބަބުންނެވެ.
ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ޞިއްޙީ ވުޒާރާއާއި ވޯޓަރ ބޯޑު ގުޅިގެން، ބަލި ފެނުނު ސަރަޙައްދުތަކުގެ ފެން އުފައްދާ ތަންތަން ކްލޮރިންކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. އަދި އާންމު ރައްޔިތުން ކެއްކި ފެން ބުއިމަށާއި، ސައިބޯނިލައިގެން ގަވާއިދުން އަތްދޮވުމަށާއި، ކާބޯތަކެތި މެހިން ރައްކާތެރިކުރުމަށް ޑޮކްޓަރުން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ކުދިންގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ސުކޫލަށް ނުފޮނުވުމަށާއި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ބެލެނިވެރިންނަށް ވަނީ އަންގާފައެވެ.




