ސައިބަރ ސެކިއުރިޓީ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޑިޖިޓަލް ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހުށަހެޅި ސައިބަރ ސެކިއުރިޓީ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ މުއްދަތު ޖޫން 17 އިން ފެށިގެން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ 14:00 އާ ހަމައަށް މަޖިލީހުން ކަނޑައަޅާފައިވެއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ސަލާމަތްތެރިކަން ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަށަވަރުކުރުމެވެ. ދާހިލީ އަދި ގައުމުތަކުގެ ދެމެދުގައި ހިނގާ ސައިބަރ ސެކިއުރިޓީގެ ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމަށް މި ބިލު ބާރުއަޅައެވެ. މީގެ އިތުރުން، ދައުލަތާއި އަމިއްލަ ދާއިރާގެ މުހިއްމު މައުލޫމާތުތަކާއި ނިޒާމުތައް ހިމާޔަތްކުރުމަށް ބޭނުންވާ ސެކިއުރިޓީ މިންގަނޑުތައް މި ބިލު ކަނޑައަޅައެވެ.

މި ބިލުން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ޚާއްސަ އިދާރާއެއް އުފައްދަން ލާޒިމުކުރެއެވެ. މި އެޖެންސީ ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ބެލުމުގެ ދަށުންނެވެ. އަދި ފަސް މެންބަރުންގެ ބޯޑަކުން މި އެޖެންސީ ހިންގާނެއެވެ. ސައިބަރ ސެކިއުރިޓީގެ އެންމެހާ ކަންކަން އެޖެންސީގެ ލަފާގެ މަތިން މަޖިލީހުން ކަނޑައަޅާނެއެވެ.

މީގެ އިތުރުން، ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކުރެއެވެ. ގަވައިދާ ޚިލާފަށް ޚިދުމަތްދޭ ފަރާތްތައް ބައިލައްކަ ރުފިޔާއިން ފެށިގެން ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މި ބިލުން އެޖެންސީއަށް ލިބިދެއެވެ.

ސައިބާ ކުށްވެރިންގެ އާ މަރުކަޒަކަށް ސްރީލަންކާ: ބައިނަލްއަގުވާމީ ނެޓްވޯކުތައް ފުޅާވަނީ

ހިއްސާ ކުރައްވާ!