މަނީ ލޯންޑަރިންގ މައްސަލަ: ޖެކްލިން ސުޕްރީމް ކޯޓަށް

ބޮލީވުޑްގެ އެކްޓްރެސް ޖެކްލިން ފެނާންޑޭޒް، އޭނާގެ މައްޗަށް 200 ކްރޯޑް ރުޕީސްގެ މަނީ ލޯންޑަރިންގ މައްސަލައިގައި ދަށު ކޯޓަކުން ދަޢުވާލާން ނިންމި ނިންމުން ބާތިލުކުރުމަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ދިއްލީގެ ކޯޓަކުން ޖެކްލިންއާއި، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ސުކޭޝް ޗަންދުރަޝޭކަރާއި، އޭނާގެ އަނބިމީހާގެ މައްޗަށް ރަސްމީކޮށް ދަޢުވާ އުފުލައި ޝަރީޢަތް ފަށަން ތައްޔާރުވެފައިވަނިކޮށެވެ.

  • އިންޑިއާގެ މާލީ ކުށްތައް ތަޙުޤީޤުކުރާ އިދާރާއިން ބުނާ ގޮތުގައި ޖެކްލިން ވަނީ ސުކޭޝްގެ ކުށްވެރި މާޒީ އެނގިހުރެވެސް އޭނާއާ މުޢާމަލާތްކޮށް، މެދުވެރިއެއްގެ އެހީގައި އަގުބޮޑު ހަދިޔާތައް ގަބޫލުކޮށްފައެވެ.
  • މި ހަދިޔާތަކަކީ ޖަލުގައި ހުރެގެން ސުކޭޝް ހިންގި ބޮޑު ފޭރުމުގެ ނެޓްވޯކުން ހޯދި ފައިސާއިން ގަނެފައިވާ ތަކެތި ކަމަށް އިދާރާތަކުން ބުނެއެވެ.
  • ޖެކްލިން މި ތުހުމަތުތައް މުޅިން ދޮގުކުރެއެވެ. އޭނާ ބުނާ ގޮތުގައި އެއީ ހުއްދަ ނޫން ގޮތުގައި ހޯދާފައިވާ ފައިސާ ނުވަތަ ތަކެތިކަން އޭނާއަކަށް އެއްވެސް ވަރަކަށް ނޭނގެއެވެ.

ސުކޭޝް ވަނީ ޖަލުގައި ހުރެގެން، ބޮޑުވަޒީރުގެ އޮފީހާއި ދާޚިލީ ވުޒާރާ ފަދަ ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންގެ ނަމުގައި އޮޅުވާލައިގެން ފޯނު ކޯލްތައް ކޮށްފައެވެ. އޭނާ ވަނީ ޓެކްނޮލޮޖީގެ އެހީގައި ފޯނު ނަންބަރުތައް އޮޅުވާލައިގެން މަޝްހޫރު ކުންފުންޏެއްގެ ވެރިއެއްގެ އަތުން މަކަރާއި ހީލަތުން 217 ކްރޯޑް ރުޕީސް ފޭރިފައެވެ.

މި މައްސަލައިގައި ސުކޭޝްގެ އިތުރުން 20 މީހެއްގެ މައްޗަށް ފޭރުމާއި، މަކާރާއި ހީލަތް ހެދުމާއި، ބިރުދެއްކުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ޤާނޫނާއި، ރޭވުންތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަނީ ދަޢުވާ އުފުލާފައެވެ.

މި މައްސަލަ ފެންމަތިވީ ސަރުކާރުގެ މަތީ އޮފިޝަލެއްގެ ނަމުގައި 2020 ވަނަ އަހަރު ލިބުނު ފޯނު ކޯލަކާ ގުޅިގެން ހުށަހެޅި ޝަކުވާއަކުންނެވެ. ފުލުހުން ސުކޭޝް ދެނެގަތީ ފޯނު ސިގްނަލްތައް މެދުވެރިކޮށެވެ. އޭނާއަކީ 2017 ވަނަ އަހަރުން ފެށިގެން އެހެން ސިޔާސީ ރިޝްވަތުގެ މައްސަލައެއްގައި ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ. ތަޙުޤީޤީ އިދާރާތަކުން ބުނާ ގޮތުގައި މި ފޭރުމުގެ އެހީގައި ހޯދި ފައިސާ ވަނީ އެކި މީހުންގެ މެދުވެރިކޮށް ދޮވެ، ސައްޙަ ފައިސާގެ ގޮތުގައި ދައްކަން މަސައްކަތް ކޮށްފައެވެ.

ހިއްސާ ކުރައްވާ!