އަވާމީ ލީގުގެ އަހަރީ ދުވަހާ ދިމާކޮށް ބަންގްލަދޭޝްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަވާމީ ލީގުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީން މަސައްކަތްކޮށްފާނެ ކަމުގެ ބިރު އޮތުމުން، ބަންގްލަދޭޝްގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފިއެވެ. އެ ޕާޓީއަކީ މިހާރު ވެސް ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި މަނާކޮށްފައިވާ ޕާޓީއަކަށްވާއިރު، އެ ޕާޓީގެ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ.

މިކަމާ ގުޅިގެން ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީން ވަނީ ގައުމުގެ އެކި ހިސާބުތަކުގައި ސިފައިން ހަރަކާތްތެރިވުމަށް އެދި ސިފައިންގެ އިސްވެރިންނަށް ސިޓީއެއް ފޮނުވައިފައެވެ. މި ސިޓީގައި ބުނެފައިވާ ގޮތުން، މަނާކޮށްފައިވާ ޖަމާއަތްތަކުން ގާނޫނާ ޚިލާފު ހިނގާލުންތަކާއި އެއްވުންތައް ބޭއްވުމަށް މަސައްކަތްކުރަމުންދާތީ، އޭގެ ސަބަބުން ގައުމުގެ އަމަންއަމާންކަން ގެއްލި، ފުރާނައަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އެބައޮތެވެ.

މި އަމަލުތައް ހުއްޓުވުމަށްޓަކައި، ޑާކާ، ޗައްޓޮގްރާމް، އަދި ގާޒީޕޫރު މެޓްރޮޕޮލިޓަން ސަރަހައްދުތަކުގެ އިތުރުން ނަރަޔާންގަންޖް، ގޯޕާލްގަންޖް، އަދި ފަރީދްޕޫރު ޑިސްޓްރިކްޓްތަކުގައި ޖޫން 22 އިން 30 އަށް ސިފައިން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އަވާމީ ލީގުގެ އަހަރީ ދުވަހަކީ ޖޫން 23 ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން އެ ޕާޓީގެ ސަޕޯޓަރުން ހިނގާލުންތަކާއި އެއްވުންތައް ބާއްވަން މަސައްކަތްކޮށްފާނެ ކަމުގެ ޚަބަރުތަކާ ގުޅިގެން، ފުލުހުންގެ އިދާރާއިން ވެސް ވަނީ ހާއްސަ ސަލާމަތީ ރޭވުންތަކެއް ރާވައިފައެވެ. އެގޮތުން، ވެރިރަށް ޑާކާގެ 200 އަށްވުރެ ގިނަ މުހިންމު ސަރަހައްދުތަކުގައި ފުލުހުންގެ ހާއްސަ ޗެކްޕޮއިންޓުތައް ގާއިމުކޮށް، ސިޓީއަށް ވަންނަ ހުރިހާ ދޮރޯށިތަކެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ.

ޑާކާ މެޓްރޮޕޮލިޓަން ޕޮލިސް އިން ހާމަކުރި ގޮތުގައި، ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް 18،000 އަށްވުރެ ގިނަ ފުލުހުންނާއި ސިފައިންގެ ޚާއްސަ ޔުނިޓުތައް ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

ބަންގްލަދޭޝްގައި މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހިނގި ބޮޑު ނުތަނަވަސްކަމަށްފަހު އެ ގައުމުގެ ސިޔާސީ މަސްރަހު އަދިވެސް ހަމައަކަށް ނޭޅޭތީއެވެ. 2025 ވަނަ އަހަރުގެ މެއި މަހު، ވަގުތީ ސަރުކާރުން ވަނީ އަވާމީ ލީގުގެ ހުރިހާ ހަރަކާތްތަކެއް މަނާކޮށް، އެ ޕާޓީގެ މައްޗަށް ހިންގާ ޝަރީއަތްތައް ނިމެންދެން އެ ފިޔަވަޅު ދަމަހައްޓަން ނިންމައިފައެވެ.

ހިއްސާ ކުރައްވާ!