ފޮޓޯ: ޕީއެންސީ
ފޮޓޯ: ޕީއެންސީ

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް "ބޮޑު ޚަރަދެއް" ކުރަން ޖެހުނަސް ފަހަތަށް ނުޖެހޭނެ: ރައީސް މުއިއްޒު

ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޮޑު ޚަރަދެއް ދިޔަ ނަމަވެސް، ގައުމީ މަސްލަހަތު އިސްކޮށް އެކަން ހާސިލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލްގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ކުރީ ސަރުކާރުން "ގާނޫނުތަކާ ޚިލާފަށް އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތި" ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ގައުމުގެ މިނިވަންކަމަށް ނުރައްކާވި "ފަނާކުރަނިވި" ސިޔާސަތެއްގެ ދަށުން ހިނގި ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެ ކަނޑުގެ ސަރަހައްދަކީ ދިވެހިންގެ ބައެއްކަން ގާނޫނީ ގޮތުން ކަނޑައަޅައި، ރަސްމީ ލިޔެކިޔުންތަކުގައި ހިމެނުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން އެ ސަރަހައްދު ދޫކޮށްލީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ފައިސާއެއް ހަރަދުކޮށްގެން ކަމަށްވީ ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އެތަން އަލުން ހޯދުމަށް ފައިސާ ހަރަދުކުރުމެވެ.

"މިއީ ޚަރަދު ބޮޑު މަސައްކަތެއް. ނަމަވެސް ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމަކަށް ވާތީ، ދައުލަތުން މި މަސައްކަތް ކުރަމުން މިގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ކަނޑުގެ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކުރިން ފޮނުވާފައި އޮތް ސިޓީ މިހާރު އަނބުރާ ގެނެވިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކަމަށެވެ. މި މައްސަލައަކީ ރައްޔިތުން އަމިއްލަފުޅަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށާއި، މި ސަރުކާރުގެ "ބިނާކުރަނިވި" ފިކުރުގެ ސިޔާސަތަކީ ގައުމީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އިސްކަންދޭ ސިޔާސަތެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!