މަހުމޫދު އައްބާސް އެމެރިކާއަށް ވަނުން މަނާ ކުރަނީ

އަންނަ ސެޕްޓެމްބަރު މަހު ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ ސަލާމަތީ އަދި ސިޔާސީ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ތަޤްރީރު ކުރެއްވިޔަނުދިނުމަށްޓަކައި، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އެމެރިކާއަށް ވަޑައިގަތުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދާކަން ހާމަވެއްޖެއެވެ.
ޔަހޫދީ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުވެސް އެމެރިކާއިން ވަނީ ރައީސް ޢައްބާސް އދ. އަށް ވަޑައިގަތުމަށް ހުރަސްއަޅާފައެވެ. އަދި މިއަހަރުވެސް އެ ނިންމުން ތަކުރާރުކުރަން އުޅޭތީ، އެމެރިކާގެ ނިންމުން ބަދަލުކުރުވައި، އެމެރިކާއަށް އެތެރެވުމުގެ ވިސާ ހޯއްދެވުމަށްޓަކައި ފަލަސްޠީނުގެ ސަރުކާރުން ދަނީ ސޫރީއާއި ތުރުކީފަދަ ޤައުމުތައް މެދުވެރިކޮށް ސިއްރު ޑިޕްލޮމެޓިކް މަޝްވަރާތަކެއް ހިންގަމުންނެވެ.
ވޭތުވެދިޔަ އަހަރުގެ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުން ފެށެން އުޅެނިކޮށް، އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ރައީސް ޢައްބާސް އާއި ފަލަސްޠީނު ސަރުކާރުގެ 80 އޮފިޝަލެއްގެ ވިސާ ބާތިލުކޮށްފައެވެ. މި ނިންމުމާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި ފާޑުކިއުންތަކެއް އެމެރިކާއަށް އަމާޒުވިއެވެ.
ފަލަސްޠީނުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ މި ނިންމުމަކީ 1947 ވަނަ އަހަރު އދ. އާއި އެމެރިކާއާ ދެމެދު ވެވިފައިވާ "ހެޑްކުއާޓަރސް އެގްރީމެންޓް" އާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ޚިލާފު އަމަލެއް ކަމަށެވެ. އެގްރީމެންޓްގައިވާ ގޮތުން، އދ. ގެ އޮބްޒާވަރު ދަރަޖަ ލިބިފައިވާ ފަލަސްޠީނުގެ ވަފުދުތަކަށް އދ. އަށް ދިއުމުގެ ފުރުޞަތު އެމެރިކާއިން ފަހިކޮށްދޭންޖެހޭނެއެވެ.
ރައީސް ސަހުޔޫނީ ޓްރަމްޕްގެ ފުރަތަމަ ރިއާސީ ދައުރުން ފެށިގެން އެމެރިކާއިން ވަނީ އިސްރާއީލަށް ތާއީދުކޮށް، ފަލަސްޠީނުގެ ސަރުކާރާ އޮތް ގުޅުންތައް ކަނޑާލާފައެވެ. މީގެ ތެރޭގައި ހިމެނޭ މުހިންމު ނިންމުންތަކާއި ފިޔަވަޅުތަކަށް ބަލާއިރު:
  • 2017 ޑިސެމްބަރު: އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުން.
  • 2018 އޮކްޓޯބަރު: ވޮޝިންގޓަންގައި ހުންނަ ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ މިޝަން އޮފީސް ބަންދުކުރުން.
  • މާލީ ދަތިކުރުން: ފަލަސްޠީނުގެ ސަރުކާރަށާއި އދ. ގެ ރެފިއުޖީ އޭޖެންސީ (އޮންރުވާ) އަށް އެމެރިކާއިން ދެމުންދިޔަ އެހީތައް އެކީ ހުއްޓާލން.
އެމެރިކާގެ ސިޔާސަތަށް އައި ބޮޑު ބަދަލު
ޕީއެލްއޯގެ އޮފީސް ބަންދުކުރީ ފަލަސްޠީނުން އިސްރާއީލުގެ އުދަނގޫތަކާއި ހަނގުރާމައިގެ ޖަރީމާތައް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް ހުށަހަޅަން ނިންމުމުންނެވެ. އެއާއެކު، ހުޅަނގު އައްސޭރީގައި އިސްރާއީލުން ޣައިރުޤާނޫނީ ސެޓްލްމަންޓްތައް ފުޅާކުރުމާ ދެކޮޅަށް އެމެރިކާއިން ގެންގުޅުނު ޚާރިޖީ ސިޔާސަތު ދޫކޮށްލައި، އިސްރާއީލުގެ އަމަލުތަކަށް އެމެރިކާއިން ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.
ހިއްސާ ކުރައްވާ!