ރައީސް: ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ މިސްރާބު ބަދަލުވެ "މަސައްކަތްތަކުގެ ސްޕީޑް ބާރުވާނެ"

ރާއްޖޭގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރިމަތިވި ހުރަސްތައް ގިރާކޮށް، މަސައްކަތްތަކުގެ ސްޕީޑް އަންނަ ހަފުތާތަކުގައި އެތައް ގުނައަކަށް ބާރުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ. ދ. މީދޫ ކައުންސިލްގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ މަސްރަހުގައި ހިނގި ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގު އުފުލުމާއި، ކޮންސްޓްރަކްޝަން ސާމާނު ގެނައުމުގައި ދިމާވި ދަތިތަކަކީ ސަރުކާރުގެ މަޝްރޫއުތަކަށް އައި މަޑުޖެހުމުގެ މައިގަނޑު ސަބަބު ކަމަށެވެ.

ނަމަވެސް، މި ހާލަތު މިހާރު ބަދަލުވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކެބިނެޓުގެ މެންބަރުންނާ މަޝްވަރާކޮށް، ކުރިއަށް އޮތް ހުރިހާ މަޝްރޫއެއްގެ ތަރުތީބު މިހާރު ފައިނަލްކޮށްފައިވާ ކަމަށެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ޖުމްލަ 2،645 މަޝްރޫއެއް އެބައޮތެވެ. މީގެ ތެރޭގައި މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތަކާއި، މި އަހަރު އަލަށް ފަށަން ހުރި މަޝްރޫއުތަކުގެ އިތުރުން އަންނަ އަހަރުގެ ވައުދުތައް ފުއްދުމަށް ރާވާފައިވާ މަސައްކަތްތައް ހިމެނެ އެވެ.

"މި މަޝްރޫއުތައް ތަރުތީބުކޮށްފައިވަނީ ވަރަށް ބޮޑު ޕްލޭނެއްގެ ދަށުން. ކޮންމެ މަހަކު ނިންމާނެ މަސައްކަތްތައް ކަނޑައަޅައި، ދަރަނި ދައްކަމުން ކޭޝްފްލޯ މެނޭޖްކުރެވޭނެ ފަދަ ހަރުދަނާ ތާވަލެއްގެ ދަށުން މި މަސައްކަތްތައް ކުރިއަށްދާނީ،" ރައީސް ވިދާޅުވި އެވެ.

އިގްތިސާދީ ދެ މަގު: ފަނާކުރުން ނުވަތަ ބިނާކުރުން

ގައުމުގެ ސިޔާސީ މިސްރާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ މަގެއް ކަމަށެވެ. އެއީ ދީނާއި ގައުމު އިސްކޮށް، ތަރައްގީ އާއި ތަމައްދުންގެ މަގާއި، ކުރިން ގައުމަށް ގެއްލުން ދިން "ފަނާކުރަނިވި" މަގު ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ. ޕީއެންސީގެ ފިކުރަކީ އިސްލާމްދީނާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އުފެދުނު "ނުގުޑާ ފިކުރެއް" ކަމަށާއި، މި ފިކުރުން ގައުމަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދަރަނީގެ ހަގީގަތް: 1.2 ބިލިއަން ޑޮލަރުގެ ދައްކައިފި

ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން އިދިކޮޅުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވަމުން، ރައީސް ވަނީ ތަފާސްހިސާބުތަކާއެކު ދިފާއީ ބަޔާނެއް ދެއްވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ދަރަނި އަދާކުރުމަށް މިހާތަނަށް 1.2 ބިލިއަން ޑޮލަރު ދައްކާފައިވެ އެވެ. އަދި މި ފައިސާގެ ތެރޭގައި މި ސަރުކާރުގެ ދަރަންޏަށްވުރެ ބޮޑަށް ހިމެނެނީ ކުރީގެ ފަސް ރައީސުންގެ ވެރިކަމުގައި ނަގާފައިވާ ދަރަނިތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ހާމަކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު:

  • ރައީސް ސޯލިހުގެ ސަރުކާރު: 891 މިލިއަން ޑޮލަރު
  • ރައީސް ޔާމީންގެ ސަރުކާރު: 195 މިލިއަން ޑޮލަރު
  • ރައީސް ނަޝީދު/ރައީސް ވަހީދުގެ ސަރުކާރު: 62.5 މިލިއަން ޑޮލަރު
  • ރައީސް މައުމޫންގެ ސަރުކާރު: 38.1 މިލިއަން ޑޮލަރު

މީގެ އިތުރުން، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި 123.6 ޕަސެންޓުން 121.2 ޕަސެންޓަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަރަނި އަދާކުރަން ދެއްކި ފައިސާގެ ތެރޭގައި މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ހިމެނެނީ އެންމެ ހަތަރު މިލިއަން ޑޮލަރު ކަމަށެވެ.

ހިއްސާ ކުރައްވާ!