ޒަމާނުއްސުރެ ރާއްޖޭގެ ވިޔަފާރީގެ މުއާމަލާތްތައް ބިނާވެފައި އޮތީ ބޭރުގެ ފައިސާ ފޮނުވުމާއި ބަލައިގަތުމުގައި ހުރި ބޮޑެތި ހުރަސްތަކެއްގެ މައްޗަށެވެ. ނަމަވެސް، މިއަދު މި ފެންނަނީ އެ ހުރަސްތައް ނެތިދާ މަންޒަރެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލް، ރާއްޖެއަށް ތައާރަފުކުރުމާއެކު، ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދޭ މައި ކުންފުނި، އުރީދޫ މޯލްޑިވްސް އިން މިވަނީ ރާއްޖޭގެ ފިންޓެކްގެ ތާރީޚުގައި އާ ސޮފްހާއެއް ހުޅުވައިފައެވެ.
މި ޚިދުމަތް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ރަސްމީކޮށް ފެށުނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު، ސަރުކާރުން ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅި ހިސާބުންނެވެ. އެއާއެކު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން އިއުލާންކުރިއެވެ.
ނަމަވެސް، މި ދަތުރުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ޚިދުމަތް ފެށުން ލަސްވީ، އޭރު އުރީދޫ މޯލްޑިވްސްގެ އެންޓި މަނީ ލޯންޑްރިން ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ޕޭޕަލްގެ ހަރުކަށި އުސޫލުތަކާ އެއްގޮތް ނުވުމުންނެވެ. މިކަމަށް ހައްލު ހޯދުމަށް އުރީދޫއިން ވަނީ އެ ކުންފުނީގެ އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް، ޕޭޕަލްއިން ބޭނުންވި ހުރިހާ ބަދަލުތަކެއް މި އަހަރުގެ ކުރީކޮޅު ގެނެސް ނިންމައިފައެވެ. މި މަސައްކަތުގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް "އިންވާޑް ރެމިޓެންސް" ލައިސަންސްވެސް ރަސްމީކޮށް ހަވާލުކޮށްފައެވެ.
ޕޭޕަލް އިފްތިތާޙު ކޮށްދެއްވަމުން ރައީސް ވަނީ ސަރުކާރުގެ ތަސައްވުރު ހާމަ ކުރައްވާފައެވެ. ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި، ޕޭޕަލްގެ މި އިންޓަގްރޭޝަނަކީ ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ މަންޒަރު ބަދަލުކުރުމަށް އެކުލަވާލާފައިވާ ބޮޑު "ބްލޫޕްރިންޓް" ގެ މުހިންމު އެއް ބޮޅެވެ. އެމަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ މެދުގައި ފައިތިލަ ސާބިތުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިގްތިސާދު ސިންދަފާތުކޮށް، އާ ދާއިރާތަކަށް ފުޅާކުރަން މަޖުބޫރު،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިގްތިސާދީ މުސްތަގުބަލު އޮތީ ޑިޖިޓަލް މައިދާނުގައެވެ. އެގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދުން ހޯދާ އާމްދަނީކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް ލަނޑުދަނޑިއެވެ.
އެމް-ފައިސާގެ ދައުރު
މި ޚިދުމަތް ފެށިގެން ދިޔައީ އުރީދޫގެ އަމިއްލަ ފިންޓެކް ޕްލެޓްފޯމް، "އެމް-ފައިސާ" މެދުވެރިކޮށެވެ. އުރީދޫއަކީ ރާއްޖޭގެ މޮބައިލް ޚިދުމަތްތަކުގެ ތެރެއިން ޑިޖިޓަލް ފައިސާގެ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައި ކުންފުންޏެވެ.
"މުދާ ބަދަލުކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އައި ގޮތްތަކުން ފެށިގެން، މިއަދުގެ މި ލުއިފަސޭހަ ޑިޖިޓަލް މުއާމަލާތްތަކާ ހަމައަށް އައިސްފައި މިވަނީ ދިގު ދަތުރެއް،" އެމް-ފައިސާގެ މީސްމީޑިއާ ހެންޑްލްގައި ހިއްސާކޮށްފައި ވެއެވެ. "މިއަދު ޕޭޕަލް މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ފައިސާގެ މުއާމަލާތްތައް ކުރުމަކީ އެންމެ ފިރުމާލުމެއްގެ ދުރުމިން." އުރީދުއިން ބުނެއެވެ.
އުރީދޫގެ ފިންޓެކް ބާރާއި ޕޭޕަލްގެ ހަރުދަނާ ނިޒާމު ގުޅިގެން، ރާއްޖޭގެ ވިޔަފާރިވެރިންނަށް މިހާރު ވަނީ ބައިނަލްއަގުވާމީ ބާޒާރާ ސީދާ ގުޅިލާމެހުމުގެ ފުރުސަތު ފަހިވެފައެވެ. މިއީ ހަމައެކަނި ޚިދުމަތެއް ފެށުމެއް ނޫނެވެ؛ މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީއެވެ.

