ނަބަވީ ހިޖުރައަކީ މައްކާއިން މަދީނާއަށް ކުރެވުނު ޖިއޮގްރަފީގެ ބަދަލެއް ނޫނެވެ. އެއީ އިންސާނީ މުޖުތަމަޢުގެ ފިކުރީ އަދި ހަޟާރީ މަންޒަރު މުޅިން ބަދަލުކޮށްލި ހިޖުރައެކެވެ. އެ ހިޖުރައިގެ ސަބަބުން އިސްލާމީ އުންމަތުގެ ޢަޤީދާގެ މަރުޙަލާއިން ސިޔާސީ އަދި ހަޟާރީ ބާރުވެރިކަމުގެ މަރުޙަލާއަށް ބަދަލުވެގެން ދިޔައެވެ.
މި ތާރީޚީ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ ނަތީޖާއަކީ ލިޔެވިފައިވާ ޑޮކިއުމެންޓެއްގެ މައްޗަށް ބިނާވެގެންވާ ފުރަތަމަ އިސްލާމީ ދައުލަތް ޤާއިމުކުރެވުމެވެ. ތާރީޚީ ފޮތްތަކުގައި މި ޑޮކިއުމެންޓަށް ނަންދީފައި ވަނީ މަދީނާގެ ޞަޙީފާ ނުވަތަ މަދީނާގެ ޤާނޫނުއަސާސީގެ ނަމުންނެވެ.
މި ޑޮކިއުމެންޓަކީ، ހަމައެކަނި އިދާރީ އިންތިޒާމުތަކެއް ނޫނެވެ. މިއީ ޢަދުލުއިންސާފާއި، ރައްޔިތުންގެ ޙައްޤުތަކާއި، ޤާނޫނުގެ ވެރިކަން ޤާއިމުކުރުމަށް އެޅުނު ބިންގަލެވެ. މިކަން ހިނގީ ޤަބީލާވަންތަކަމާއި އަނިޔާވެރިކަން ވެރިވެފައިވާ ޒަމާނެއްގައެވެ.
ހިޖުރައާއި ޤަބީލާވަންތަކަމުން އުންތަށް ބަދަލުވުން
ސިޔަރަތުގެ ފޮތްތަކުގައި، ޚާއްޞަކޮށް އިބްނު ހިޝާމްގެ ސިޔަރަތާއި އިބްނު ސަޢުދުގެ ތަބަޤާތު ފޮތުގައި ބަޔާންވެގެންވަނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވުމާއެކު، ނަސަބުގެ ގުޅުމުގެ ބަދަލުގައި އެއްކައުވަންތަކަމުގެ އީމާންކަމުގެ މައްޗަށް ބިނާވެގެންވާ މުޖުތަމަޢެއް އުފެއްދެވި ކަމަށެވެ. އަދި މުހާޖިރުންނާއި އަންޞާރުންގެ މެދުގައި އުފެއްދެވި އަޚުވަންތަކަމުގެ ގުޅުމުގެ ސަބަބުން ނަސަބުގެ ތަފާތުތައް ނެތިގެން ދިޔައެވެ.
މިއީ މާތް ﷲ ވަޙީކުރެއްވި މި ބަސްފުޅުގެ ޢަމަލީ ތަޖުރިބާއެކެވެ.
إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةًۭ وَٰحِدَةًۭ وَأَنَا۠ رَبُّكُمْ فَٱعْبُدُونِ ٩٢
ހަމަކަށަވަރުން، މިއީ، އެއް أمّة އެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! (21:92)
އެ ހިޖުރައަކީ ޤަބީލާގެ ހަނި ސަރަޙައްދުތައް ފަހަނައަޅައި ގޮސް، ފުޅާ ދާއިރާއެއްގައި އުއްތެއްގެ ގޮތުގައި އައު ސިޔާސީ ބާރެއް އުފަންވިކަމުގެ އިޢުލާނެކެވެ.
ޞަޙީފާގެ މާއްދާތަކަށް ނަޒަރެއް
މަދީނާގެ ޞަޙީފާގައި ފަންސާހަށްވުރެ ގިނަ މާއްދާ ހިމެނެއެވެ. އޭގެ ތެރޭގައި މުހިންމު އަސާސްތަކެއް ހިމެނެއެވެ. މި ޤާނޫނުގެ މޮޅުކަމަކީ، ނަސަބުގެ ގުޅުމުން ފަހަނައަޅައި ގޮސް، އިންސާނުންގެ ގުޅުން އަޚްލާޤީ އަދި އިޖުތިމާއީ ގޮތުން އެއްބަސްވާ ކަންތައްތަކެއްގެ މައްޗަށް ބަދަލުކުރުމެވެ.
މި ޑޮކިއުމެންޓާ ބެހޭ ތަފްސީލު ގެނަސްދެއްވީ އިބްނު ހިޝާމްގެ ސިޔަރަތުގައެވެ. އިބްނު ހިޝާމް އެކަލޭގެފާނުގެ ސިޔަރަތުގައި ނަޤުލުކުރައްވާފައިވާ މަދީނާގެ ޞަޙީފާއަކީ، އިސްލާމީ ދައުލަތުގެ ފުރަތަމަ ޤާނޫނީ ލިޔުމެވެ. މި ލިޔުމުގައި ހިމެނޭ އެންމެ މުހިންމު ބައިތަކުގައި ހިމެނެނީ:
- އުންމަތުގެ އެއްބައިވަންތަކަމާއި ދައުލަތަށް ވަފާތެރިކަން:
إن المؤمنين والمسلمين من قريش ويثرب ومَن تبعهم فلحق بهم وجاهد معهم، هم أمة واحدة من دون الناس
ޤުރައިޝުންނާއި، ޔަސްރިބުގެ މީހުންގެ ތެރެއިން މުއުމިނުންނާއި މުސްލިމުން، އަދި އެބައިމީހުންނާ ގުޅި، އެބައިމީހުންނާއެކު ޖިހާދުކުރި އެންމެންނަކީ، އެހެން މީސްތަކުންނާ ވަކިން އެއް އުންމަތެކެވެ. - ނިޔާ ކަނޑައެޅުމާއި އަދުލު އިންސާފުގެ ބާރު
وإنكم مهما اختلفتم فيه من شيء، فإن مرده إلى الله عز وجل وإلى محمد ﷺ
ތިޔަބައިމީހުންގެ މެދުގައި ކަމަކާ މެދު ޚިލާފް އުފެދިއްޖެނަމަ، އެކަމެއްގެ ޙައްލު އޮތީ ﷲ ސުބުޙާނަހޫ ވަޢާލާއަށާއި، ރަސޫލާ ﷺ ގެ އަރިހުގައެވެ.
މިއީ ރަސޫލާ ﷺ ދައުލަތުގެ އުއްތަމަ ފަނޑިޔާރު އަދި އަދި ސިޔާސީގޮތުން އެންމެ އިސް ވެރިޔާ ކަމުގައި ކަނޑައެޅުނު ފިޔަވަޅެވެ. - ލޭގެ ބަދަލު ދިނުމާއި ޚަރަދުތަކުގައި އެހީތެރިވުން
نظمت الصحيفة نظام "العواقل"؛ فالمهاجرون على ما هم عليه، والأنصار (بطونهم) يدفعون دماءهم ويتفادون عانيهم (أسراهم) بالمعروف والقسط بين المؤمنين.
މުހާޖިރުންނާއި އަންޞާރުންގެ އެކި ޤަބީލާތަކުން، މުއުމިނުންގެ މެދުގައި ޢަދުލުވެރިކަމާއެކު، މަރުގެ މައްސަލަތަކުގައި ލޭގެ ބަދަލު ދިނުމާއި، އަސީރުން މިނިވަން ކުރުމުގެ ޚަރަދުތައް ހަމަޖެއްސުން. - ޢަދުލުއިންސާފުގެ މުޠުލަޤު އަސާސް
وإن المؤمنين المتقين أيديهم على كل من بغى منهم أو ابتغى دسيعة ظلم أو إثم أو عدوان أو فساد بين المؤمنين، وإن أيديهم عليه جميعاً ولو كان ولد أحدهم
ހަމަކަށަވަރުން، ތަޤްވާވެރި މުއުމިނުންގެ ބާރު ވަނީ، އެބައިމީހުންގެ ތެރެއިން އަނިޔާވެރިވި ނުވަތަ ފަސާދައާއި އަނިޔާވެރިކަމަށް އެދުނު ކޮންމެ މީހެއްގެ މައްޗަށެވެ. އެމީހަކީ އެއިން މީހެއްގެ ދަރިއަކު ކަމުގައި ވިޔަސް، އެންމެން އެކުވެގެން އެ އަނިޔާވެރިޔާއާ ދެކޮޅަށް ތެދުވާނެއެވެ. މިއީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް އެންމެންގެ މައްޗަށް ހަމަހަމަކަން އޮތްކަން އަންގައިދޭ މާއްދާއެވެ. - މަޒްލޫމުންނަށް ނަޞްރު ދިނުމާއި މުޢާހަދާ
إنه لا يحل لمؤمن أقر بما في هذه الصحيفة وآمن بالله واليوم الآخر أن ينصر محدثاً (ظالماً أو مرتكباً للجريمة) ولا يؤويه
މި ޞަޙީފާގައި ހުރި ކަންކަމަށް އެއްބަސްވެ، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވި މުއުމިނަކު، އަނިޔާވެރިއަކަށް ނުވަތަ ކުށެއް ކުރި މީހަކަށް ވާގިވެރިވެ އެހީތެރިވުމާއި، އެމީހަކަށް ހިމާޔަތް ދިނުން ހުއްދައެއް ނުވާނެއެވެ. - ޣައިރު މުސްލިމުންގެ (ޔަހޫދީންގެ) ޙައްޤުތައް
وإن لليهود دينهم وللمسلمين دينهم… وإن على اليهود نفقتهم وعلى المسلمين نفقتهم، وإن بينهم النصر على من حارب أهل هذه الصحيفة
ޔަހޫދީންނަށް އެބައިމީހުންގެ ދީން، އަދި މުސްލިމުންނަށް އެބައިމީހުންގެ ދީނެވެ. ޔަހޫދީންގެ ޚަރަދުތައް އެބައިމީހުން ބަލަހައްޓާނީއެވެ. މުސްލިމުންނަށް އެމީހުންގެ ޚަރަދުތަކެވެ. އަދި މި ޞަޙީފާއަށް އެއްބަސްވެފައިވާ މީހުންނާ ހަނގުރާމަކުރާ މީހުންނާ ދެކޮޅަށް އެބައިމީހުން އެކަތިގަނޑަކަށް ވެގެން ނުކުންނާނީއެވެ. - ދިފާޢީ ނިޒާމާއި ރައްކާތެރިކަން
وإن يثرب حرام جوفها لأهل هذه الصحيفة، وإن بينهم النصر على من دهم يثرب
މި ޞަޙީފާގައިވާ މީހުންނަށް މަދީނާގެ އެތެރެވަރި (ޔަތުރިބު ސިޓީ) ވަނީ ޙަރާމް ބިމެއް ފަދައިން ރައްކާތެރިކުރެވިފައެވެ. އަދި މަދީނާއަށް ކުއްލިއަކަށް ޙަމަލާދޭ ބަޔަކާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށް ވެގެން ނުކުންނާނެއެވެ. - އިންސާނީ ޙައްޤުތަކާއި ރައްކާތެރިކަން
وإنه من خرج آمن، ومن قعد آمن، إلا من ظلم وأثم، وإن الله جار لمن بر واتقى
ދަތުރަށް ނުކުތް މީހާ އާއި ރަށުގައި މަޑުކުރި މީހާ އަށް އަމާންކަން ލިބިގެންވެއެވެ. އަނިޔާވެރިވި މީހަކާއި ފާފައަކަށް ހައްގަކަށް އަރައިގެންފި މީހަކު މީގެ ތެރޭގައި ނުހިމެނެއެވެ. ހެޔޮކަން ކޮށް ތަޤްވާވެރިވާ މީހާގެ ޙިމާޔަތްކުރައްވަނީ ﷲ އެވެ. މިއީ ދައުލަތުގެ ރައްޔިތުންނަށް ލިބިދޭ މިނިވަންކަމާއި ރައްކާތެރިކަމުގެ އަސާސީ ޙައްޤު ކަށަވަރުކޮށްދިން މާއްދާއެކެވެ. - ވިޔަފާރިއާއި އިޤްތިޞާދީ މައްސަލަތައް
- މުދަލުގެ މިނިވަންކަމާއި ޙުރުމަތް
وإن الجار كالنفس غير مضار ولا آثم
އަވަށްޓެރިޔާއަކީ އަމިއްލަ ނަފުސު ފަދައިން ޙުރުމަތްތެރިވެގެންވާ މީހެކެވެ. ގެއްލުން ދިނުމެއް ނެތި އަދި ފާފަވެރިވުމެއް ނެތި އެކަކު އަނެކަކަށް ރައްކާތެރިކަން ދޭންވާނެއެވެ. - ދަރަންޏާއި ލޭންދޭނުގެ މުއާމަލާތު
وإن المؤمنين لا يتركون مفرحاً بينهم أن يعطوه بالمعروف في فداء أو عقل
ދަރަނީގެ ބުރަ ބޮޑުވެފައިވާ މީހަކު އޭނާގެ ދަރަނިތައް ލުއިކޮށްދިނުމުގައި، ލޭގެ ބަދަލު ދިނުމުގައި ނުވަތަ ފިދުޔަ ދިނުމުގައި މުއުމިނުން އޭނާއަށް އެހީތެރިވާންވާނެއެވެ. - އިޤްތިޞާދީ އަދުލުވެރިކަން
وإن الله على أتقى ما في هذه الصحيفة
މި ޞަޙީފާގައިވާ ކަންކަމަށް އެއްބަސްވާ މީހުންގެ ތެރެއިން އެންމެ ތަޤްވާވެރި މީހާގެ މައްޗަށް ﷲ އޯގާވަންތަވެ ވޮޑިގެންވެއެވެ.
ވިޔަފާރީގެ މުޢާމަލާތުތަކުގައި ވެސް ﷲ އަށް ބިރުވެތިވުމާއި، ޢަދުލުވެރިވުމަކީ މުޅި އިޤްތިޞާދީ ނިޒާމުގެ މައިގަނޑު އަސާސް ކަމުގައި ކަނޑައެޅުނެވެ.
މި މާއްދާތަކުން ސާބިތުވަނީ، މަދީނާގެ ޞަޙީފާއަކީ ހަމައެކަނި ސިޔާސީ ލިޔުމެއް ނޫން ކަމެވެ. އެއީ ދައުލަތެއްގެ ދިފާޢީ، އިޖުތިމާޢީ، އަދި އިޤްތިޞާދީ ހުރިހާ ޙަރަކާތެއް ޢަދުލުއިންސާފުގެ އޮނިގަނޑެއްގެ ތެރެއަށް ފައްތައިދިން ފުރިހަމަ ނިޒާމެއް ކަމެވެ.
ހުޅަނގުގެ ދިރާސާތަކުގައި މި ޞަޙީފާގެ މަޤާމު
ހުޅަނގުގެ ދިރާސާވެރިންގެ ތެރެއިން ގިނަ ބޭފުޅުން މި ލިޔުމަކީ ތާރީޚީ އަސްލެއް ހުރި މުހިންމު ޤާނޫނީ ލިޔުމެއްކަމަށް އެއްބަސްވެއެވެ.
- މޮންޓްގޮމެރީ ވޮޓް: މި ޞަޙީފާއަކީ އަރަބި ކަރައިގައި ސިޔާސީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވުނު އެންމެ ފުރަތަމަ ކާމިޔާބު މަސައްކަތް ކަމުގައި ދެކެއެވެ.
(Muhammad at Medina, 1956) - ރޮބާޓް ސާޖަންޓް: މިއީ އައު ދައުލަތަކަށް ބޭނުންވާ ފުރިހަމަ ޤާނޫނުއަސާސީއެއްގެ ލިޔުމެއް ކަމަށާއި، މިއީ އިންސާނީ ތާރީޚުގެ އެންމެ ޒަމާންވީ އިޖުތިމާޢީ މުޢާހަދާ ކަމުގައި ސިފަކުރެއެވެ.
(The 'Constitution of Medina', 1964) - މައިކަލް ލެކަރ: މި ލިޔުމަކީ ތާރީޚީ ހަޤީޤަތެއް ކަމަށާއި، މިއީ ފަހުން އުފެއްދި ވާހަކައެއް ނޫން ކަމަށް ބުރަވެއެވެ.
The Constitution of Medina: Muhammad’s First Legislative Document, 2004) - ފްރެޑް ޑޮނަރ: މިއީ މުއުމިނުންގެ މުޖުތަމަޢު ބިނާކުރުމަށް އެޅުނު އަސާސީ ފިޔަވަޅެއް ކަމަށާއި، އިސްލާމީ ދައުލަތަކީ އޭގެ އުފެދުމުގައިވެސް އަޚުލާގީ އަދި ސިޔާސީ މަތިވެރި މަޝްރޫޢެއް ކަމުގައި ބަޔާންކުރެއެވެ.
(Muhammad and the Believers: At the Origins of Islam, 2010)
ހިޖުރައަކީ ބަލިކަށިކަމުން ބާރުވެރިކަމަށް ބަދަލުވުމުގެ މަރުޙަލާއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
وَٱلَّذِينَ هَاجَرُوا۟ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوٓا۟ أَوْ مَاتُوا۟ لَيَرْزُقَنَّهُمُ ٱللَّهُ رِزْقًا حَسَنًۭا ۚ وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّٰزِقِينَ ٥٨
އަދި اللَّه ގެ މަގުގައި هجرة ކޮށް، ދެން (ހަނގުރާމަކޮށް) قتل ވީ މީހުންނަށް، ނުވަތަ މަރުވި މީހުންނަށް، ހަމަކަށަވަރުން، اللَّه، އެއުރެންނަށް ރަނގަޅު رزق ން رزق ދެއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، رزق ދެއްވާ އެންމެހެޔޮ ރަސްކަލާނގެކަން ކަށަވަރެވެ. (22:58)
ހިޖުރަ ކުރުމަކީ ހަރަކާތެއް ކަމުގައިވާނަމަ، މަދީނާގެ ޞަޙީފާއަކީ އެ ހަރަކާތް ރައްކާތެރިކޮށް، ދައުލަތެއްގެ ސިފައިގައި އިންތިޒާމުކުރި ޤާނޫނީ ލިޔުމެވެ.
މަދީނާގެ ޞަޙީފާއަކީ އިސްލާމީ ހަޟާރާ ބިނާ ކުރުމުގެ ފަޚުރެކެވެ. އެ ޞަޙީފާއިން ސާބިތުކޮށްދެނީ އިސްލާމްދީނަކީ ޢަދުލުއިންސާފާއި، ޤާނޫނާއި، ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ދީނެއް ކަމެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޔަސްރިބްގެ ހަމަނުޖެހުން ބޮޑު މުޖުތަމަޢު، އެންމެންގެ ޙައްޤުތައް ރައްކާތެރިކުރެވޭ ފުރިހަމަ ރަށްވެހި މުޖުތަމަޢަކަށް ބަދަލުކުރައްވާފައެވެ. އެހެންކަމުން، މިއީ ހަމައެކަނި އިސްލާމީ ޖިއޮގްރަފީގެ ބަދަލެއް ނޫނެވެ. މިއީ އިންސާނީ ތާރީޚުގައި ލިޔެވުނު އެންމެ މަތިވެރި އިޖުތިމާޢީ މުޢާހަދާއެވެ.
ހިޖުރައިގެ ދަތުރުފުޅު: މައްކާގެ ހޫނުގަދަ މެންދުރެއްގެ ސިއްރު ރޭވުން





