ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށާއި ބަޤާ ސަރަހައްދަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން މަސްރަހު އަނެއްކާވެސް ހަލަބޮލިވެއްޖެއެވެ. މި ހަމަލާތަކުގެ ސަބަބުން، ސްވިޓްޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ އާއި އީރާނުގެ މަތީ ފަންތީގެ މަޝްވަރާތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އިޒްރޭލުގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާތީ، އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން އަމަލު ކުރުމުން ހިޒްބުالله އިން 50 އަށްވުރެ ގިނަ ހަމަލާ ދީފައި ވެއެވެ. އަދި ޙިޒުބުﷲ އިން ދެމުންދާ ހަމަލާތަކަކީ އެކަމުގެ ރައްދުގައި ދޭ ހަމަލާތަކެއް ކަމަށް ބުނެއެވެ.
އިޒްރޭލުން މި މައްސަލާގައި ހިޒުބުﷲ ބަދުނާމުކޮށް ހަދަނީ ދޮގު ކަމަށާއި، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ އެންމެ ފުރަތަމަ ހިލާފުވީ އިޒްރޭލުން ކަމަށް ހިޒްބުالله އިން ވަނީ ތުހުމަތުކޮށްފައެވެ. އަދި ލުބުނާނުގެ ބިމަށް އިޒްރޭލުން ގަދަކަމުން ވަންނަން އުޅޭ އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.
މި ހަލަބޮލި ހާލަތުގެ ތެރޭގައި ވެސް ޑިޕްލޮމެޓިކް މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ޕާކިސްތާނުގެ ހޯމް މިނިސްޓަރު މުހްސިން ނަގްވީ އީރާނަށް ވަޑައިގެން، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތަފްސީލުތައް އޮޅުންފިލުވުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުގެ މީޑިއާ ބުނެއެވެ.
ސްވިޓްޒަލޭންޑުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ބޭނުންވާ ސިއްރު އަދި އިތުބާރު ހުރި މާހައުލެއް ފަހިކޮށްދިނުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސިއްރު ހިފެހެއްޓުމުގެ ގޮތުން ހާމަނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.





