އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރަކީ ގައުމަށް ގެއްލުންހުރި "ފަނާކުރަނިވި" ފިކުރެއް ކަމަށް ސިފަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ. ދ. މީދޫ ކައުންސިލްގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން މިއަދު އިންތިޚާބުކުރަން ޖެހިފައިވަނީ "ހަލާކުގެ ރާސްތާ" އާއި "ކާމިޔާބީގެ ރާސްތާ" ކަމަށެވެ.
އެމްޑީޕީގެ ވެރިކަންތަކަށް ފާޑުވިދާޅުވަމުން ރައީސް ތުހުމަތުކުރެއްވި ގޮތުގައި، އެ ޕާޓީގެ ސަރުކާރުތަކުން ގެންގުޅުނީ ދީނާ ދުރު އަދި އިސްލާމީ އަގީދާއަށް ފުރައްސާރަކުރި ފަރާތްތަކަށް މާލީ މަންފާ ލިބޭ ފަދަ ސިޔާސަތުތަކެކެވެ.
"އޭރު ފެނިގެންދިޔައީ އިސްލާމީ އަގީދާއަށް ފުރައްސާރަކުރި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދިން މަންޒަރު. މީގެ އިދިކޮޅަށް، މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރުދިނުން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ޑްރަގާއި ވޭޕް ފަދަ ތަކެތި މުޖުތަމައުގައި އިންތިހާއަށް ފެތުރިފައި އޮތީ ކުރީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު ވޭޕާއި ޑްރަގު އޮތީ އިންތިހާއަށް ފެތުރިފައި. ބިނާކުރަނިވި ފިކުރުން އަޅުގަނޑުމެން މި އަންނަނީ އެކަންކަން ތަންފީޒުކޮށް ހައްލުކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ޕީއެންސީގެ ފިކުރަކީ އިސްލާމްދީނާއި ގައުމު ކުރިއަށް ނެރޭ "ވަރުގަދަ ނުގުޑާ ފިކުރެއް" ކަމަށް ސިފަކުރެއްވި އެވެ. އެ ފިކުރުގެ ސަބަބުން ގައުމަށް ހަމަޖެހުމާއި، ތަރައްގީ އާއި، ރައްކާތެރިކަން ގެނެސްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ޖަލްސާގެ ތެރެއިން ދަރަނި ދެއްކުމާ ގުޅޭ ތަފާސް ހިސާބުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަކީ މި ސަރުކާރުން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކި، އެކަމަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.


