އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ) ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް، ޖުލައި މަހުގެ 24 ވަނަ ދުވަހު ވޯޓެއް ނެގުމަށް އެ ކޯޓުން ތާވަލުކޮށްފިއެވެ.
ކަރީމް ޚާން މަގާމުން ވަކިކުރުމަށް މި ވޯޓު ނަގަނީ، އޭނާގެ އޮފީހުގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކާއެކު ރުހުމަކާ ނުލައި ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، 18 މަސް ދުވަހުގެ ތަހުގީގެއް ކުރުމަށްފަހު އޭނާ ސީރިއަސް އަހުލާގީ މައްސަލަތަކެއް ހިންގާފައިވާ ކަމަށް އައިސީސީގެ ހިންގާ އިދާރާއިން ކަނޑައެޅުމާ ގުޅިގެންނެވެ.
ކަރީމް ޚާން ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އޭނާ ސަސްޕެންޑް ކުރުމާއި، އޭނާ މަގާމުން ވަކިކުރުމަށް ނަގާ ވޯޓަކީ ގާނޫނާ ހިލާފު، އަދި އިންސާފުވެރި ނޫން އަމަލެއް ކަމަށް އޭނާގެ ވަކީލުން ވަނީ ސިފަކުރައްވާފައެވެ.
މި މައްސަލައާ ގުޅޭ މުހިންމު ކަންކަން:
-
އައިސީސީގެ މެމްބަރު 125 ގައުމުން މި ވޯޓުގައި ބައިވެރިވާނެއެވެ. ޚާން މަގާމުން ވަކިކުރެވޭނީ ސިއްރު ވޯޓެއްގައި އަޣުލަބިއްޔަތު ލިބިގެންނެވެ.
-
މި ތަހުގީގުތައް ކުރިއަށްދާތީ، މިދިޔަ މެއި މަހުން ފެށިގެން ކަރީމް ޚާން ހުންނެވީ އަމިއްލައަށް މަގާމުން ދުރުވެ، ޗުއްޓީއެއްގައެވެ.
-
މި މައްސަލަތަކުގެ ސަބަބުން އައިސީސީ ވަނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. މީގެ އިތުރުން، ޣައްޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް ކަރީމް ޚާން ނެރުއްވި އަމުރުތަކުގެ ސަބަބުން އެމެރިކާއިން ވަނީ އެ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
ކަރީމް ޚާންއަކީ އައިސީސީގެ ތާރީހުގައި އެ ކޯޓުގެ އޯވަރސައިޓް ބޮޑީއިން ރަސްމީކޮށް ސަސްޕެންޑް ކުރި ފުރަތަމަ ޕްރޮސެކިއުޓަރެވެ.





