ޖަރުމަންވިލާތުގެ ސެކްސޮނީ-އަންހަލްޓް ސްޓޭޓްގެ އިންތިޚާބުގައި ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔަފަތީގެ "އެލްޓަނޭޓިވް ފޯރ ޖާމަނީ" (އޭ.އެފް.ޑީ) ޕާޓީން ހޯދި ބޮޑު ކާމިޔާބީއާ މެދު ކަންބޮޑުވާ ކަމަށް ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިޝް މާޓްސް ވިދާޅުވެއެވެ. އަދި މި ކާމިޔާބީގެ ސަބަބުން އެ ސްޓޭތްގައި ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔަފަތީގެ ސަރުކާރެއް އުފެދި، ހަރުކަށި ނާޒީއަކު ވެރިކަމަށް އައުމުގެ ފުރުޞަތު އެބައޮތް ކަމަށް އިންޒާރުދެއްވިއެވެ.
ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީ.ޑީ.ޔޫ) ޕާޓީގެ ފެޑަރަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާޓްސް ވިދާޅުވީ، ޖަރުމަނުގައި ވަރުގަދަ ޤާނޫނުއަސާސެއް އޮތް ކަމަށާއި، ކަނާތު ފިޔަފަތީގެ ސަރަޙައްދީ ސަރުކާރަކާ ދެކޮޅަށް ޤާނޫނުއަސާސީ ދިފާޢުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ ޤައުމުގައި އެބހުރި ކަމަށެވެ. ނަމަވެސް، މި އިންތިޚާބުގެ ނަތީޖާއަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމަށް އައި "ބޮޑު ބިންހެލުމެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އަދި މި ނަތީޖާއަކީ ޕާޓީގެ ބިންގަލާ ހަމައަށް ލޮޅުންއެރިކަމެއް ކަމަށާއި، ސަރުކާރަށާއި ޕާޓީއަށް ކަމެއް ނުހިނގާ ކަމަށް ހަދައިގެން ކުރިއަށް ނުދެވޭނެ ކަމަށް މާޓްސް ވިދާޅުވިއެވެ.
ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔަފަތީގެ އޭ.އެފް.ޑީ ޕާޓީގެ މަޤުޞަދަކީ ވެރިކަން ކުރާ ސީ.ޑީ.ޔޫ ޕާޓީ މުޅިން ނައްތާލުން ކަމަށާއި، އެ ޕާޓީއާ އެކު އެއްވެސް މިންވަރަކަށް މަޝްވަރާކޮށް ނުވަތަ އެއްބާރުލުން ނުދޭނެ ކަމަށް މާޓްސް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ސީ.ޑީ.ޔޫ ޕާޓީ ދެމި އަންނާނީ ކޮންރަޑް އެޑިނައުއަރ އަދި ހެލްމުޓް ކޯލްގެ ޚިޔާލުތަކާއި ސިޔާސަތުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސެކްސޮނީ-އަންހަލްޓް ސްޓޭޓްގެ އިންތިޚާބުގައި ވާދަކުރެއްވި ސީ.ޑީ.ޔޫގެ އިސް އޮފިޝަލް ސްވެން ޝުލްޓޭ ވިދާޅުވީ، އިންތިޚާބުގެ ކެމްޕޭން ނުހަނު ނުރައްކާތެރިވެފައި ބުރަވި ކަމަށެވެ. އަދި އޭ.އެފް.ޑީ ޕާޓީން އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި، އާންމުކޮށް ވޯޓުލާން ނުނުކުންނަ މީހުން ވެސް ވޯޓުލާން ގެނައުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ސެކްސޮނީ-އަންހަލްޓް ސްޓޭޓްގެ އިންތިޚާބު އޭ.އެފް.ޑީ ޕާޓީން ކާމިޔާބުކުރި ނަމަވެސް، އެކަނި ސަރުކާރެއް އެކުލަވާލެވޭ ވަރުގެ ފުރިހަމަ އަޣުލަބިއްޔަތެއް އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ.
"އޭ.އާރް.ޑީ" ޗެނަލުން ދެއްކި ނަތީޖާތަކުން ދައްކާ ގޮތުގައި، އޭ.އެފް.ޑީ ޕާޓީއަށް 44.5 އިންސައްތަ ވޯޓު ލިބިފައިވެއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރަމުން އައި ސީ.ޑީ.ޔޫ ޕާޓީއަށް ލިބިފައިވަނީ 18.5 އިންސައްތަ ވޯޓެވެ. މީގެ އިތުރުން ވިޔަފާރިއާ ދެކޮޅު ވާތު ފިޔަފަތީގެ ޕާޓީއަށް 9.5 އިންސައްތަ ލިބުނުއިރު، ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސް.ޕީ.ޑީ) އާއި ގްރީން ޕާޓީއަށް ލިބުނީ 8 އިންސައްތައާއި 9 އިންސައްތައެވެ.
މިއީ 2013 ވަނަ އަހަރު އޭ.އެފް.ޑީ އުފެދުނު ފަހުން ސްޓޭޓެއްގެ ފެންވަރުގައި އެ ޕާޓީން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އަދި އިޤްތިޞާދީ ދުވެލި މަޑުޖެހި، ހަކަތައިގެ އަގު މައްޗަށް ދިއުމުގެ ސަބަބުން މާޓްސްގެ ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން، މި ނަތީޖާ ވެގެން ގޮސްފައިވަނީ އޭނާއަށް ލިބުނު ފުން ހަމަލާ އަކަށެވެ.
އޭ.އެފް.ޑީ ޕާޓީން ވަނީ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ފައިދާނަގައި، ހިޖުރަކުރުން ހުއްޓުވުމަށާއި، މޫސްމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ރޫސީވިލާތާ އެކު އޮތް ގުޅުން އަލުން ބަދަހި ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ސެކްސޮނީ-އަންހަލްޓް ސްޓޭޓަކީ ޖަރުމަނުގެ 16 ސްޓޭޓްގެ ތެރެއިން އެންމެ އުފެއްދުންތެރިކަން ދަށް އަދި ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ އާބާދީއެއް އޮތް ސަރަޙައްދެކެވެ. 1990 އިން 2024 އާ ދެމެދު އެ ސްޓޭޓްގެ އާބާދީ ވަނީ ދަށަށް ގޮސްފައެވެ.






