ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ 77 ޒުވާނުން ފަންނީ ތަމްރީނު ހަދަން ބ. ކިހާދޫއަށް ފުރައިފި

ދިވެހި ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން 77 ބައިވެރިޔަކު، އެ ޕްރޮގްރާމްގެ ފަންނީ ތަމްރީނުތައް ހެދުމަށްޓަކައި ބ. ކިހާދޫއަށް ފުރާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މުޢިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަންނީ ތަމްރީނަށް ކުރިމަތިލި މި ޒުވާނުން ތަމްރީނު ހަދާނީ ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ "ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް" ގައި ކަމަށެވެ. މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ޖިސްމާނީ އަދި ރޫޙާނީގޮތުން ދުޅަހެޔޮ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރަން ރައީސް މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.

މި ފަހަރުގެ ތަމްރީނު ޕްރޮގްރާމް:

  • ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާ ދެމެދުގެ 77 ޒުވާނުން.

  • މި ބައިވެރިންނަކީ 28 ޑިސެމްބަރު 2025 ގައި ވަތަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ފަންނީ ދާއިރާތަކަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ.

  • ތަމްރީނުދޭ މައިގަނޑު 6 ދާއިރާ: 1. އިލެކްޓްރިޝަން 2. އޮޓޯމޮބައިލް އިންޖިނިއަރިން 3. މެރިން އިންޖިނިއަރިން 4. ރެފް އެންޑް އޭސީ (އެއާކޮންޑިޝަނިންގ) 5. އޮފީސް މެނޭޖްމެންޓް 6. ބިލްޑިންގ އެންޑް ފެބްރިކޭޝަން

"ނޭޝަނަލް ސަރވިސް" ޕްރޮގްރާމަކީ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިކުނޑިތައް ތަރައްޤީކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. މީގެ ބޭނުމަކީ ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ އަޚުލާޤާއި ހުނަރުތައް ދަސްކޮށްދީ، ޤައުމަށް ފައިދާހުރި ބަޔަކަށް އެ ކުދިން ހެދުމެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުން 63 ބައިވެރިޔަކު މިހާރު ފަންނީ ދާއިރާތަކުން ދަސްވެނިވެފައިވާއިރު، ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ 344 ބައިވެރިން ވަނީ ނިމިދިޔަ މެއި މަހުގެ ތެރޭގައި ދަސްވެނިވެފައެވެ.

ހިއްސާ ކުރައްވާ!