އިސްލާމީ އިޤްތިޞާދީ ދާއިރާގެ އިސް އޮފިޝަލުންނާއި، ވިޔަފާރީގެ ވެރިން އަދި ބައިނަލްއަޤުވާމީ މަންދޫބުން ބައިވެރިވާ 3 ވަނަ "ގްލޯބަލް އިސްލާމިކް އިކޮނޮމީ ސަމިޓް" ގެ ދަށުން ބޭއްވި 5 ވަނަ "ގްލޯބަލް ބިޒްނަސް އެކްސެލެންސް ގާލާ" ހުކުރު ދުވަހު ތާރީޚީ އިސްތަމްބޫލްގެ ދޮލްމަބަޗޭ ޕެލަސްގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތުރުކީގެ ނައިބު ރައީސް ޖެވްދެތު ޔިލްމާޒް ވަނީ، ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ބައިނަލްއަޤުވާމީ އެއްބާރުލުމާއި އަޚްލާޤީ ހަމަތަކުގެ މައްޗަށް ބިނާވެފައިވާ މާލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ދުނިޔޭގެ ނުތަނަވަސްކަމާއި މުސްތަޤްބަލްގެ ގޮތް ނޭނގޭ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެއްބައިވަންތަކަމާއި ދެމެހެއްޓެނިވި ކުރިއެރުން މިވަނީ މުހިންމު އެއްޗަކަށް ވެފައި. އިސްލާމީ މާލީ ނިޒާމަކީ އޭގެ އަޚްލާޤީ އޮނިގަނޑުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދިނުމުގެ ފުރުޞަތު އޮތް ނިޒާމެއް،" ޔިލްމާޒް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރިބާއާ ނުލައި ހިންގާ މާލީ ނިޒާމުތައް ފުޅާކުރުމަށް ތުރުކީން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، އިސްތަންބޫލަކީ ބައިނަލްއަޤުވާމީ މާލީ މަރުކަޒަކަށް ހެދުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާ މަރުކަޒެއް ކަމަށެވެ. އަދި އިސްލާމީ އިޤްތިޞާދުގެ މުސްތަޤްބަލް ބައްޓަންވެގެންދާނީ މިފަދަ ބައްދަލުވުންތަކުން އުފެދޭ ވަރުގަދަ ޕާޓްނަޝިޕްތަކުން ކަމަށް ކަމަށްވެސް ވިދާޅުވިއެވެ.
ދޮލްމަބަޗޭ ޕެލަސްގެ ރިޔާސީ އޮފީހުގައި ބޭއްވި މި ގާލާ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، މާލީ އިދާރާތަކުގެ މަންދޫބުން ބައިވެރިވިއެވެ. އޭގެ ތެރޭގައި "އަލްބަރަކާ އިސްލާމިކް އިކޮނޮމީ ފޯރަމް" ގެ ބޯޑް އޮފް ޓްރަސްޓީޒްގެ ރައީސް ޢަބްދުﷲ ޞާލިޙް ކާމިލް ހިމެނިވަޑައިގަންނަވައެވެ.
ރަސްމިއްޔާތު ހުޅުވައިދެއްވަމުން ކާމިލް ވިދާޅުވީ، ދުނިޔޭގެ އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުގެ މުހިންމުކަން މި ބައްދަލުވުމުން ދައްކުވައިދޭ ކަމަށެވެ.
މި ސަމިޓްގެ ސްޓްރެޓީޖިކް ބައިވެރިންގެ ތެރޭގައި ތުރުކީގެ ރިޔާސީ އިންވެސްޓްމަންޓް އެންޑް ފައިނޭންސް އޮފީހާއި، ތުރުކީ ވެލްތު ފަންޑާއި، އިސްތަންބޫލް ފައިނޭންސް ސެންޓަރާއި، އިސްލާމިކް ކޯޕަރޭޝަން ޔޫތު ފޯރަމް އަދި އިބްނު ޚަލްދޫން ޔުނިވަރސިޓީ ހިމެނެއެވެ.






