ޖޯޑަންގައި ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މަރުގެ އަދަބު ތަންފީޒުކުރަން އަލުން ފަށައިފިއެވެ. އާދީއްތަ ދުވަހުގެ ފަތިހު ވަނީ ޓެރަރިޒަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވެފައިވާ 6 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޖޯޑަންގައި މަރުގެ އަދަބު ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.
މި އަމަލަކީ ޖޯޑަންގެ ދާޚިލީ ސަލާމަތާއި ގައުމީ މަސްލަހަތަށް ނުރައްކާވާ ފަރާތްތަކާމެދު ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ބައެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު އަލް މުމްނީ ވިދާޅުވިއެވެ. ތަންފީޒުކުރެވުނު އަދަބުތަކުގެ ތެރޭގައި 2018 ވަނަ އަހަރު ހިންގި ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ފަރާތްތަކާއި، 2022 ވަނަ އަހަރު ކޮމާންޑަރު އަބްދުއްރައްޒާގް އަލް ދަލާބިހް ޝަހީދުކޮށްލި ހަމަލާގައި ޝާމިލުވި މީހާ ހިމެނެއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިއާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަތިޔާރާއެކު ހަމަލާދިން 3 މީހަކަށް ވެސް މަރުގެ އަދަބު ދީފައިވެއެވެ.
ޖޯޑަންގެ ބޮޑުވަޒީރު ޖައުފަރު ހައްސާން ހާމަކުރެއްވި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ޚާއްސަކޮށް، ބޭރުގެ ކުށްވެރި ޖަމާއަތްތަކާ ގުޅިގެން މަސްތުވާތަކެތި އެތެރެކުރާ ބޮޑެތި ވިޔަފާރިވެރިންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނުތައް ހަރުދަނާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއީ ސަލާމަތީ ބާރުތަކަށް ހަމަލާދޭ ފަރާތްތަކަށް ދެވޭ ސާފު މެސެޖެއް ކަމަށާއި، ގައުމުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދައުލަތުން އެއްވެސް ދުލެއް ނުދޭނެކަމެއްކަން ބޮޑުވަޒީރު ޔަގީންކޮށްދެއްވިއެވެ.
ޖޯޑަންގެ ކުރީގެ ސްޓޭޓް ސެކިއުރިޓީ ކޯޓުގެ ރައީސް ފައްވާޒް އަލް ބަގޫރު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުން މަޑުޖައްސާލާފައި އޮތުމަކީ ބައެއް ކުށްވެރިންނަށް ލިބުނު ފުރުސަތަކަށް ވެފައިވާތީ، މިހާރު މި ނެގުނު ފިޔަވަޅަކީ ގައުމީ ސަލާމަތަށް ޓަކައި ކޮންމެހެން ބޭނުންތެރި އަދި އެހެން ކުށްވެރިންނަށް ދެވޭ ވަރުގަދަ އިންޒާރެކެވެ.
މި އަދަބުތައް ތަންފީޒުކޮކުރަނީ ގާނޫނީ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކުރުމަށް ފަހު، ފަތިސް ނަމާދުގެ ކުރިންނެވެ.
ދަންޖައްސާ މީހާއަށް އެކަން އަންގަނީ 48 ގަޑިއިރު ކުރިންނެވެ.
އެންމެ ފަހުން ދަންޖެއްސި މީހުންގެ އެންމެ ފަހު އެދުމަކީ ބޯނެ ފެންފޮދެކެވެ.
ޖޯޑަންގެ ޖަލުތަކުގައި މިހާރުވެސް މަރުގެ އަދަބު ކަނޑައަޅާފައިވާ 100 އަށްވުރެ ގިނަ މީހުން ތިބިކަން ފާހަގަކުރައްވައި، ގާނޫނީ މަރުހަލާތައް ފުރިހަމަވަމުންދާ ވަރަކަށް އެ އެންމެންގެ މައްޗަށް ވެސް އަދަބު ތަންފީޒުކުރަމުން ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.





