އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެކަމާ ގުޅޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 364 ފުޅި ބްރޭންޑެޑް ބަނގުރަލާއި، 78 ފުޅި ޕެޓް ފުޅި، 25 ދަޅު ބަނގުރާ އަދި އެހެނިހެން 7 އައިޓަމެއް ވަނީ ނައްތާލާފައެވެ. މިއީ 21 މައްސަލައަކާއި 13 އިންސިޑެންޓެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ވެސް ވަނީ ނައްތާލާފައެވެ. އެގޮތުން، މި މަހުގެ 22 ވަނަ ދުވަހު ކޫއްޑޫ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ 105 ފުޅި ބަނގުރަލާއި 135 ދަޅު ބަނގުރާ ވަނީ ނައްތާލާފައެވެ. މި ތަކެއްޗަކީ މާރިޗު 1 އިން އޭޕްރީލް 14 އަށް އޭވިއޭޝަން ސެކިއުރިޓީން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.





