ޣައްޒާގައި މިހާރު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކީ ފެއިލްވަމުންދާ އެއްބަސްވުމެއްކަމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، އޮކްސްފާމް އިންޓަނޭޝަނަލްގެ އިންސާނީ އެހީގެ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާ ބުޝްރާ ޚާލިދީ، ވިދާޅުވެއްޖެއެވެ. އޭނާ ވަނީ ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި، އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ.
ޚުދު އޭނާއަކީވެސް ޣައްޒާގައި އާއިލާ ތާށިވެފައިވާ ފަލަސްތީނުގެ މަންމައެއްކަން ފާހަގަކުރައްވައި ޚާލިދީ ވިދާޅުވީ، ޣައްޒާގެ ހާލަތަކީ ލިޔެކިޔުންތަކުން އެނގޭ ވަރަށް ވުރެ މާ ހިތްދަތި ހާލަތެއް ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތައްވެސް މިހާރު ލިބެން ނެތްކަން އޭނާ ހާމަކުރެއްވިއެވެ.
"ސުލްހަ އަކީ ހަމައެކަނި ލިޔެކިޔުންތަކުން ފާސްކުރާ އެއްޗެއް ނޫން، އެއީ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުން،" ޚާލިދީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ޔަހޫދީ ޒަޔަނިސްޓުން ހުރަސްއަޅައި، އެހީގެ މަސައްކަތްތައް ހުއްޓުވަމުންދާ ކަމަށެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރުމުގައި އެމެރިކާއާއި އިސްރާއީލުގެ ފަސްޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، ޚާލިދީ ގޮވާލެއްވީ ވަގުތުން ވަގުތަށް ޒިންމާދާރުކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން، ސިޔާސީ، ޑިޕްލޮމެޓިކް އަދި ގާނޫނީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ޣައްޒާގައި ހިނގަމުންދާ އަނިޔާތަކާއި އިޒްރޭލުންއ ހިންގާ ގާނޫނާ ޚިލާފު އަމަލުތައް ނިމުމަކަށް ގެނައުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
މި މަހުގެ ތެރޭގައި ހަނގުރާމައަށް 1000 ދުވަސް ފުރޭއިރު، ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ހިތްދަތިކަމަކީ ދުނިޔެއަށް ލިބޭ ބޮޑު ލަދެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޣައްޒާގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމާ ކޮންމެ ނިންމުމެއްގައިވެސް ފަލަސްތީނުގެ ރައްޔިތުންގެ އަޑު އިއްވުމަށް އޭނާ ގޮވާލެއްވިއެވެ.





