ކެނެޑާގެ އެޑްމަންޓަންގައި މުސްލިމް ކުޑަކުދިންގެ ޑޭކެއާއެއް ކައިރީގައި އިސްލާމްދީނާ ދެކޮޅު ލިޔުންތަކެއް ލިޔެފި

ކެނެޑާގެ އެޑްމަންޓަންގައި ހުންނަ މުސްލިމް ކުޑަކުދިންގެ ޑޭކެއާއެއް ކައިރީގައި އިސްލާމްދީނާ ދެކޮޅު އިސްލާމޮފޯބިއާގެ ނަފްރަތުގެ ލިޔުންތަކެއް ފެނުމާ ގުޅިގެން، އެ ސަރަހައްދުގެ މުސްލިމް އަންހެނުންނާއި އެކްޓިވިސްޓުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލަ މިހާރު އެޑްމަންޓަންގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިފަދަ ހާދިސާތަކުގެ ސަބަބުން މުސްލިމް އަންހެނުންގެ މެދުގައި ބިރުވެރިކަން އުފެދި، އަމިއްލަ މުޖުތަމައުގައި ސަލާމަތުން އުޅެވޭނެ ކަމުގެ އިހުސާސް ކުޑަވަމުންދާ ކަމަށް އެ ސަރަހައްދުގެ އަންހެނުން ބުނެއެވެ. މިފަދަ ނަފްރަތުގެ އަމަލުތަކުން އިސްލާމްދީނާމެދު އޮންނަ ނޭދެވޭ ޚިޔާލުތައް ޚާއްސަކޮށް އަންހެނުންނަށް އަނިޔާވެރިވާ ދީނެއްގެ ގޮތުގައި އިސްލާމްދީން ސިފަކުރުން އިތުރުވެ، މުސްލިމް އަންހެނުންނަށް އަމާޒުވާ ފުރައްސާރަ އިތުރުވާ ކަމަށް "ސިސްޓާސް ޑައިލޮގް" ގެ ފަރާތުން ބުނެފައި ވެއެވެ.

ކެނެޑާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2020 އިން 2024 އަށް މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ނަފްރަތުގެ ޖަރީމާތައް ވަނީ 173 އިންސައްތަ އިތުރުވެފައެވެ.

"ނިސާ ފައުންޑޭޝަން" ގެ ރީޖަނަލް ޑިރެކްޓަރު ސައިމާ މަފާތު ވިދާޅުވީ، މިފަދަ ކަންކަމުގެ އަސަރު ހަމައެކަނި ލިޔެފައިވާ ތަނަށް ނުފޯރާ ކަމަށާއި، އޭގެ ސަބަބުން ބެލެނިވެރިންނާއި ކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަމަށެވެ. މުސްލިމް އަންހެނުންނާއި ކުދިންނަށް ބޭނުންވާ ސަގާފީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އިސްލާމޮފޯބިއާ އަކީ ކޮބައިކަން އާންމުންނަށް އޮޅުންފިލުވައިދީ، ތައުލީމު ފޯރުކޮށްދިނުމަކީ މިފަދަ ކަންކަން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ކެނެޑާގެ ސިޔާސީ ލީޑަރުންނާއި އިސްލާމީ ޖަމިއްޔާތަކުން ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މުސްލިމް އަންހެނުންގެ އަޑު އިއްވުމަށާއި، މިފަދަ ނަފްރަތުގެ އަމަލުތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރުމަށް އެ ޖަމިއްޔާތަކުން ގޮވާލައެވެ.

ހިއްސާ ކުރައްވާ!