އިންސާނީ ހަޔާތުގެ ތާރީޚުގެ މިސްރާބު ބަދަލުކޮށްލި އީޖާދުތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ހަނދާނަށް އަންނަނީ ހުޅަނގުގެ، ހާއްސަކޮށް ޔޫރަޕާއި އެމެރިކާގެ އުފެއްދުމާއި ޝަހުސިއްޔަތުންގެ ނަންތަކެވެ. ޔޫރަޕްގެ ބައްރުންވެސް ހަމައެކަނި ހުޅަނުގު ޔޫރަޕަށް ނިސްބަތްވާ މީހުންނެވެ.
އިންސާނުން ޖަނަވާރުންގެ ބަދަލުގައި އަމިއްލައަށް ހިނގާ އާލާތްތައް ބޭނުންކުރަން ފެށި، "ސިނާއީ އިންގިލާބު" ގެ މޭސްތިރި މުސްލިމު ސައިންޓިސްޓްގެ ދައުރު ވަނީ އެއްކޮށް ހަނދާން ނައްތާލާފައެވެ.
ހަތަރު ސިނާއީ އިންގިލާބު
ތާރީޚު ލިޔުނު މީހުން ބުނެދީފައި ވަނީ ސިނާއީ އިންގިލާބު ފެށުނީ އިނގިރޭސިވިލާތުން ކަމަށެވެ. 18 ވަނަ ގަރުނުގެ ފަހުކޮޅާއި 19 ވަނަ ގަރުނުގެ ކުރީކޮޅު މުޅި ޔޫރަޕަށާއި އުތުރު އެމެރިކާއަށް މި ހަރަކާތް ފެތުރިގެން ދިޔައެވެ. މިއީ "ފުރަތަމަ ސިނާއީ އިންގިލާބު" ކަމަށް ބުނެއެވެ.
އިންސާނުން މިހާރު މިތިބީ ހަތަރުވަނަ ސިނާއީ އިންގިލާބުގެ ތެރޭގައެވެ.
- ފުރަތަމަ އިންގިލާބުގެ މައިގަނޑަކީ ފެނުން އާވި އުފައްދައިގެން އޭގެ ބާރުގައި މެޝިންތައް ހިންގުމެވެ.
- ދެވަނަ ސިނާއީ އިންގިލާބު ބިނާވީ ކަރަންޓުން އުފައްދާ ހަކަތައިގެ މައްޗަށެވެ.
- ތިންވަނަ އިންގިލާބު ބިނާވީ އިލެކްޓްރޯނިކް ހަކަތައިގެ މައްޗަށެވެ. އެއީ އެޓަމް ފަޅާލައި، އިންޓަނެޓް މެދުވެރިކޮށް ޑޭޓާ ދައުރުކުރަން ފެށުމެވެ.
- ހަތަރުވަނަ ސިނާއީ އިންގިލާބަކީ މިހާރު އަޅުގަނޑުމެން މިދެކޭ މަސްނޫއީ ބުއްދި "އާޓިފިޝަލް އިންޓެލިޖެންސް"ގެ ވިސްނުންތެރި މެޝިންތަކުގެ އިންގިލާބެވެ.
ފުރަތަމަ ސިނާއީ އިންގިލާބުގެ ބިންގަލަކީ އާވިން މަސައްކަތްކުރާ އިންޖީނެވެ. މި އިންޖީނު އީޖާދުކުރި ކަމަށް ބުނަނީ 18 ވަނަ ގަރުނުގެ ފަހުކޮޅު (1784)ގައި އިނގިރޭސިވިލާތުގެ ޖޭމްސް ވޮޓް އެވެ.
ތާރީޚުގެ ހަގީގަތް
ނަމަވެސް ފޮރުވިފައިވާ ހަގީގަތަކީ، ފުރަތަމަ ސިނާއީ އިންގިލާބުގެ ބިންގާ އެޅުނީ 18 ވަނަ ގަރުނުގެ ފަހުކޮޅަށް ވުރެ މާ ކުރިންނެވެ. އަދި ހުޅަނގުގެ ގައުމުތަކަށް ވުރެ ކުރިން އިރުމަތީގެ ގައުމުތަކުގައެވެ.
އާވިން މަސައްކަތް ކުރާ އިންޖީނު އެންމެ ފުރަތަމަ އުފެއްދީ 16 ވަނަ ގަރުނުގެ މެދުތެރޭގައި، އުސްމާނި ޚިލާފަތުގެ ވެރިކަމުގައި އަރަބި މުސްލިމް ސައިންޓސްޓެކެވެ.
އިނގިރޭސިވިލާތުގައެއްވެސް ނޫނެވެ. ޖޭމްސް ވަޓް އެއްވެސް ނޫނެވެ!
- މިކަން އީޖާދު ކުރި ސައިންޓިސްޓަކީ، ތަގިއްޔުއްދީން މުހައްމަދު ބިން މައުރޫފް އައްޝާމީ އަލްދިމިޝްގީ އެވެ.
- ޖޭމްސް ވޮޓްގެ އީޖާދު ގެ 268 އަހަރު ކުރިން، 1551 ވަނަ އަހަރު، އާވިން މަސައްކަތް ކުރާ އިންޖީނު އުފެއްދީ ތަގިއްޔުއްދީން އެވެ.
- ޖޭމްސް ވޮޓް އޭނާގެ އީޖާދު ދުނިޔެއަށް ދެއްކީ 1819 ވަނަ އަހަރުއެވެ.
ކޮޕީ ކުރުމާއި އިލްމީ މައުލޫމާތުގެ ސިލްސިލާ ނައްތާލުމާއި އޮޅުވާލުމަކީ ދުނިޔޭގެ އުފެއްދުންތަކުގެ ހަގީގަތެވެ. އެހެންވެ ކޮންމެ އެއްޗެއްވެސް ނިސްބަތް ކޮށްފައި ވާނީ ހުޅަނގުގެ މީހަކަށެވެ. އެކަމުގއި އުޅުނު މުސްލިމު މީހާ ވަނީ ހަނދާންތައްތާލައި ފައެވެ. ނުވަތަ ހަނދާނުން ފޮހެލާފައެވެ.
އެހެންވ، ޖޭމްސް ވޮޓް ތަޤިއްޔުއްދީންގެ ފޮތުން ކޮޕީ ކުރީ ކަމަށް އިސްލާމީ ތާރިޚު އިލްމުވެރިން ބުރަވެއެވެ.
ދުނިޔޭގެ މިސްރާބު ބަދަލުކޮށްލި މި މުހިންމު އީޖާދުގެ ޝަރަފު މުސްލިމުންނަށް ނުދޭންވީ ސަބަބެއް ނެތެވެ.
ތަގިއްޔުއްދީންގެ އީޖާދީ ތިއަރީތައް ލިޔުއްވާފައި ވަނީ 1551 ވަނަ އަހަރު ލިޔުއްވި "އަލްތުރްޤު އައްސާމިޔާ ފީ އަލްއާލާތުއް ރޫހާނިއްޔާ" (الطرق السامية في الآلات الروحانية) މި ފޮތުގައެވެ.
ތަޤިއްޔުއްދީން ބިން މައުރޫފްއަކީ ކާކު؟
އެއީ 16 ވަނަ ގަރުނުގައި އުސްމާނީ ޚިލާފަތުގައި ދިރިއުޅުއްވި ދިމިޝްޤުގެ މުސްލިމް އިލްމުވެރިއެކެވެ. އޭނާއަކީ އެ ދުވަސްވަރުގެ އެންމެ ހުނަރުވެރި އެއް ޝަޚުސިއްޔަތެވެ.
އުސްމާނީ ދައުލަތުގައި އަސްކަރީ މުސައްނިފެއްގެ ގޮތުގައި ވަޒީފާ އަދާކުރެއްވި އެވެ. އަދި އޭނާއަކީ ގިނަ ދާއިރާތަކުންވެސް ފުންނާބު އުސް އިލްމުވެރިއެކެވެ.
- އޭނާއަކީ ސައިންޓިސްޓެއް، ފަލަކީ އިލްމުވެރިއެއް، ނުޖޫމީ އިލްމުވެރިއެއް، އިންޖިނިއަރެއް، އީޖާދުކުރާ ފަރާތެކެވެ. ފާރުގައި ބަހައްޓާ ގަޑިއާއި އަތުކުރީ ގަޑި އުފައްދައި ދެއްކެވި، ހިސާބު އިލްމާއި ފިޒިކްސްގެ މާހިރެކެވެ.
އުސްމާނީ ޚިލާފަތުގެ ތާރިޚު ލިޔުއްވި އަލްބާބާނީގެ ނަސަބުފޮތް "ހަދިއްޔަތުލް އާރިފީން" ފޮތުގައި ތަގިއްޔުއްދީންއާ ބެހޭ ގޮތުން ލިޔުއްވައެވެ.
ތަޤިއްޔުއްދީން ގެ ނަސަބު ލިޔުއްވުމަށްފަހު ވިދާޅުވަނީ "އޭނާ މަޝްހޫރުވެފައިވަނީ އުސްމާނި ޚިލާފަތުގެ ވެރިކަމުގެ ކުރީކޮޅުގައެވެ.
އޭނާގެ ފުރިހަމަ ނަން، އޭނާ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ "އަލްތުރްޤުއް ސަނިއްޔާ ފީ އަލްއާލާތިއް ރޫހާނިއްޔާ" (الطرق السنية في الآلات الروحانية) ފޮތުގައި ރިކޯޑު ކުރެވިފައިވެއެވެ. އެ ފޮތުގައި އޭނާގެ ނަސަބު ގުޅުވަނީ އަމީރު ނާސިރުއްދީން މަންކޫއިރަސް، ބިން އަމީރު ނާސިހުއްދީން ޚުމާރުތަކީންއާ ހަމައަށެވެ.
އޭނާގެ އުފަންވެފައި ވަނީ ދިމިޝްޤު ސަހަރުގައި، 1525 ވަނަ އަހަރު ގައެވެ. އޭގެ ފަހުން އޭނާގެ އާއިލާ މިސްރަށް ބަދަލުވެ، އެތަނުގައި ވަޒަންވެރިވީއެވެ.
ތަގިއްޔުއްދީންގެ ފޮތް ދިރާސާކުރުން
ތަޤިއްޔުއްދީންގެ ފޮތް "އަލްތުރްޤުއް ސަނިއްޔާ ފީ އަލްއާލާތިއް ރޫހާނިއްޔާ" ދިރާސާކޮށްފައި ވަނީ 1976 ވަނަ އަހަރުއެވެ. އެ ދިރާސާތައް، ފޮޓޯތަކާއެކު "ތަޤިއްޔުއްދީން އެންޑް ދަ އަރަބިކް މެކޭނިކަލް އިންޖިނިއަރިންގ" ފޮތުގައި ޝާއިއު ކޮށްފައި ވެއެވެ.
މި ފޮތުގައި ތަގިއްޔުއްދީންގ އުފެއްދުމުގެ އާލާތްތަކުގެ ބައްޓަމާއި، އެތަކެތި މަސައްކަތްކުރާ ގޮތް ކުރެހުމާއި ތަފްސީލާއެކު ބަޔާންކޮށްފައި ވެއެވެ.
"އަލްތުރްޤުއް ސަނިއްޔާ ފޮތުގެ މުހިންމުކަމަކީ، އަރަބި ސަގާފަތުގެ ތާރީޚާއި، މެކޭނިކަލް އިންޖިނިއަރިންގގެ ތާރީޚުން ގެއްލިފައިވާ ހިސާބެއް މި ފޮތުން ފުރިހަމަކޮށްދޭކަމެވެ." "ތަޤިއްޔުއްދީން އެންޑް ދަ އަރަބިކް މެކޭނިކަލް އިންޖިނިއަރިންގ" ފޮތުގައި ވެއެވެ.
ތަޤިއްޔުއްދީންގެ ފޮތުގެ މައުޟޫޢުތައް
- މުޤައްދިމާއަކާއި ހަ ބާބެއް ހިމެނެއެވެ. އެ ފޮތުގެ މުޤައްދިމާގައި "ޙުއްޤުލް ޤަމަރު" (ހަނދުގެ ފޮށި) ކިޔާ އާލާތެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެއީ މެކޭނިކަލް ގަޑިތަކާ އެއްގޮތަށް މަސައްކަތް ކުރާ އާލާތެކެވެ.
- ފުރަތަމަ ބާބުގައި ހަތަރު ވައްތަރެއްގެ ގަޑީގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.
- ދެވަނަ ބާބުގައި ބަރުތަކެތި ދަމާ އާލާތްތަކެއްގެ ތިން ވައްތަރެއްގެ ވާހަކަ ގެނެސްފައިވެއެވެ.
- ތިންވަނަ ބާބުގައި ބަރުތަކެތި އުފުލާ ހަތަރު އާލާތަކާއި، ފެން އުފުލާ ހަތަރު އާލާތެއްގެ ވާހަކަ ސިފަކޮށްދީފައިވެއެވެ.
- ހަތަރުވަނަ ބާބުގައި އަމިއްލައަށް މަސައްކަތްކުރާ މިއުޒިކީ އާލާތްތަކުގެ ތިން ވައްތަރެއްގެ ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރޭގައި ދާއިމީކޮށް ރާގު ކުޅެދޭ އާލާތްތަކާއި ނައްޤާރާ (ތާޅަފިލި) ހިމެނެއެވެ. އަދި މައްޗަށް ފެން އަރުވުމައި ފެންއަރުވަޑާންގެ ހަތަރު ވައްތަރެއްގެ ވާހަކަވެސް ގެނެސްފައިވެއެވެ.
- ފަސްވަނަ ބާބުގައި އެހެނިހެން ޚާއްސަ 11 ވައްތަރެއްގެ އާލާތްތަކުގެ ވާހަކަ ގެނެސްފައިވެއެވެ.
- ހަވަނަ ބާބުގައި ފެނުން އުފައްދާ ހޫނުގެ ބާރުން އަމިއްލައަށް އެނބުރޭ މަސް ފިހާ އުލެއް ސިފަކޮށްދީފައިވެއެވެ. މިއީ ފަހުން ފެނުގެ އާވިން އިންޖީނު އީޖާދުކުރުމަށް ކޮޕީކޮށްފައިވާ ތިއަރީއެވެ.
މީގެ 24 އަހަރު ކުރިން، 2002 ވަނަ އަހަރު، "ދާރުލް އާސާރުލް އިސްލާމިއްޔާ"އިން ވަނީ ތަގިއްޔުއްދީންގެ އުފެއްދުންތަކާ މެދު ދިރާސާއެއް ޝާއިއުކޮށްފައެވެ. މި ދިރާސާއިން މި މުސްލިމް ސައިންޓިސްޓްގެ މުހިންމުކަން ހާމަކޮށްދެނެވެ.
އަޔަލެންޑުގެ ޑަބްލިންގައި ހުންނަ "ޗެސްޓާ ބީޓީ" ލައިބްރަރީން ފެނުނު މި ތަޤިއްޔުއްދީންގެ "އަލްތުރްޤުއް ސަނިއްޔާ ފީ އަލްއާލާތިއް ރޫހާނިއްޔާ" (الطرق السنية في الآلات الروحانية) ފޮތުގެ މައުޟޫޢުތަކުގެ އަމަލީ ނަމޫނާއެއްގެ ގޮތުން ބައެއް އާލާތްތައް ޒަމާނީ ފަރުމާއަށް ކުރަހައި ތަފްސީރުކޮށްދީފައި ވެއެވެ. އަދި އެ ފޮތާއެކު އެ ލައިބްރަރީން ވަނީ ފޮތުގައިވާ ބައެއް މާނަތަކާއި، އިޞްޠިލާޙުތަކާއި، ޢިބާރާތްތަކުގެ (ޢަރަބި-އިނގިރޭސި) ރަދީފެއްވެސް ހިމަނާފައެވެ.




