ޤަތަރުގައި ގޮވުމެއް: 18 މީހަކު ގެއްލިއްޖެ

ޤަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ބަރްޒާން ގޭސް ފެސިލިޓީގައި، އާދީއްތަ ދުވަހުގެ ރޭ ހިނގި ގޮވުމަކާއި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 54 މީހަކަށް އަނިޔާވެ، 18 މީހަކު ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ފެސިލިޓީގެ މަސައްކަތްތައް އަލުން ފެށުމަށް ކުރި މަސައްކަތުގެ ތެރޭގައެވެ. ޤަތަރު އެނާޖީން ބުނި ގޮތުގައި، މިއީ އޮޕަރޭޝަނަލް އިންސިޑެންޓެއްގެ ސަބަބުން ހިނގި ކަމެކެވެ. ޤަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން މިކަން ސިފަކޮށްފައިވަނީ  ފަންނީ މައްސަލައެއްގެ ގޮތުގައެވެ. އަދި މި ހާދިސާގައި ވިހަ މާއްދާތަކެއް ލީކުވެ، އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށް އެ މިނިސްޓްރީން ޔަޤީންކޮށްދެއެވެ.

ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، ގެއްލިފައިވާ 18 މީހުން ހޯދުމުގެ މަސައްކަތް ޤަތަރުގެ އިންޓަނޭޝަނަލް ސަރޗް އެންޑް ރެސްކިއު ގްރޫޕާއި ސިވިލް ޑިފެންސް ޓީމުތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ، އިރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ކުރިން މެދުކެނޑިފައިވާ ޤަތަރުގެ ގޭސް އެކްސްޕޯޓްކުރުމުގެ މަސައްކަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މިއީ މާރިޗު މަހު އިރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކަށްފަހު، އެ ސަރަހައްދުގައި ހިނގި އެންމެ ބޮޑު ހާދިސާއެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާއިރު، މި ހާދިސާގެ ސަބަބުން ޤަތަރުގެ އެކްސްޕޯޓް ޤާބިލުކަމަށް އަސަރެއް ކޮށްފައިވޭތޯ އަދި ކަށަވަރުވެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!