ހޫނުކަން: ޖަރުމަން ޕާލަމެންތްގެ ބިއްލުރި ގުއްބުވެސް ބަންދުކޮށްފި

ޖަރުމަނުވިލާތުގެ ޕާލަމެންޓް ބުންޑެސްޓާގް ގެ ބިއްލޫރި ގުއްބާއި އެ އިމާރާތުގެ މަތީގައިވާ ޓެރަސް މި ހަފުތާ ބަންދުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބަންދުކުރަން ނިންމައިފިއެވެ. ޖަރުމަނުގެ ޕާލަމެންޓުން ބުރާސްފަތި ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ނިންމުން ނިންމާފައިވަނީ މޫސުން އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުންނެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހޮނިހިރު އަދި އާދިއްތަ ދުވަހު އެ ތަންތަނަށް ޒިޔާރަތް ނުކުރެވޭނެ ކަމަށާއި، މީގެ ކުރިން ޔަގީންކޮށްދީފައިވާ ޒިޔާރަތްތައް ވެސް މިހާރު ވަނީ ކެންސަލްކޮށްފައި ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި މާ ބޮޑަށް ހޫނުވާ ހާލަތްތަކުގައި ގުއްބު ބަންދުކުރުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށާއި، އިންތިހާއަށް ހޫނުވާނަމަ ޓެރަސް ވެސް ބަންދުކުރަން ޖެހިދާނެ ކަމަށް ޕލަމެންޓުން ހާމަކޮށްފައިވެއެވެ.

އާންމު ހާލަތްތަކުގައި ޖަރުމން ޕާލަމެންޓަށް ޒިޔާރަތްކުރާ މީހުންނަށް މި ބިއްލުރި ގުއްބުގެ އެތެރޭގައި ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ލިބެއެވެ. އަދި އެތަނުން ޕާލަމެންޓްގެ ޖަލްސާތައް ކުރިއަށްދާ މާލަމަށް ބަލާލުމުގެ އިތުރުން ބާލިންގެ ރީތި މަންޒަރުތައް 360 ޑިގްރީން ފެނިގެންދެއެވެ.

ހިއްސާ ކުރައްވާ!