އަލްއަޒްހަރު އިސްލާމިކް ސެންޓަރުގެ އިންސްޓިޓިއުޝަންސް ޑިޕާރޓްމަންޓުން ވަނީ މިޞްރުގެ އެކި ސަރަހައްދުތަކުގައި ހުރި އަޒުހަރުގެ ޤުރުއާން ކިޔަވައިދޭ މަކްތަބުތަކަށް ޤުރުއާން ބެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ.
މި ޕްލޭން ތަންފީޛުކުރަމުން ދަނީ އަލްއަޒްހަރުގެ ޝައިޚް އަޙްމަދު އައްތައްޔިބުގެ އިރުޝާދުގެ ދަށުންނެވެ. މީގެ މަޤްޞަދަކީ ޤުރުއާން ހިތުދަސްކުރާ މަރުކަޒުތަކަށް އެހީތެރިވުމާއި، ﷲގެ ކަލާމްފުޅަށް ޚިދުމަތްކުރުމުގައި އެ މަރުކަޒުތަކުގެ ދައުރު ވަރުގަދަކުރުމެވެ. އަދި ހޫނު މޫސުމާ ދިމާކޮށް ކުރިއަށް ގެންދާ ޤުރުއާނާ ބެހޭ ހަރަކާތްތަކަށް ތައްޔާރުވުމެވެ. މި ހަރަކާތްތަކަކީ މިޞްރުގެ އެކި ޕްރޮވިންސްތަކުގައި ހުރި މަކްތަބުތަކާއި ޤުރުއާން ހިތުދަސްކުރާ ހަލްޤާތަކުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ހަރަކާތްތަކެކެވެ.
މި ޕްރޮގްރާމް ފެށުނީ 20 ޖޫންގައި މިޞްރުގެ ލަކްސަރު ޕްރޮވިންސްގައެވެ. މި މަސައްކަތް އިސްވެ ހިންގަވަނީ އަލްއަޒްހަރުގެ އިންސްޓިޓިއުޝަންސް ޑިޕާރޓްމަންޓުންނެވެ. މިއީ މުޅި މިޞްރުގައި އަލްއަޒްހަރުގެ ސީދާ ބެލެހެއްޓުމުގެ ދަށުން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޤުރުއާން ކިޔަވާ ދަރިވަރުންނަށާއި ހިތުދަސްކުރާ ހަލްޤާތަކަށް ބޭނުންވާ ޤުރުއާން ފޮތްތައް ފޯރުކޮށްދެއެވެ.
ކޮންމެ އަހަރަކުވެސް ހޫނުމޫސުމުގައި ޤުރުއާނާ ބެހޭ ހަރަކާތްތަކަށް ޑިޕާޓްމަންޓުން ޚާއްސަ ސަމާލުކަމެއް ދެއެވެ. އެ މޫސުމަކީ، ޤުރުއާން ހިތުދަސްކުރުމަށާއި، ޤުރުއާނުގެ ޤިރާއަތްތައް ދަސްކުރުމަށް މީހުން ޝައުގުވެރިވާ ޗުއްޓީގެ މޫސުމެވެ.






