އެމެރިކާއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، އުތުރު ކޮރެއާގެ އިޤްތިޞާދަށް ފާއިތުވި އަހަރުތަކުގައި ނުފެންނަ ފަދަ ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށް "ވޯލް ސްޓްރީޓް ޖަރނަލް" ރިޕޯޓްކޮށްފިއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރަޝިޔާއަށް ހަތިޔާރު ވިއްކުމާއި، ޗައިނާއިން ލިބޭ ވިޔަފާރީގެ އެހީތެރިކަމުގެ އިތުރުން، ބައިނަލްއަޤްވާމީ ފިޔަވަޅުތަކުން ރިސްކް ނަގައިގެން ހަކަތައާއި މުހިންމު ސާމާނު އެތެރެކުރުމުގެ ޤާބިލުކަން އެ ޤައުމަށް ލިބިފައިވުމެވެ.
ދާދިފަހުން އުތުރު ކޮރެއާއަށް ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިންނާއި ޑިޕްލޮމޭޓުން ހާމަކުރި ގޮތުގައި،
- ވެރިރަށް ޕިއޮންގޔަންގުން މިހާރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
- އެގޮތުން، އެމެރިކާގެ "އޫބާ" ފަދަ ޓެކްސީ ހޯދާ އެޕްލިކޭޝަންތައް ބޭނުންކުރަން ފަށާފައިވާއިރު،
- ރެސްޓޯރަންޓްތަކުން ކިއުއާރް ކޯޑް މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް ވަނީ ތަޢާރަފުކޮށްފަ
- މަގުތަކުގައި ޗައިނާގެ އިލެކްޓްރިކް ކާރުތަކާއި ޖަރުމަނުގެ ބީއެމްޑަބްލިއު މާކުގެ ކާރުތައް ގިނަވެ،
- ސްމާޓް ފޯނު ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގ އުންގެ އަމުރުފުޅަށް އެ ޤައުމުގައި ވަނީ ބޮޑު ބިނާކުރުމުގެ މަޝްރޫޢެއް ފަށާފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެކަނިވެސް ޕިއޮންގޔަންގުގައި 10000 އައު ހައުސިންގ ޔުނިޓް ބިނާކޮށްފައިވެއެވެ.
މިއީ އެމެރިކާގެ ލޮސް އެންޖެލިސް ނުވަތަ ޝިކާގޯ ފަދަ ބޮޑެތި މެޓްރޯ ސިޓީތަކުގައި އަހަރަކު ބިނާކުރާ މިންވަރަށްވުރެ އިތުރު އަދަދެކެވެ. ދާދިފަހުން ބޭއްވި ޕާޓީ ކޮންގްރެސްގައި ކިމް ވަނީ އެމެރިކާ އިސްވެ އޮވެ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިންވެސް ޤައުމުގެ އިޤްތިޞާދު ބަދަލުވަމުންދާ ކަމަށް ވިދާޅުވެ އެކަމަށް ތަޢުރީފު ކުރައްވާފައެވެ.
ދެކުނު ކޮރެއާގެ ސެންޓްރަލް ބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު އުތުރު ކޮރެއާގެ އިޤްތިޞާދު ވަނީ 3.7 އިންސައްތައަށް ކުރިއަރާފައެވެ.
މިއީ ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދު އެންމެ ހަލުވިކަމާއެކު ކުރިއެރި ފަހަރެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މިއީ ކިމް ޖޮންގ އުން ވެރިކަމާ ޙަވާލުވި 15 އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދީ ޙާލަތު އެންމެ ވަރުގަދަވި ފަހަރެވެ.
މި ކުރިއެރުމުގެ އެންމެ ބޮޑު ބާރަކަށްވީ 2022 ވަނަ އަހަރު ރަޝިޔާއިން އުކްރޭނަށް އެރި ފަހުން، އުތުރު ކޮރެއާއިން ރަޝިޔާއަށް ބޭނުންވާ ގޮވާތަކެއްޗާއި ހަތިޔާރު ފޯރުކޮށްދިނުމެވެ.
މި ވިޔަފާރިން އުތުރު ކޮރެއާއަށް 10 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން، ރަޝިޔާގެ ހަނގުރާމައިގެ ކުރީސަފަށް އުތުރު ކޮރެއާގެ 15000 އަށްވުރެ ގިނަ ސިފައިން ފޮނުވުމުގެ ބަދަލެއްގެ ގޮތުން ރަޝިޔާއިން ދަނީ އެ ޤައުމަށް އަސްކަރީ ޓެކްނޮލޮޖީއާއި ދިފާޢީ ނިޒާމުތައް ފޯރުކޮށްދެމުންނެވެ.
އުތުރު ކޮރެއާގެ އާބާދިއަކީ 26 މިލިއަން އެވެ.




