ބަޣުދާދު ވެއްޓުމަށް ފަހުން އިސްލާމީ އުންމަތް ކުރިމަތިލީ ސިޔާސީ ހަލަބޮލިކަމުގެ ބައިޤަރުނާއެވެ. އިސްލާމީ ތާރީޚުގައި އުފެދުނު އެންމެ ވަރުގަދަ އަދި އެންމެ ބޮޑަށް ބަހުސްކުރެވޭ ޚިޔާލު ތަފާތު ޢިލްމީ ޝަޚްޞިއްޔަތު ކަމުގައިވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ޝަޚުސިއްޔަތު ބަންޓަން ކޮށްދިނީ އުންމަތުގެ މި ހަލަބޮލި ޒަމާނުންނެވެ.
މީލާދީން 1258 ވަނަ އަހަރު (ހިޖުރައިން 656 ވަނަ އަހަރު)، އިސްލާމީ ޚިލާފަތުގެ މައި މަރުކަޒު ކަމުގައިވި ބަޣުދާދު ތަތާރުންގެ އަތްދަށުވެ ވެރިކަމުގެ ބާރުތައް ރޫޅުމާއެކު، މުޅި އިސްލާމީ އުންމަތުގެ ނަފްސާނީ ބިންގާ ވަނީ ގުޑުވާލާފައެވެ. މި ހާދިސާގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ބިރުވެރިކަމާއި، މާޔޫސްކަމާއި، ޙަޟާރާގެ ނިމުން އައިސްދާނެކަމުގެ ވަސްވާސް އުފެދިގެންދިޔައެވެ.
މީލާދީން 1260 ގައި ނަޞާރާ ކޮމާންޑަރު ކަތަބުޣާގެ ކޮމާންޑުގެ ދަށުން މަޣޫލުންގެ ކުރިއަރާ ލަޝްކަރު ދިމިޝްޤުގެ ބޮޑު ފާރުތަކާ ގާތްވުމުން، ރަށުގެ ސިޔާސީ ނިޒާމު އެކީގައި މުލުން ލުހެލިއެވެ. އޭރު ވެރިކަމުގައި ހުރި އައްޔޫބީ އަމީރު، ނާޞިރު ޔޫސުފް، ބިރުން ސަލާމަތްވުމަށް އޭނާގެ މުދަލާއި ޚަޒާނާތައް ހިފައިގެން ފިލައިގެން މިޞްރަށް ދިޔައެވެ. ރައްޔިތުން ދޫކޮށްލީ ވެރިއެއް ނެތް ޙާލުގައެވެ.
މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި، މީލާދީން 1263 ވަނަ އަހަރު (ހިޖުރައިން 661 ވަނަ އަހަރު) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އިބްނު ތައިމިއްޔާ ބޮޑުފުޅުވީ ސޫރިޔާއާއި ތުރުކީގެ ބޯޑަރު ސަރަހައްދުގައި އޮންނަ ޙައްރާނާއި ދިމިޝްޤުގެ މާޙައުލުގައެވެ. އޭނާގެ ޢާއިލާ ޙައްރާން ދޫކޮށް ދިމިޝްޤަށް ހިޖުރަކުރީ މީލާދީން 1269 ވަނަ އަހަރު (ހިޖުރައިން 667 ވަނަ އަހަރު) މަޣޫލުންގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައެވެ.
އޭރުގެ ދިމިޝްޤަކީ އިސްލާމީ ޚިލާފަތުގެ ތަފާތު ސަރަޙައްދުތަކުން އައި ރެފިއުޖީންނާއި، ޢިލްމުވެރިންނަށް ހިޔާވަހިކަން ދިން ސިޓީއެކެވެ. އަދި ބޭރުގެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރޭގައި އޮތް ރަށެކެވެ. މަދަރުސާތަކާއި މިސްކިތްތަކުގައި ބަހުސްކުރެވެމުންދިޔައީ އިސްލާމީ ދުނިޔޭގެ މި ބަލިކަށިކަމުގެ ސަބަބުތަކާއި، ޝަރީޢަތުގެ މަތިވެރިކަން ދެމެހެއްޓޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.
އުމުރުގެ 6 ވަނަ އަހަރުން ފެށިގެން ތައުލީމު ހާސިލުކުރަން ފެށްޓެވި އިބްނު ތައިމިއްޔާގެ އިސްލާމީ ފިކުރީ ބިންގާ އެޅިގެން އައީ މި ޙަލަބޮލި، ނަމަވެސް ޢިލްމީ ގޮތުން ހޫނު މާޙައުލުގެ ތެރެއިންނެވެ. ބައްޕައާއި ކާފަފަދަ ދަންނަބޭކަލުން ގިނަ އާއިލާއެއްގެ މި ޒުވާނާގެ ލޯހުޅުވުނީ މި ބަހުސްތަކަށެވެ.
ދިމިޝްޤުގައި، އޭނާގެ ބައްޕަ މަސައްކަތްކުރެއްވީ "އައް-ސުއްކަރިއްޔާ މަދަރުސާ"ގެ މުދީރެއްގެ ގޮތުގައެވެ. އެއީ އިބްނު ތައިމިއްޔާ އޭނާގެ ތަޢުލީމީ ޙަޔާތުގެ ކުރީކޮޅު ތަޢުލީމު ޙާޞިލުކުރެއްވި ތަނެވެ. އޭނާ އެ ޒަމާނުގައި އޮތް ދީނީ އަދި ދުނިޔަވީ ޢިލްމުތައް އުގެނިވަޑައިގަތެވެ. އޭނާގެ ދީނީ ތަޢުލީމު ފެށުނީ ފުރާވަރުގެ ކުރީކޮޅު ކީރިތި ޤުރުއާން ހިތުދަސްކުރެއްވުމުންނެވެ. އޭގެ ފަހުން، ޤުރުއާނުގެ ޢިލްމުތައް އުނގެނިވަޑައިގަތެވެ. އޭނާގެ ބައްޕަގެ އަރިހުން، ފިޤުހު ޢިލްމާއި އޭގެ އުޞޫލުތައް އޭނާ ދަސްކުރެއްވިއެވެ.
އިބްނު ތައިމިއްޔާ ވަނީ އަޙްމަދު ބިން ޙަންބަލް، އަބޫ ބަކުރު އަލްޚައްލާލް، އަދި އިބްނު ޤުދާމާ އަލްމަޤްދިސީގެ އިތުރުން، އޭނާގެ ކާފަ މަޖުދުއްދީންގެ ފޮތްތައްވެސް ދިރާސާ ކުރައްވާފައެވެ. އޭނާގެ ފިޤުހީ ދިރާސާތައް ހަމައެކަނި ޙަންބަލީ މަޛްހަބަށް ހަނިވެފައި ނުވެއެވެ. އޭގެ ބަދަލުގައި އެހެނިހެން ފިޤުހީ މަޛްހަބުތައްވެސް އޭނާ ދިރާސާ ކުރެއްވިއެވެ. އޭނާ ޝައިޚުލްއިސްލާމަށް ވެ ވަޑައިގަތީ އެސަބަބާ ހެދިއެވެ.
އިބްނު ތައިމިއްޔާ ޙަދީޘް ޢިލްމު އޭނާ އުނގެނިވަޑައިގަތް ޢިލްމުވެރިންގެ ޢަދަދު 200އަށް ވުރެ ގިނަކަމަށް ބުނެވެއެވެ. އޭގެ ތެރެއިން 4 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ.
އިބްނު ތައިމިއްޔާ އުމުރުފުޅުން 5 އަހަރުން ފެށިގެން ޙަދީޘް އަޑުއައްސަވަން ފެށްޓެވިއެވެ. އިބްނު ތައިމިއްޔާގެ އެއް މުދައްރިސަކީ ސީރިއާގެ ފުރަތަމަ ޙަންބަލީ އުއްތަމަ ފަނޑިޔާރު ޝަމްސުއްދީން އަލްމަޤްދިސީއެވެ. އެއީ ޒާހިރު ބޭބްރަސް ރަސްގެފާނުގެ އިސްލާޙީ މަސައްކަތުގެ ދަށުން އުފެއްދެވި އާ މަޤާމެކެވެ.
ފަހުން އަލްމަޤްދިސީ ވަނީ އިބްނު ތައިމިއްޔާއަށް އުމުރުފުޅުން 17 އަހަރުގައި ފަތުވާ ދިނުމުގެ ހުއްދަ ދެއްވައި، އޭނާއަށް ޤާޟީއެއްގެ ދަރަޖަ ދެއްވާފައެވެ.
ފަހުގެ މުފައްކިރުންގެ ތެރެއިން ރަޝީދު ރިޒާ ލިޔުއްވާ ގޮތުގައި އިބްނު ތައިމިއްޔާއަކީ އޭނާގެ ޒަމާނުގައި އިސްލާމް ދީނަށް ދިރުމެއް ގެނެސް ދެއްވި އެ ސާސްކަފުގެ މުޖައްދިދު އެވެ.
އުމުރުން 29 އަހަރުގައި އިބްނު ތައިމިއްޔާ ހައްޖަށް ވަޑައިގަތެވެ. އެ ދަތުރުގައި އޭނާއަށް ފެނިވަޑައިގަތީ އިސްލާމް ދީނާ ޚިލާފު އެތައްކަމެއް އުންމަތުގައި ފެތުރިފައިވާ މަންޒަރެވެ. ބިއުޢަތީ އެތައް ކަމެއް ފާދަ ކުރެއްވި އެކަމާ ދެކޮޅަށް އަޑު އުފުއްލަވައި އޭނާގެ މަނާސިކުލް ހައްޖު ފޮތް ލިޔުއްވި އެވެ.
ފުރަތަމަ އިންތިޤާލީ ދުވަސްވަރު
މަގުތަކުގައި ބޮޑު ހަލަބޮލިކަން އުފެދި ހަމަނުޖެހުން އާންމު ވިއެވެ. ގުދަންތައް ފޭރި، ހަނގުރާމަކުރާނީތޯ ނުވަތަ އަމާންދޭނީތޯ ރައްޔިތުންގެ މެދުގައި ބަހުސްތައް ކުރެވުނެވެ. އެންމެ ފަހުން، ބަޣުދާދަށް ދިމާވި ފަދަ މުޅި ރަށް ނައްތާލުމުގެ ޤަތުލުޢާއްމަކުން ސަލާމަތްވުމުގެ އުއްމީދުގައި، ރަށުގެ ބޮޑުން ދޮރުތައް ހުޅުވާލިއެވެ.
އެތައް މަސްތަކެއް ވަންދެން ދިމިޝްޤުގެ ރައްޔިތުން މަޣޫލުންގެ ވެރިކަމުގެ ހިތްދަތިކަން ތަހައްމަލުކުރިއެވެ. ކިތުބުޣާ ރަށުގެ މަގުތަކުގައި ދަތުރުކުރީ އޭނާގެ ވަށައިގެން އެ ސަރަޙައްދުގެ ނަޞާރާ ރަސްކަލުން ގޮވައިގެންނެވެ. މިއީ އާދަކާދައިގެ އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލި ކަމެކެވެ. އަދި މުސްލިމުންގެ މެދުގައި ދީނީ ނުތަނަވަސްކަން އުފެދުނެވެ. އެހެންނަމަވެސް، މުޅި ރަށް އަމާންދިންއިރުވެސް، ދިމިޝްޤުގެ ކިލާ ނުވަތަ ސިޓަޑެލް ދިފާޢުގައި ތިބި މީހުން ދޮރުތައް ބަންދުކޮށް، މަޣޫލުންނަށް ކިޔަމަންވުމަށް ދެކޮޅުހެދިއެވެ. އެ ކިލާ ވެގެންދިޔައީ ބިރުވެރިކަމުގެ ތެރޭގައި ސާބިތުވެއޮތް ހަމައެކަނި އައްޑަނައަށެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރުން އިސްލާމީ ޕޮލިޓިކަލް އެކްޓިވިސްޓެކެވެ. އޭނާގެ އިސްލާމީ ފިކުރުގެ ސަބަބުން، 6 ފަހަރެއްގެ މަތިން ޖަލަށްލެވުނެވެ. ޖަލުގައި ހޭދަކުރެއްވި މުއްދަތު 6 ނޫނީ 12 އަހަރު ކަމަށް ބުނެވެއެވެ.
އޭނާ ޖަލަށްލެވުނު މައިގަނޑު ސަބަބުތަކަކީ:
- ދީނީ އަދި ފިޤުހީ ޚިޔާލުތަފާތުވުން: މަމްލޫކީ ދައުލަތުގެ ބާރުގަދަ ދީނީ އިދާރާތަކުން އިބްނު ތައިމިއްޔާގެ ބައެއް އަޤީދާތަކާއި ފިޤުހީ ރައުޔުތަކާ ދެކޮޅު ހެދުން.
- މުޖުތަމަޢުގެ ނުފޫޒުގަދަ ފަރާތްތަކާ ޖެހުނު މައްސަލަތައް: އޭރުގެ ޞޫފީންނާއި، ފިޤުހުވެރިންނާއި، ދީނީ ޢިލްމުވެރިންގެ ފަރާތުން އޭނާއަށް ކުރިމަތިވި ފިއްތުންތައް.
- ސިޔާސީ ސަބަބުތައް: އޭނާގެ ވާހަކަފުޅުތަކަކީ އާންމު މަސްލަހަތަށް ނުރައްކަލެއް ކަމަށް ސިޔާސީ ފަރާތްތަކަށް ހީވުމާއި، އޭނާގެ މަޤުބޫލުކަމާ މެދު އެހެން ޢިލްމުވެރިންގެ ހިތުގައި އުފެދުނު ހަސަދަ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ޕޮލިޓިކަލް އެކްޓިވިޒަމް ފެށުނީ މީލާދީން 1293 ވަނަ އަހަރު (ހިޖުރައިން 692 ވަނަ އަހަރު) ހިނގި ޚާއްޞަ ހާދިސާއަކަށް ފަހުއެވެ.
- ޢައްސާފުލް ނަޞްރާނީ ކިޔާ ނަޞާރާ ދީނުގެ ފާދިރީއަކު ކީރިތި ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ފުރައްސާރަކުރި މައްސަލައިގައި އޭނާއާ މެދު ފަތުވާއެއް ނެރުމަށް ދައުލަތުން އިބްނު ތައިމިއްޔާ އަރިހު އެދުނެވެ.
- އޭނާގެ ފަތުވާއަކަށްވީ ފާދިރީއަށް މަރުގެ އަދަބު ދިނުމެވެ.
މި މައްސަލައިގައި އާންމު ރައްޔިތުން ތިބީ އިބްނު ތައިމިއްޔާގެ ފަރާތުގައެވެ. ނަމަވެސް، އޭރުގެ ސީރިއާގެ ގަވަރުނަރު މަސައްކަތްކުރެއްވީ އެ މައްސަލަ ހަމަޖެއްސުމަށްޓަކައި، ފާދިރީއާ ވާހަކަ ދައްކައިގެން އޭނާ އިސްލާމްދީން ޤަބޫލުކޮށްފިނަމަ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށެވެ. އަދި ފާދިރީ އިސްލާމްވުމަށް އެއްބަސްވުމުން، ގަވަރުނަރު އޭނާ ބަރީއަކޮށްލިއެވެ.
އެހެންނަމަވެސް، މި ޙައްލު އިބްނު ތައިމިއްޔާއަކަށް ބަލައެއް ނުގަނެވުނެވެ. އޭނާގެ ދަލީލަކީ މުސްލިމަކު ވިޔަސް ނުވަތަ ޣައިރު މުސްލިމަކު ވިޔަސް، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ފުރައްސާރަކޮށްފި ނަމަ ކަނޑައެޅިފައިވާ އަދަބަކީ މަރުގެ އަދަބު ކަމަށް ވުމެވެ. އެހެންކަމުން، ގަވަރުނަރުގެ ނިންމުމާ ދެކޮޅަށް އޭނާގެ ދަރިވަރުންނާއި ސަޕޯޓަރުން ގޮވައިގެން ގަވަރުނަރުގެ ގަނޑުވަރު ބޭރުގައި އިބްނު ތައިމިއްޔާ މުޒާހަރާ ކުރެއްވިއެވެ.
މިފަދަ ގޮތްދޫނުކުރާ ސިޔާސަތެއް ގެންގުޅުއްވުމާއި، ގަވަރުނަރުގެ ނިންމުމާ ދެކޮޅަށް އަމަލީ ގޮތުން ނިކުމެވަޑައިގަތުމުގެ ސަބަބުން، އިބްނު ތައިމިއްޔާ ފުރަތަމަ ފަހަރަށް ޖަލަށް ލެވުނެވެ. މިއީ އޭނާގެ ހަޔާތުގައި ކުރިމަތިވި ޖަލު ބަންދުތަކުގެ ތެރެއިން ފުރަތަމަ ފަހަރެވެ.
މި ހާދިސާގެ ކުރިން އަދި އެހެން ކަމެއްވެސް ދިމާވިއެވެ. މަޣޫލުންގެ ވެރިޔާ ޣާޒާން ޚާން ސީރިއާ ހިފުމަށް ހަމަލާއެއް ދިނެވެ. ކުރީގެ މަޣޫލުންނާ ޚިލާފަށް، ޣާޒާންއާއެކު ހަނގުރާމައިގައި ތިބި މަޣޫލުން ތިބީ ނަމެއްގައި އިސްލާމްދީން ޤަބޫލުކޮށްގެންނެވެ. މިއީ ހަނގުރާމައަށް ނަފްސާނީގޮތުން އިތުރު އޮޅުންބޮޅުންތަކެއް ގެނައި ކަމެކެވެ.
މަމްލޫކް ލަޝްކަރު މަޣޫލުންނާ ކުރިމަތިލީ ވާދީ އަލްޚަޒާންދާރު ހަނގުރާމައިގައެވެ. ނަތީޖާއަކަށްވީ މަމްލޫކުން މި ހަނގުރާމައިން ބަލިވުމެވެ. ބަލިވި ސިފައިން ދިމިޝްޤުގެ ތެރެއިން މިޞްރަށް ފިލަން ދިއުމުން، ރަށުގެ ތެރޭގައި އަނެއްކާވެސް ބިރުވެރިކަން އުފެދުނެވެ.
- "1299 ގެ ފިނިމޫސުމުގައި، ދިމިޝްޤަކީ ކެޕްޓަނަކު ނެތި ކަނޑުވެފައި އޮތް ނަވެއް ފަދަ ތަނެކެވެ. ސިޔާސީ ބޮޑުން ޤާހިރާއަށް ފިލަންދިއުމުން، ބިރުގަނެފައި ތިބި ރައްޔިތުން ދޫކޮށްލެވުނީ ޖަންގީޒް ޚާންގެ ދަރިކޮޅާ އެކަނި ކުރިމަތިލުމަށެވެ."
މި ހުސްކަމުގެ ތެރެއަށް އުމުރުން 36 އަހަރުގެ އިބްނު ތައިމިއްޔާ (ތަޤިއްޔުއްދީން އަބޫ އަލްޢައްބާސް އަޙްމަދު ބިން ޢަބްދުލްޙަލީމް ބިން ޢަބްދުއްސަލާމް ބިން ޢަބްދުﷲ އައްނުމައިރީ އަލްޙައްރާނީ) ފާޅުވި އެވެ. އޭނާ ރަށުގެ ބޮޑުން ގޮވައިގެން ޖެހިލުމެއްނެތި، ސީދާ ޣާޒާން ޚާންގެ ފޭލިގެއަށް ވަޑައިގަތެވެ. އެ ބިރުވެރި ކޮމާންޑަރުގެ ކުރިމަތީގައި ހުންނަވައިގެން، ދިމިޝްޤުގެ ރައްޔިތުންނަށް "އަމާންކަން" ދިނުމަށް އިބްނު ތައިމިއްޔާ އެދިވަޑައިގަތެވެ. މިއީ ރައްޔިތުންގެ މެދުގައި އޭނާގެ މަގްބޫލުކަން ބޮޑު ވެގެން ދިޔަ ހާދިސާއެކެވެ.
މަޣޫލުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފަތުވާ
މަޣޫލުންނާ ދެކޮޅަށް އިބްނު ތައިމިއްޔާ ސިލްސިލާ ފަތުވާތަކެއް ނެރުއްވިއެވެ. އޭނާ ވިދާޅުވީ އެމީހުންގެ އިސްލާމްކަން ފުރިހަމަނުވާ ކަމަށެވެ. ސަބަބަކީ އެމީހުން އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ޖަންގީޒް ޚާންގެ ޤަބީލާ ޤާނޫނު ކަމުގައިވާ "ޔާސިޤް" އަށް ޙުކުމްކުރާތީ އެމީހުންގެ އިސްލާމްކަން ފުރިހަމަ ނުވާ ކަމަށެވެ. އިންސާނުން ހަދާފައިވާ ޤާނޫނުތައް މާތްﷲ ގެ ބަސްފުޅަށްވުރެ ކުރިއަށް ނެރޭ ބަޔަކު އިސްލާމީ ޝަރީޢަތުން ބޭރުވެއްޖެ ކަމަށާއި، އެހެންކަމުން އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަކީ ދީނީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.
1303 ގެ ބަހާރު މޫސުމުގައި މަޣޫލުން އަލުން ސީރިއާއަށް ހަމަލާދިންއިރު، ދިމިޝްޤުގެ ރައްޔިތުން ބިރެއް ނުގަނެއެވެ. މަރްޖުއްޞައްފާރު (ޝަޤްޙަބް) ހަނގުރާމައިގެ ބިމުގައި، އިބްނު ތައިމިއްޔާ ސިފައިންގެ ސަފުތަކުގައި ހުންނަވައިގެން ހަނގުރާމަ ކުރެއްވިއެވެ. މަމްލޫކުން މަޣޫލުންގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯދިއެވެ. މި ކާމިޔާބީއާއެކު، ސީރިއާއަށް އޮތް މަޣޫލުންގެ ބިރުވެރިކަން ދާއިމީގޮތަކަށް ނިމުމަކަށް އައެވެ.
އިސްލާމީ ސިޔާސީ ފިކުރުގެ ބިންގާ އެޅުން
1303 ގެ ކާމިޔާބީއާއެކު، ބަޣުދާދު ވެއްޓުނު ފަހުން އުފެދިފައި އޮތް ބިރުވެރިކަމުގެ ބުރު ނިމުމަކަށް އައެވެ. ދިމިޝްޤު ވަނީ ވެރިންގެ ޚިޔާނާތާއި، ރެފިއުޖީންގެ ބޮޑު ކާރިސާއާއި، ބޭރުގެ އިސްތިޢުމާރުން ސަލާމަތްވެފައެވެ.
އިބްނު ތައިމިއްޔާ އަކީ ދިމިޝްޤގެ ގާޒީ އެކެވެ. އުމަވީ މިސްކިތުގެ މިންބަރުމަތީގައި ވައުޡު ވިދާޅުވާ ޚަޠީބެކެވެ. ހަދީސް ޢިލްމާއި ފިޤުހު ޢިލްމު އުގަންނަވައި ދެއްވާ ދަންނަބޭކަލެކެވެ.
ވެރިކަމުގެ ބާރު ދިމިޝްޤްގައި ހީނަރުވެފައި އޮތް އިރު މި އިސްލާމީ ސިޓީގެ އާންމު ދިރިއުޅުމުން އިސްލާމް ދީނެއް ނުފެނެއެވެ. ބަނގުރާ ވިއްކާ ހާނާތަކާއި ކަސްބީންގެ އައްޑާތަކަކީ އާންމު މަންޒަރެކެވެ.
ގާނޫނު އަތްމައްޗަށް ނަންގަވައިގެން އަމުރު ބިލްމައުރީފި ވައްނަހީ އަނިލްމުންކަރި ހިންގެވުމުގެ މަސްއޫލިއްޔަތާ އަމިއްލައަށް އިބްނު ތައިމިއްޔާ ހަވާލުވެ ވަޑައިގަތެވެ.
އޭނާގެ ދަރިވަރުންނާއި އާންމު ރައްޔިތުން ގޮވައިގެން ދިމިޝްޤުގެ މަގުތަކަށް ނިކުންނަވައި، ރާވިއްކާ ދުއްކާނުތައް ތަޅައި، ބަނގުރާގެތައް ބަންދުކޮށް، ހަށިވިއްކާ ތަންތަން ނައްތާލިއެވެ. ކަސްބީގެ ގައިގައި އަމިއްލަފުޅަށް ދުއްރައިން ތަޅައި ތައުޒީރު ކުރައްވައި ހެއްދެވިއެވެ.
-
"ސިޔާސީ ބާރުވެރިކަން ނެތުމުގެ ސަބަބުން، އިބްނު ތައިމިއްޔާއަށް މަޖުބޫރުވީ ޢިލްމީ ކުލާސްތައް ދޫކޮށް މަގުތައް ބަލަހައްޓަވައި ސިޓީ ޕޮލިސްގެ ދައުރުވެސް އަދާ ކުރައްވާށެވެ. ފިޤުހަކީ ހަމައެކަނި ފޮތްތަކުގައި ލިޔެވިގެންވާ އެއްޗެއްގެ ބަދަލުގައި، މުޖުތަމަޢު ސަލާމަތްކުރާ ދިރިހުރި ބާރެއް ކަން އޭނާ ދެއްކެވިއެވެ."
އިސްލާމީ ޝަރުއީ ސިޔާސަތުގައި ވެރިމީހާއާއި ރައްޔިތު މީހާ އިސްލާހު ކުރުމާ ބެހޭ ގޮތުން އޭނާ ލިޔުއްވި މަޝްހޫރު ފޮތް "އައްސިޔާސާ އައްޝަރުޢިއްޔާ ފީ އިޞްލާޙިއް ރާޢީ ވައްރަޢިއްޔާ" ގައި އޭނާ ވަނީ ދީނާއި ދައުލަތަކީ ވަކިނުކުރެވޭނެ ދެ ބައިކަން ބަޔާންކުރައްވާފައެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދީނާއި ދައުލަތަކީ ގުޅިފައިވާ ދެ އެއްޗެވެ.
"ބާރެއް ނެތް ދީނަކީ ނިކަމެތި އެއްޗެކެވެ. އަދި ދީނެއް ނެތް ބާރަކީ އަނިޔާވެރިކަމެކެވެ."
- އިބްނު ތައިމިއްޔާއާ ދެމެދު ސުންނީ މުސްލިމުންގެ އޮތް ޚިޔާލުތަފާތުވުންތަކާ ބެހޭގޮތުން ތާރީޚީ ޢިލްމުވެރިޔާ އަލްމަޤްރީޒީ ވިދާޅުވިއެވެ. "އިބްނު ތައިމިއްޔާގެ މައްސަލައިގައި މީސްތަކުން ވަނީ ދެ ބަޔަކަށް ބެހިފައެވެ. މިހާތަނަށް ވެސް ސީރިއާ އާއި މިޞްރުގައި އޭނާއަށް ތާއީދުކުރާ އަދި އޭނާގެ ދަރިވަރުން އެބަތިއްބެވެ."
އޭނާގެ ރައުޔުތަކުގައި އެއްވެސް ކަހަލަ ފަސޭހަކަމެއް ނުވަތަ ގޮތްދޫކުރުމެއް ނެތުމުގެ ސަބަބުން، އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ ދެކޮޅު ފަރާތްތައް ވެސް އިބްނު ތައިމިއްޔާއަށް އިޙްތިރާމްކުރަން ފެށިއެވެ.
- އިބްނު ތައިމިއްޔާއާ މެދު ތާރީޚު އިލްމުވެރިޔާ އައްޛަހަބީގެ ވިސްނުންފުޅު ހުރީ ދެގޮތަކަށެވެ. އޭނާ އިބްނު ތައިމިއްޔާއަށް ކުރައްވާ ތައުރީފުތަކުގެ އެންމެ ފަހަތުގައި އަބަދުވެސް ކޮންމެވެސް ވަރެއްގެ ފާޑުކިޔުމެއް ނުވަތަ ޝައްކުތަކެއް ހުރެއެވެ. އިބްނު ތައިމިއްޔާއަކީ "މޮޅު ޝައިޚެއް" ކަމަށް ދެކެވަޑައިގަންނަވާ ހިނދު، ހަމައެއާއެކު އޭނާއަކީ "ބޮޑާ" އަދި "އެކަންކަމާ އަވަސްވެގަންނަ" ބޭފުޅެއް ކަމަށް ވެސް ސިފަކުރެއްވިއެވެ.
ޙަނަފީ މާތުރީދީ ޢިލްމުވެރިޔާ ޢަލާއުއްދީން އަލްބުޚާރީ ވިދާޅުވަނީ، އިބްނު ތައިމިއްޔާއަށް "ޝައިޚުލް އިސްލާމް" ގެ ލަޤަބު ދޭ ކޮންމެ މީހަކީ ކާފަރެއް ކަމަށެވެ! އައޫޒުބިﷲ
18 ވަނަ ޤަރުނުގައި ދެކުނު އޭޝިއާގެ އިސްލާމީ ފިކުރަށް އިންޤިލާބީ ބަދަލުތަކެއް ގެންނެވި އެންމެ ނުފޫޒުގަދަ ޢިލްމުވެރިޔާ ޝާހު ވަލިއްޔުﷲ މުޙައްދިސް ދެހްލަވީ އަކީ އިބްނު ތައިމިއްޔާގެ ފިކުރުތަކަށް ދެކުނު އޭޝިއާގައި އެންމެ ވަރުގަދައަށް ތާއީދުކުރެއްވި އަދި އެ ފިކުރުތައް އާލާކުރެއްވި ޝަޚްޞިއްޔަތެވެ.
އިބްނު ތައިމިއްޔާގެ ދިފާޢުގައި ޝާހު ވަލިއްޔުﷲ ވަރަށް ބާރުގަދަ ޢިބާރާތްތަކުން ލިޔުއްވާފައިވެއެވެ.
"އިބްނު ތައިމިއްޔާއާ ބެހޭގޮތުން ފުރިހަމަ ދިރާސާއަކަށްފަހު އަހުރެމެންގެ ނިންމުމަކީ، އޭނާއަކީ ޤުރުއާނުގެ ޢިލްމުވެރިއެއް ކަމަށާއި، އޭގެ ލަފުޒީ އަދި ފިޤުހީ މާނަތައް ޝަރަޙަ ކުރުމުގެ ފުރިހަމަ ހުނަރު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އޭނާ ވަނީ ރަސޫލާގެ ޙަދީޘްތަކާއި، ސަލަފުއްޞާލިޙުންގެ ވާހަކަތައް ހިތުދަސްކުރައްވާފައެވެ. އޭނާގެ ތޫނުފިލިކަން އިންތިހާއެވެ. އަހުލުއްސުންނާ ވަލްޖަމާޢަތުގެ ދިފާޢުގައި އޭނާ ވަރަށް ބާރުގަދަ ބަސްތަކަކުން ދިފާއު ކުރައްވާފައެވެ.
އޭނާގެ ކިބައިން އެއްވެސް ބިދުޢައެއް ނުވަތަ ދީނާ ޚިލާފު ކަމެއް ފެނިފައި ނުވެއެވެ.
ޤުރުއާނާއި ސުންނަތުން ދިފާޢު ނުކުރެވޭ ފަދަ އެއްވެސް މައްސަލައެއް އޭނާގެ ކިބައިން ނުފެނެއެވެ.
އެހެންކަމުން، އިބްނު ތައިމިއްޔާގެ ސިފަތައް ހުރި މީހަކު މުޅި ދުނިޔެއިން ހޯދުމަކީ ދަތިކަމެކެވެ. އޭނާގެ ވާހަކަފުޅާއި ލިޔުއްވުންތަކުގެ ބާރުގަދަކަމާ ގާތްކުރެވޭނެ އެހެން މީހަކު ފެންނާން ނެތެވެ. އޭނާއަށް އުނދަގޫކޮށް [ޖަލަށްލި] މީހުންނަށް، އޭނާގެ ޢިލްމީ މޮޅުކަމުގެ ދިހަބައިކުޅަ އެއްބައިވެސް ލިބިފައެއް ނުވެއެވެ." ޝާހު ވަލިއްޔުﷲ މުޙައްދިސް ދެހްލަވީ
އިބްނު ތައިމިއްޔާ އަވަހާރަވީ ދިމިޝްޤގައި ޖަލުގައެވެ. އޭނާގެ ޖަނާޒާގައި 2 ލައްކައަށް ވުރެން ގިނަ މީހުން ބައިވެރިވިއެވެ. އަދި އޭނާއަށް ތިން ތަނެއްގައި 3 ޖަނާޒާ ނަމާދު ކުރެވުނެވެ.
ސޫރިޔާގެ ވެރިކަމަށް ޖައުލާނީ ރައީސް ވަޑައިގަތުމަށްފަހު ކުނި ގޮނޑަކަށް ހަދާފައި އޮތް އިބްނު ތައިމިއްޔާގެ މަނާއިގެ އާބާތުރަ ފިލުވައި އަލުން މަރާމާތު ކޮށްފައި ވެއެވެ.
ކުރިން ސޫރިޔާގެ ވެރިކަން ކުރި ސުލައިމާނުލްވަހުޝު އާއިލާގެ ދެބަފައިންގެ ވެރިކަމުގައި އެ މަހާނަ ބަހަލައްޓަމުން ދިޔައީ ސައުދީ އެމްބަސީންނެވެ.
اللَّهُمَّ اغْفِرْ لِشَيْخِ الإِسْلَامِ ابْنِ تَيْمِيَّةَ، وَارْحَمْهُ وَارْفَعْ دَرَجَاتِهِ فِي العِلِّيِّينَ، وَاجْزِهِ عَنِ الإِسْلَامِ وَالمُسْلِمِينَ خَيْرَ الجَزَاءِ، اللَّهُمَّ انْفَعْنَا بِعِلْمِهِ، وَاجْمَعْنَا بِهِ فِي جَنَّاتِ النَّعِيمِ، يَا رَبَّ العَالَمِينَ.
ނޯޓް:
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ލިޔުއްވުންތަކަކީ 13 ވަނަ ޤަރުނުގެ ނާޒުކު ހާލަތާއި، މަޣޫލުންގެ ހަމަލާތަކާ ދެކޮޅަށް ޝާމްގެ ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި އެ ޚާއްޞަ ޒަމާނަށް ބައްޓަންކުރެވުނު ލިޔުއްވުންތަކެކެވެ. މިއަދުގެ މުޖުތަމައުގައި ލި ލިޔުންތައް ބޭނުން ކުރުމުގެ ސަބަބުން، އިސްލާމީ ވެރިންނާއި ހުޅަނގުގެ ފަރާތްތަކުން އިބްނު ތައިމިއްޔާގެ ފިކުރުތަކާ މެދު ބިރުވެތިވެ، އެ ލިޔުންތަކަކީ ހަމަނުޖެހުން އުފައްދާ އެއްޗެއް ކަމުގައި ލޭބަލް ކުރެއެވެ.
ޚާއްޞަކޮށް ސައްޔިދު ޤުޠުބު ފަދަ 20 ވަނަ ޤަރުނުގެ އިސްލާމީ ޙަރަކާތްތަކުގެ ލިޔުންތެރިންގެ ފިކުރަށް އިބްނު ތައިމިއްޔާގެ ބައެއް ޚިޔާލުތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ނަމަވެސް، ތާރީޚީ ޢިލްމުވެރިން ފާހަގަކުރާ ގޮތުގައި، އިބްނު ތައިމިއްޔާގެ ޢިލްމީ މަސައްކަތްތަކަކީ އޭނާ ދިރިއުޅުއްވި ޒަމާނުގެ އިޖުތިމާޢީ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ޝަރުޢީ ހަމަތައް ހިފެހެއްޓުމަށްޓަކައި ލިޔުއްވި ލިޔުންތަކެވެ. އެކަމަކުވެސް އޭނާގެ ފޮތްތައް މިއަދުގެ މާހައުލަށްވެސް ނުހަނު ބޭނުންތެރިއެވެ!
އިސްލާމީ ތާރީޚް 5: ޤަލާވޫންގެ ވެރިކަމުގައި "މަމްލޫކުން" އިސްލާމީ ދުނިޔެ އަލުން ބައްޓަންކުރުން






