ޒަމާނުއްސުރެ ދިވެހި މުޖުތަމައު ގަބޫލުކުރަމުން އައީ އަންހެނުންނަކީ މަޑުމައިތިރި، ނިޔަނެތި ބައެއްގެ ގޮތުގައެވެ. ނަމަވެސް "ޖެންޑާ އީކުއަލިޓީ" ނުވަތަ ފިރިހެނުންނާ ހަމަހަމަވުމުގެ ރޫޙު މިހާރު މިވަނީ މުޅިން ތަފާތު މިސްރާބަކަށް ގޮސްފައެވެ. ފިރިހެނުންނަށް އެކަނި ކުރެވޭނެ ކަމަށް ހީކުރި "ފުލުހުންނަށް ހަމަލާދިނުމުގެ" ޝަރަފުވެސް، އެންމެ ފަހުން ދިވެހި އަންހެނަކު މިވަނީ ހޯދާފައެވެ.
މާރާމާރީއެއް ހިންގަނިކޮށް ހުއްޓުވަން ދިޔަ ފުލުހެއްގެ ގައިގައި ޖަހައި، ގަދަކަން ދެއްކި ކަމުގެ ތުހުމަތުގައި މާލޭން މިވަނީ 34 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައެވެ.
ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މި އަންހެން މީހާ، ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ކޮންމެފަދަ ނުރައްކާތެރި މާރާމާރީއެއްވެސް ހުއްޓުވަން ތައްޔާރަށް ހުންނަ ތަމްރީނުލިބިފައިވާ ފުލުހަކު ސިއްސުވާލުމަށްފަހުއެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި، މި ސުޕަވުމަން އެ ތަނަށް ދިޔަ ފުލުސް މީހާގެ ގައިގައި ޖަހައި މާރާމާރީ ހިންގީ، އެހެން ބަޔަކު ކުރި މާރާމާރީއެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި ބާރުގަދަ އަންހެން މީހާގެ ބާރު ކަނޑުވާލުމަށްޓަކައި 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ މިފަދަ ކަންކަމުގައި އާ ފަހުލަވާނެއް ނޫނެވެ. އޭނާގެ ބަންދާއި ކުށުގެ ރެކޯޑު ފޮތް ކުރިންވެސް އޮތީ ލިޔެވިފައެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ ހެކިވެސް ކޮންމެވެސް ވަރަކަށް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
ނަމަވެސް، ފުލުހުންގެ ކުރިމަތީގައި ދެއްކި ހިތްވަރު ކޯޓު ރޫމާއި ހަމައިން ވަނީ މައިތިރިވެފައެވެ. ކޯޓުގައި އޭނާ ބުނީ ޤާނޫނީ ވަކީލެއް ބޭނުންވާ ކަމަށެވެ. އެ ހިސާބުން ފެށިގެން، ފުލުސް މީހާގެ ގައިގައި ޖެހި އަތް ތިރިކޮށްލައި، އަނގަޔަށް ޒިޕް އަޅައިގެން އޭނާ ހުރީ މުޅިން ހަނު ހިމޭނުންނެވެ.
މިއީ ފިރިހެނުންނަށް އެކަނި ކުރެވޭނެ ކަމަށް ހީކޮށްގެން ތިބި ކަންކަމަށް އަންހެނުން ގޮންޖަހަމުންދާ ކަމުގެ ހެއްކެކެވެ. ދެން އޮތީ ފުލުހުން ސަލާމަތްވާންވީ ވަގުތެވެ.



