އިސްރާއީލުގެ އުތުރުގައި އޮންނަ ދާމޮން ޖަލުގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ އަންހެން އަސީރުންގެ ގޮޅިތަކަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގަވީރު ވަދެ އަންހެން އަސީރުންގެ ގަޔަށް ބޮލަށް އަރައިފިއެވެ.
އިސްރާއީލުގެ ޗެނަލް 14 އިން ފޮނުވި ރިޕޯޓެއްގައިވާ ގޮތުން، ބެން-ގަވީރު ވަނީ "ސައިކޮލޮޖިކަލް އަދި ސެކިއުރިޓީ" ކުށްވެރިންގެ ގޮތުގައި އިސްރާއީލުން ސިފަކުރާ ފަލަސްޠީނުގެ އަންހެން އަސީރުން ތިބި ގޮޅިތަކަށް ވަދެ، އެމީހުންގެ ޖަލުގެ ޙާލަތު ބަލާފައެވެ. އަދި ޖަލުގައި ތިބޭ މުއްދަތުގައި އަސީރުން "ވޭން ތަޙައްމަލުކުރަންޖެހޭނެ" ކަމަށް ބުނެ، ބެން-ގަވީރު ވަނީ އެމީހުންގެ ޝަކުވާތަކަށް މަލާމާތް ކުރިއެވެ.
އަސީރަކު އޭނާގެ ޙާލަތު ބަޔާންކޮށް، ޖަލުގެ މާހައުލާއި ކަންކަން ހުރިގޮތް ނުހަނު ދަތިކަމަށް ބުނުމުން، ބެން-ގަވީރު ވަނީ އެއީ "ދިމުޤްރާޠީ ޤައުމެއްގައި" ކަންކަން އޮންނަންޖެހޭނެ އެންމެ ތާހިރު ގޮތް ކަމަށް ބުނެފައެވެ. އަދި "ނިރުބަވެރިން ޖެހޭނީ ވޭން ތަޙައްމަލުކުރަން" ކަމަށާއި އެމީހުންނަށް އެއްވެސް އުފާވެރިކަމެއް ލިބިގެންނުވާނެ ކަމަށް ޔަހޫދީ ކަލޭގެ ބުންޏެވެ.
ޙައިފާ ކައިރީގައި އޮންނަ ދާމޮން ޖަލުގައި ފަލަސްޠީނުގެ ގިނައަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހައްޔަރުކޮށްފައި ވެއެވެ،. އިސްރާއީލުގެ ސަރުކާރުން ދަނީ އަސީރުންނާމެދު އިތުރަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދަނީ އިސްރާއީލުގެ ޖަލުތަކުގައި އަސީރުންނަށް ކުރާ އަނިޔާތަކާއި، ކާނާއާއި ބޭސްފަރުވާ އަދި އަސާސީ ޚިދުމަތްތަކުން މަޙްރޫމްކުރާ ކުރުން ކުށްވެރިކުރަމުންނެވެ.
ބެން-ގަވީރުގެ މި އަމަލަކީ ފަލަސްޠީނުގެ އަސީރުންގެ ކަރާމާތަށް އަރައިގަނެ، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ސަލާމަތަށް ނުރައްކާކުރުމަށް ހިންގި ޣައިރުޤާނޫނީ ޢަމަލެއްގެ ގޮތުގައި ފަލަސްޠީނުގެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.





