ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް، އެ ޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ޑެމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިޚާބުކޮށްފައި ހުންނެވި ކުރީގެ ރައީސް ނިކޮލަސް މަދޫރޯ، މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ސިފައިން ހައްޔަރުކޮށްގެން ގެންދިޔުމާ ގުޅިގެން ރޮޑްރިގޭޒް ވަނީ ވެނެޒުއޭލާގެ ވަގުތީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާފައެވެ. ފަސް ދުވަހުގެ މި ދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކީ އިންޑިއާއަށް ވެނެޒުއޭލާގެ ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުމާ ބެހޭގޮތުން ދެ ޤައުމުގެ ދެމެދުގައި ހަކަތައިގެ ޚާއްޞަ އެއްބަސްވުންތަކެއް އެކުލަވައިލުމެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުރުމުޒު ކަނޑުއޮޅި ވަނީ ބަންދުވެފައެވެ. މީގެ ސަބަބުން އިންޑިއާއަށް ބޭނުންވާ ތެލުގެ ބޮޑު ބައެއް ހޯދާ ގަލްފްގެ ޤައުމުތަކުން ތެޔޮ އެތެރެކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ސަބަބާ ހުރެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދަނީ ހަކަތަ ހޯދާނެ އިތުރު މަގުތައް ހޯދަމުންނެވެ. މި މަހު ވެނެޒުއޭލާ ވެފައިވަނީ އިންޑިއާއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ތިންވަނަ ޤައުމަށެވެ. އެގޮތުން މި މަހު އެކަނިވެސް ދުވާލަކު 417،000 ފީފާ ތެޔޮ ވެނެޒުއޭލާއިން އިންޑިއާއަށް ވަނީ ފޮނުވާފައެވެ. ވެނެޒުއޭލާގެ ތެލަކީ އިންޑިއާގެ ރިލަޔަންސް ކުންފުނީގެ ރިފައިނަރީތަކަށް އެންމެ އެކަށީގެންވާ އޮލަ ތެލެކެވެ.
ސިޔާސީ އަދި އިޤްތިޞާދީ ކަންކަމުގެ އިތުރުން، ރޮޑްރިގޭޒްގެ މި ދަތުރުފުޅުގައި އިންޑިއާގެ މަޝްހޫރު ހިންދީ ފާދިރީއަކު އުފަންވި އަވަަށް ކަމަށްވާ ޕުއްޓަޕާތީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރޮޑްރިގޭޒްގެ އިތުރުން ކުރީގެ ރައީސް މަދޫރޯއަކީވެސް ފާޚާނާގައި ހުއްޓައި މަރުވި ފާދިރީ ސައި ބާބާގެ ފަލްސަފާތަކަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ސައި ބާބާއަކީ 1926 ވަނަ އަހަރު އުފަންވި، އަދި 1970 އާއި 1980 ގެ އަހަރުތަކުގައި ދުނިޔޭގެ އެކި ކޮޅުތަކުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ފާދިރީއެކެވެ. އޭނާގެ ފަހުލަވާނުންގެ ތެރޭގައި އިންޑިއާގެ ސިޔާސީ ވެރިންނާއި، ފިލްމީ ތަރިން އަދި ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރވެސް ހިމެނެއެވެ.
ނަމަވެސް، ސައި ބާބާގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އިނގިރޭސިވިލާތުގެ ބީބީސީއިން އެކަމާ ބެހޭ ޑޮކިއުމަންޓްރީއެއްވެސް ތައްޔާރުކުރިއެވެ.
2011 ވަނަ އަހަރު އޭނާ މަރުވުމަށްފަހު، އޭނާ ދިރިއުޅުނު ކޮޓަރިން ގިނަ ޢަދަދެއްގެ ރަނާއި ފައިސާ ފެނުމުން މާލީ ޚިޔާނާތުގެ ތުހުމަތުތައްވެސް ފެންމަތިވިއެވެ.
ވެނެޒުއޭލާގެ ސިޔާސީ ވެރިން މިއަދާ ހަމައަށްވެސް ގަބޫލުކުރަނީ ސައި ބާބާއަކީ އެ ޤައުމަށް ސުލްހައާއި ލޯބި ގެނެސްދޭ ރޫޙާނީ ބާރެއް ކަމަށެވެ.





