އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ) ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން، އިނގިރޭސިވިލާތުގެ ބާ އެސޯސިއޭޝަނުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ އަހުލާގީ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށްދާތީ، އެކަމާ ގުޅޭގޮތުން ޑިސިޕްލިނަރީ ފިޔަވަޅުތައް ނިމެންދެންނެވެ.
މިއީ ކަރީމް ޚާންއާ ދެކޮޅަށް ކުރިމަތިވެފައިވާ އެންމެ ފަހުގެ ގޮންޖެހުމެވެ. މިދިޔަ ހަފުތާގައި އައިސީސީގެ އޯވަރސައިޓް ބޮޑީއިން ވަނީ ކަރީމް ޚާން ސީރިއަސް އަހުލާގީ މައްސަލަތަކެއްގައި ޝާމިލުވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރުމަށް ލަފާދީފައެވެ.
ކަރީމް ޚާންގެ މައްޗަށް ކުރެވިފައިވަނީ އޭނާގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކާއެކު "ރުހުމަކާ ނުލައި ޖިންސީ ގުޅުން ހިންގި" ކަމުގެ ތުހުމަތެވެ. މި މައްސަލަ ބެލި އދ.ގެ އިންޓަރނަލް އޯވަރސައިޓް ސާވިސްގެ ރިޕޯޓެއްގައި އެކަމާ ގުޅޭ ހެކިތައް ހުރި ކަމަށް ބުނެފައިވެއެވެ.
ކަރީމް ޚާން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް، ޖުލައި 24 ވަނަ ދުވަހު ނިއު ޔޯކްގައި އައިސީސީގެ މެމްބަރު ގައުމުތަކުގެ މެދުގައި ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ކަރީމް ޚާން މި ތުހުމަތުތައް ދޮގުކުރައްވައެވެ. އޭނާގެ ވަކީލުން ބުނާ ގޮތުގައި، މި ފިޔަވަޅުތަކަކީ އެއްވެސް ހެއްކެއް ނެތި، އަދި އިޖުރާއީ ގޮތުން އިންސާފުވެރި ނޫން ގޮތަކަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
މި މައްސަލައިގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް ކަރީމް ޚާން ނެރުއްވި އަމުރުތަކުގެ މައްސަލައާއި ޒަޔަނސިްޓުންގެ ބްލެކްމެއިލް ކުރުމާއި ނުފޫޒު ވެސް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ބައެއް ޑިޕްލޮމެޓުން ގަބޫލުކުރާ ގޮތުގައި، މި ތުހުމަތުތަކަކީ އައިސީސީން އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ތަހުގީގުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކެކެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ވަނީ ކަރީމް ޚާންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އައިސީސީގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.





