އެރުދުޣާންގެ ނަސޭހަތް ގަބޫލުކޮށްގެން މެލޯނީ ފެގް ބުއިން ހުއްޓާލައިފި

އެއީ މީގެ އަށް މަސް ކުރިން މިސްރުގެ ޝަރްމު އައްޝައިޚްގައި އޮތް ސުލްހައިގެ ސަމިޓުގެ ހަވާސާގައި ހިނގި، މީސްމީޑިއާގައި ވައިރަލްވެގެންދިޔަ މަޖާ މަންޒަރެކެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ކައިރީގައި ހިނިފުޅުވަޑުވަމުން ވިދާޅުވީ، "ތިހުންނެވީ ވަރަށް ފަރިކޮށް، އެކަމަކު ދުންފަތުގެ އިސްތިއުމާލުކުރުން މިހާރު ހުއްޓާލަންވެއްޖެ،" ކަމަށެވެ. އެ މަންޒަރު ފެނިވަޑައިގެން އެތަނުގައި ތިއްބެވި ފްރާންސުގެ ރައީސް އެމަނުއެލް މަކްރޮން ފަދަ ލީޑަރުން ހިނިފުޅުވަޑައިގަތެވެ.

އޭގެ 8 މަސް ފަހުން، ފްރާންސްގައި މިހާރު ކުރިއަށްދާ ޖީ-7 ސަމިޓުގެ ތެރެއިން، މެލޯނީ މިވަނީ އެ ވާހަކައިގެ ނިމުން އިއުލާނުކުރައްވާފައެވެ. އެހެން ލީޑަރުން އަންނަންދެން މަޑުކުރައްވަމުން ގެންދެވި ވަގުތު، މައިކް އޮންކޮށް ހުރިކަން އެނގިވަޑައިނުގެން ދެއްކެވި ވާހަކަފުޅެއްގައި، މެލޯނީ ވަނީ މި އަހަރުގެ މޭ މަހުގެ 1ވަނަ ދުވަހު ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓާލައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މެލޯނީގެ އެ ވާހަކަފުޅާއެކު އެތަނުގައި ތިއްބެވި ލީޑަރުންގެ ފަރާތުން ފެނުނީ އުފާވެރި މަންޒަރުތަކެކެވެ. ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރްސުލާ ވޮން ޑެ ލަޔަން ވަގުތުން މެލޯނީއަށް މަރުހަބާ ދެންނެވިއެވެ. އަދި ޕޯޗުގަލްގެ ކުރީގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ، އޭނާ މީގެ އެތައް އަހަރެއް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލެއްވި ގޮތުގެ ވާހަކަ ހިއްސާކުރެއްވިއެވެ.

މެލޯނީ ވިދާޅުވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލެއްވުމަށްފަހު މިހާރު އޭނާއަށް ހޭލާ ހުންނަން ޖެހެނީ ކޮފީ ބޮއެގެންނެވެ.

މި ހާދިސާއަކީ ޝަރްމު އައްޝައިޚްގައި އުރުދުޣާން ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން މީސްމީޑިއާގައި ދައުރުވަމުންދާ މީމްއެއްގެ ހަގީގަތެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މެލޯނީ ދިގު މުއްދަތެއް ވަންދެން ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ކުރެއްވި މަސައްކަތް މިވަނީ ކާމިޔާބުވެފައެވެ.

ހިއްސާ ކުރައްވާ!