ޤަތަރު: ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ޢަރަބި ޤައުމެއްގެ 25 މީހުން ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ޤަތަރުގެ ދަފްނާ ސަރަޙައްދުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ބަޔަކު މީހުން އެއްވެ މާރާމާރީއެއް ހިންގާފައިވެއެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯ އާންމުވުމާ ގުޅިގެން ޤަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ވަނީ މި މައްސަލައާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.

އެ މިނިސްޓްރީން "އެކްސް"ގައި ޝާއިއުކުރި ބަޔާނުގައި ބުނެފައިވަނީ، ދަފްނާ ސަރަޙައްދުގެ ކެފޭއެއްގައި ބަޔަކު މީހުން ހިންގި މާރާމާރީއަކީ ޤާނޫނާ ޚިލާފު، އަދި އާންމު ސަލާމަތާއި މަސްލަހަތު ނަގާލާ ފަދަ އަމަލެއް ކަމަށެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ވަގުތުން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ޢަރަބި ޤައުމަކަށް ނިސްބަތްވާ 25 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހުންނާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށްފަހު، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ޤަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން އިތުރަށް ބުނެފައިވަނީ، އާންމު ސަލާމަތާއި މަސްލަހަތު ނަގާލާ ފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާމެދު އެއްވެސް ފަސްޖެހުމެއް ނެތި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޤައުމުގެ ޤާނޫނުތަކަށް އިޙްތިރާމްކޮށް، ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް އެ މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!