ޕީއެންސީގެ ފިކުރަކީ ގުޑުވާނުލެވޭނެ ވަރުގަދަ އަސާސެއް: ރައީސް މުއިއްޒު

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް ހޯދި ޕާޓީ ކަމަށާއި، އެ ޕާޓީގެ ފިކުރަކީ ނުގުޑާނެ ވަރުގަދަ ފިކުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި އިލެކްޝަން ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕީއެންސީއަކީ އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ގިނަ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ޕާޓީއެއް ކަމަށެވެ. އެގޮތުން، އެ ޕާޓީ ވުޖޫދުވުމަށްފަހު ބޭއްވުނު ގިނަ އިންތިހާބުތަކުން ލިބުނު ކާމިޔާބީތަކަކީ ރައްޔިތުން އެ ޕާޓީއަށް ކުރާ އިތުބާރުގެ ހެއްކެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޕީއެންސީގެ ފިކުރަކީ އިސްލާމްދީން ހިމާޔަތްކުރުމާއެކު، ގައުމުގެ ސުލްހަމަސަލަސްކަމާއި ތަރައްގީ ގެނައުމުގައި ސާބިތުވެ އޮތް ފިކުރެއްކަން ފާހަގަކުރެއްވިއެވެ.

"ކުރިއަށްމިދަނީ އަދި ކުރިއަށް އޮތް ތަނުގައި ދާނީވެސް މި ފިކުރުގެ މަތީގައި. އިސްލާމްދީން މަތިވެރިކޮށް، ގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފާއިތުވި ދުވަސްތަކަށް އަލިއަޅުވާލައްވަމުން، ކުރީގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލި މައްސަލައަށް ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެ ސަރަހައްދު އަނބުރާ ހޯދުމަށް މި ސަރުކާރުން ގާނޫނީ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއީ ގައުމުގެ ހައްގުގައި ކުރަންޖެހޭ އަގުބޮޑު މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ "ދިވެހިން އިސްކުރުން" ކަމަށް ތަކުރާރުކުރައްވައި، ކުރިން އަމަލުކުރި ގޮތާ ހިލާފަށް މި ސަރުކާރުން ގުޅުން ބަދަހިކުރަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް ފައިދާހުރި ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް، އިސްރާއީލާ ގުޅުން ބާއްވަން ކުރިން މަސައްކަތްކުރި ނަމަވެސް، މި ސަރުކާރަކީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރި ސަރުކާރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް އިންޓަނޭޝަނަލް މިންގަނޑުތައް ހުންނަ ގޮތުން އަޅުގަނޑުމެން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ. އެ މަސައްކަތް އެބަހިނގާ. ރަސްމީކޮށް އެބައި ސަރުކާރުން މިދަނީ ރަސްމީކޮށް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްކުރަމުން. ހަރަދު ބޮޑު މަސައްކަތެއް، ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ވަނީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ މައްޗަށް 80 ވޯޓުގެ ތަފާތުން ކުރި ހޯއްދަވާފައެވެ. މި އިންތިހާބުގައި ސުހާއަށް 529 ވޯޓު ލިބުނުއިރު، ޝާހިދަށް ލިބުނީ 449 ވޯޓެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ރައީސް މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މީދޫއަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި އިންތިހާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!